ޚަބަރު

ނެޝަނަލް ބިލްޑް އެކްސްޕޯގެ 3ވަނަ އެޑިޝަން ފަށައިފި


  • އެކްސްޕޯ ކުރިއަށްދާނީ ޖަނަވަރީ މަހުގެ 11 އިން 14 އަށް

  • 70 އަށްވުރެ ގިނަ ފަރާތްތަކުން މި އެކްސްޕޯގައި ބައިވެރިވޭ

  • އެކްސްޕޯގެ އަމާޒަކީ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ މަރުކަޒީ ހަބަކަށްވުން

ނޭޝަނަލް ބިލްޑް އެކްސްޕޯގެ 3 ވަނަ އެޑިޝަން ފަށައިފިއެވެ. މި އެކްސްޕޯ ހުޅުވައިދެއްވީ މޫސުމާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމެވެ.

މިއީ ކޮންސްޓްރަކްޝަނާއި، ޢުމްރާނީ ތަރައްޤީ އަދި ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާޢަތުގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް ފުޅާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

"ނޭޝަނަލް ބިލްޑް އެކްސްޕޯ" ކުރިއަށް ދާނީ މިމަހުގެ 11 އިން 14 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. އެކްސްޕޯ ކުރިއަށްދާނީ މިދުވަސްތަކުގެ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ. މިއީ ޢިމާރާތްކުރުމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހުނަރުވެރި ފަރާތްތަކަށް އަމާޒުކޮށް ކުރިއަށްދާ އެކްސްޕޯއެކެވެ.

މި އެކްސްޕޯގެ އަމާޒަކީ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ މަރުކަޒީ ހަބަކަށްވުމާއި، އެކުންފުނިތަކަށް ރޯ މެޓީރިއަލްސް، ހެވީ މެޝިނަރީ އަދި ކޮންސްޓްރަކްޝަންއާ ގުޅުންހުރި އެހެން އުފެއްދުންތައް ދައްކާލުމަށް ޕްލެޓްފޯމެއް ހޯދައިދިނުމެވެ.

ބިލްޑް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޫސުމާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ، އެންމެ ކުދި ފަންތީގެ މަޝްރޫޢުތަކުން ފެށިގެން އެއަރޕޯޓު ތަރައްޤީކުރުން ފަދަ ބޮޑެތި މަޝްރޫޢުތަކަށް ޢިމާރާތްކުރުމުގެ ސިނާޢަތަކީ މުހިންމު ސިނާޢަތެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ އަހަރުތަކުގައި 15 ރިސޯޓް ޕްރޮޕަޓީސް އިތުރުވެ ހަމަ އެ މުއްދަތުގެ ތެރޭގައި 323 ގެސްޓް ހައުސްގެ އޮޕަރޭޝަނަށް ގެނެސްފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ، މިނިސްޓްރީ އޮފް ފިނޭންސް އިން އަންދާޒާކުރާގޮތުގައި ކުރިއަށްއޮތް 3 އަހަރަށް، އިމާރާތްކުރުމުގެ ސިނާޢަތް %7.7 ގެ ކުރިއެރުމެއް ކޮންމެ އަހަރަކު ލިބޭނެ ކަމަށް ލަފާކުރެވޭކަމަށެވެ.

ވަޒީރު ވިދާޅުވީ މި އެކްސްޕޯއާއެކު ތިމާވެއްޓަށް ގެއްލުންވާ ގޮތް ކުޑަކޮށް ޢިމާރާތްކުރުމުގެ މަސައްކަތްތަކުގައި ތިމާވެއްޓަށް ގެއްލުންނުވާނެ ގޮތްތައް ދެނެގަނެ، ޢިމާރާތްކުރުމުގެ މަސައްކަތްކުގެ ތެރެއިން ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމަށް އެ ސިނާޢަތާއި، މޫސުމާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން މަސައްކަތްކުރާނެކަމަށެވެ.

ވަޒީރު ޠާރިޤު ވަނީ މޫސުމާ ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފެށުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި 5 އަހަރުގެ ތެރޭގައި، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢެއް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ. މިކަމުގެ މަޤްޞަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ފެހި ވެށްޓެއް އުފެއްދުންކަމަށްވެސް ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވިއެވެ.

70 އަށްވުރެ ގިނަ ފަރާތްތަކުން މި އެކްސްޕޯގައި ބައިވެރިވާއިރު، އެފަރާތްތަކުން ފޯރުކޮށްދޭ ޢިމާރާތްކުރުމުގެ ސިނާއަތާއި ގުޅުންހުރި ޚިދުމަތްތަކާއި އެފަރާތްތަކުން އުފައްދާ އުފެއްދުންތައް އާންމުންނަށް ދައްކާލެވޭނެއެވެ.