ޚަބަރު

މަކުނުދޫ އެއަރޕޯޓް ބިންހިއްކުން އަވަސްކުރުމަށް އިތުރު ޑްރެޖަރެއް


  • ބިންހިއްކުން 6 މަސްތެރޭ ނިންމަންދަނީ މަސައްކަތްކުރަމުން

  • ކައުންސިލުން ވަނީ ރަންވޭ 1800 ބޮޑުކޮށްދިނުމަށް އެދިފައި

  • ޢަމާޒަކީ ފަތުރުވެރިކަމުގެ ބިޔަ މަޝްރޫޢެއް ހިންގާ، އިޤްތިޞާދު ފުޅާކުރުން

މަކުނުދޫ އެއަރޕޯޓް ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް 2 ޑްރެޖަރު ބޭނުންކޮށްގެން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރަމުންދަނީ ބިގްފިޝް މޯލްޑިވްސް ކުންފުންޏާއި ހަވާލުކޮށްގެންނެވެ. މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

މަކުނުދުއަކީ ހދ.އަތޮޅުގައި މީހުން ދިރިއުޅޭ އެހެންރަށްތަކާއި ދުރުރުގައި އޮންނަ 73 ހެކްޓަރުގެ ބޮޑު ރަށެކެވެ. ރަށުގެ އާބާދީ 1800އިން މައްޗަށް އަރައެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްސީލް ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް ޢާދަމް ވިދާޅުވީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްތައް ޝެޑިއުލާއި އެއްގޮތަށް ކުރިއަށްދާކަމަށެވެ. އަދި ހިއްކުމުގެ މަސައްކަތުގައި، އިއްޔެއިން ފެށިގެން އިތުުރު ޑްރެޖަރެއް ބޭނުންކުރަން ފަށާފައިވާކަމަށެވެ.

އެއަރޕޯޓް ތަރައްޤީކުރަނީ ރަށާއި ގުޅޭގޮތަށް ފަޅުތެރެއިން 43.12 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.

ސަރުކާރުން މިހާރު ޕްލޭންކޮށްފައިވަނީ އެރަށުގައި 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރުމަށެވެ. މިމަޝްރޫޢަށް ބައެއް ބަދަލުތައް ގެނައުމަށް، މަކުނުދޫ ކައުންސިލުން ވަނީ ޢުމްރާނީ ތަރައްޤީއާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާ ބައްދަލުކުރައްވާފައެވެ.

އައުޒަމް ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި މައިގަނޑު މަޝްވަރާކުރައްވާފައިވަނީ އެއަރޕޯޓްގެ ރަންވޭ ބޮޑުކުރުމަށްކަމަށެވެ. އެގޮތުން މިހާރު ޕްލޭންގައި އޮތް 1500މީޓަރުގެ ރަންވޭގެ ބަދަލުގައި 1800މީޓަރުގެ ރަންވޭއަކަށް ބޮޑުކުރުމަށް ހުށައަޅުއްވާފައިވާކަމަށެވެ. މިކަމުގައި ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާކުރައްވާ، ރައްޔިތުން ބޭނުންވާފަދަ ބަދަލެއް ގެންސްދެއްވާނެކަމުގެ ފެހި ސިގްނަލް ވަޒީރު ދެއްވާފައިވާކަމަށް އައުޒަމް ވިދާޅުވިއެވެ.

ކައުންސިލާއި ސަރުކާރުގެވެސް ޢަމާޒަކީ މަކުނުދޫ ހިމެނޭ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ބިޔަ މަޝްރޫޢުތައް ކުރިއަށްގެންދިއުމެވެ. އެހެންކަމުން، ރަންވޭ ބޮޑުކުރުމުގެ އެންމެ ބޮޑު ބޭނުމަކަށްވެސް ވަނީ، އެއަރޕޯޓަކީ ބައިނަލްއަޤްވާމީ ފެންވަރަށް ޚިދުމަތް ދެވޭ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުން ކަމަށް މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް ވިދާޅުވިއެވެ. މިކަމަށް އިތުރަށް ހިނގާނެ ޚަރަދުގެ ތަފްސީލް ހޯދުމަށް، ބިއްހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާ ކޮންޓްރެކްޓަރަށްވެސް މިހާރު ހުށައަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ރަންވޭ ބޮޑުކުރުމާއި، އެއަރޕޯޓް ސަރަޙައްދުގައި ޕާކިން އޭރިއާއެއް ހެދުމަށް ވާނީ މަޝްވަރާކޮށްފައި. މިބަދަލުތައް ގެނައުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ވުޒާރާއިން ދަނީ ކުރައްވަމުން. އެދުނީ އިންޓަރނޭޝަން ފެންވަރަށް ޚިދުމަތްދެވޭގޮތަށް 1800 މީޓަރުގެ ރަންވޭއަކަށް ބަދަލުކުރުމަށް." އައުޒަމް ވިދާޅުވިއެވެ.

މަކުނުދޫ ރައްޔިތުން އެދުނު އެއްކަމަކީ، އެރަށްކައިރީ އޮންނަ "ފެންބޯހުރާ" ކިޔާ ފަޅު ރަށް ހިމެނޭ ސަރަޙައްދަށް އެއަރޕޯޓް މަޝްރޫޢު ބަދަލުކުރުމަށެވެ. ކައުންސިލްގެ ރައީސް އައުޒަމް ވިދާޅުވީ، މިކަމަކީ މުޅި މަޝްރޫއަށް އަލުން ބޮޑު ބަދަލު ގެންނަންޖެހޭ ކަމަކަށްވާތީ އަދި މަޝްރޫޢު ރޭވުމާއި ޚަރަދަށްވެސް ބޮޑު ބަދަލެއް ގެނެސް މުޅި މަޝްރޫޢު ލަސްވެގެންދާނެ ކަމަކަށެވެ. އެހެންކަމުން ކުރީގެ ޕްލޭނާއި އެއްގޮތަށް މަޝްރޫޢު ގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.

އައުޒަމް ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށް އޮތް 6 މަސްތެރޭގައި މުޅިން ނިންމާލެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ކޮންޓްރެކްޓަރުދޭކަމަށެވެ. މަކުނުދޫ އެއަރޕޯޓް އިމާރާތްކުރުމުގެ މަސައްކަތްތައް މިހާތަނަށް ސަރުކާރުން ކުންފުންޏަކާއި ހަވާލުކުރައްވާފައެއް ނުވެއެވެ.

މަކުނުދުއަކީ ވަކިން އޮންނަ ރަށަކަށްވުމާއެކު، އެރަށުގެ ރައްޔިތުނަށް ދަތުރުފަތުރުކުރުމުގައި އެތަށްގޮތަކުން ގޮންޖެހުންތައް ކުރިމަތިވެއެވެ. އެހެންކަމުން މިމަޝްރޫޢާއެކު، ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަވެ ރަށުގެ އިޤްތިޞާދަށް ބޮޑު ބަދަލެއް ގެނުވާނެ ކަމަށް ރައްޔިތުން ދެކެއެވެ.