ޚަބަރު

ހޮންގް ކޮންގް އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި


  • ފުރަތަމަ ފްލައިޓުން 209 ފަތުރުވެރިން ވަނީ އައިސްފައި

  • މި އެއަރލައިންގެ ދަތުރުތައް ހަފްތާއަކު 3 ދުވަހު ކުރާނެ

  • ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ

  • ޗައިނާގެ 4 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރޭ

ހޮންގް ކޮންގް އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ. މި ދަތުރުތައް ކުރާނީ ހޮންގް ކޮންގްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

ހޮންގް ކޮންގް އެއަރލައިންގެ ސީދާ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމާއި ގުޅިގެން އެ އެއަރލައިނުން ރާއްޖެއަށް އައި ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި އެއަރލައިނުން ރާއްޖެއައި ފަތުރުވެރިންނަށް ދިވެހި ސަޤާފީ ބޮޑުބެރާއެކު، ރަތްފިނިފެންމަލުން ވަނީ މަރުޙަބާ ކިޔާފައެވެ.

މި އެއަރލައިނުން ރާއްޖެއަށް ޖުމްލަ 209 ފަތުރުވެރިން ވަނީ އައިސްފައެވެ. ހޮންގް ކޮންގް އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށިއިރު މި އެއަރލައިންގެ ދަތުރުތައް ހަފްތާއަކު 3 ދުވަހު ރާއްޖެއަށް ކުރާނެއެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ އެއަރބަސް އޭ330 މަރުކާގެ ބޯޓުތަކެކެވެ. އެއީ 292 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.

ހޮންގް ކޮންގް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިންއާއި، އެމްއޭސީއެލްއާއި، އެމްއެމްޕީއާރުސީ އަދި އިމިގްރޭޝަންގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހޮންގް ކޮންގް އެއާލައިންއިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރު ފެށީ 2011 ގައެވެ. އޭރު ރާއްޖެއަށް ކޮށްފައިވަނީ ޗާޓަރ ދަތުރުތަކެކެވެ. އެއަށްފަހު 2018 ވަނަ އަހަރުގެ ތެރޭގައި އެ އެއަރލައިނުން ވަނީ ޝެޑިއުލް ދަތުރުތަކެއް ރާއްޖެއަށް ކޮށްފައެވެ. ނަމަވެސް އެ ދަތުރުތައް 2019 ވަނަ އަހަރު ހުއްޓާލަން ޖެހުނީ ކޯވިޑް19ގެ ސަބަބުންނެވެ.

ހޮންގް ކޮންގް އެއަރލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށުމާއެކު ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ. މި އެއަރލައިނާއެކު ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު ވަނީ 4 އަކަށް އިތުރުވެފައެވެ. އެއީ ހޮންގް ކޮންގް އެއަރލައިން، ޝިޗުއާން އެއަރލައިން، ޗައިނާ އީސްޓަން އަދި ބެއިޖިން ކެޕިޓަލް އެއަރލައިނެވެ.

ހޮންގް ކޮންގް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ނަންބަރު މާކެޓަށް ޗައިނާ މާކެޓް ހެދުމަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެދިވަޑައިގެންފައެވެ. އަދި ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ކޯވިޑްގެ ކުރިން ހުރި މިންވަރަށްވުރެ ދެގުނަ އިތުރުކުރެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ.