ޚަބަރު

އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާސް ޕާޓްނަރޝިޕްގެ ކޯޗެއާއަކަށް ދިވެހިރާއްޖެ


  • އޭޕީއޭޕީގެ ކޯޗެއާ ކަމަކީ 2 އަހަރުގެ ދައުރެއް

  • ކޯޗެއާކަން ރާއްޖެއަށް ލިބުމަކީ ފަޚުރެއްކަމަށް ވަޒީރު ޠާރިޤު ވިދާޅުވި

އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާސް ޕާޓްނާޝިޕް، އޭޕީއޭޕީގެ ކޯޗެއާކަން ލިބިއްޖެއެވެ. މިކަމުގެ ރަމްޒީ ލިޔުން ރާއްޖެއާ ހަވާލުކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި އިނގިރޭސިވިލާތުގެ އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް، އޯސީޕީޕީ ގުޅިގެން ކުރިއަށް ގެންދިޔަ މޯލްޑިވްސް ޕްރޮޓެކްޓެޑް އެންޑް ކޮންޒަރވްޑް އޭރިއާސް ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

އޭޕީއޭޕީގެ ކޯޗެއާކަމުގެ ލިޔުން ރާއްޖެއާ ހަވާލުކޮށްދެއްވީ އިންޓަނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ، އައިޔޫސީއެންގެ ރީޖަނަލް ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް ހަބް ޑިރެކްޓަރ ފޮރ އޯޝެނިއާ ޑރ. ޑިންޑޮން ކަމްޕިލާންއެވެ. ރާއްޖޭގެ ފަރާތުން މިލިޔުމާ ހަވާލުވެވަޑައިގަތީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމްއެވެ. ދެ އަހަރުގެ މުއްދަތަކަށް ކޯޗެއާކަން ރާއްޖެއަށް ލިބުމަކީ ފަޚުރެއްކަމަށާއި އުންމީދަކީ ތިމާވެށި ހިމަޔާތްކުރުމާ ގުޅުންހުރި ހުރިހާ ދާއިރާއަކުން ގުޅުން އިތުރަށް ފުޅާކުރެއްވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭޕީއޭޕީ އުފެދުނީ 2013ވަނަ އަހަރުއެވެ. އޭޕީއޭޕީ އުފެއްދުމުގެ ބޭނުމަކީ އޭޝިއާގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށް ސަރުކާރުތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުން ގުޅިގެން މަސައްކަތް ކުރުމަށް އެހީތެރިވުމެވެ. މިޖަމްޢިއްޔާ އުފެއްދީ އޭޝިޔާ ޤައުމުތަކުގައި ބަޔޯޑައިވަރސިޓީގެ ސްޓްރެޓީޖިކް ޕްލޭންތައް ތަންފީޒުކުރުމަށް ސަރަހައްދީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމަށެވެ.

އައިޔޫސީއެންއަކީ މެމްބަރޝިޕް އުޞޫލުން ޤައުމުތަކުގެ ސަރުކާރާއި، މަދަނީ ޖަމިއްޔާތައް ހިނެމެނޭގޮތަށް އުފައްދާފައިވާ ތިމާވެއްޓާބެހޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ޖަމްޢިއްޔާއެވެ. އައިޔޫސީއެންގައި ދުނިޔޭގެ 91 ޤައުމުން ދައުލަތެއްގެ ހައިސިއްޔަތުން ބައިވެރިވެފައިވާއިރު 170 ޤައުމުން 1400 އަށްވުރެ ގިނަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވަނީ ބައިވެރިވެފައެވެ.

ދުނިޔޭގެ ޤުދުރަތީ މާހައުލާއި އެ މާހައުލުގައިވާ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ އައިޔޫސީއެންއަކީ ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގަންނަ ތަޖުރިބާކާރު ޖަމްޢިއްޔާއެކެވެ.