ޚަބަރު

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުޞަތު އެބައޮތް، ސަމާލުވޭ


  • ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެ ތެރެއާއި އުތުރަށް ވިއްސާރަކުރާނެ

  • މެޓް އޮފީހުން ވިދާޅުވީ ހޮނިހިރު ދުވަހާ ހަމައަށް ވިއްސާރަ ދެމިގެންދާނެކަމަށް

  • މާލޭ ސަރަަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުޞަތު އެބައޮތް

  • ކަނޑުދަތުރުކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް

ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު މޫސުމާބެހޭ ގައުމީ އިދާރާއިން ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށީގެން މ. އަތޮޅަށެވެ. އެ އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަވާނެކަމަށާއި، ކަނޑުތައްވެސް ގަދަވާނެކަމަށެވެ.

ރީނދޫ ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މެނދުރު 14:30 އާއި ހަމައަށެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓް ޢަބްދުﷲ ޙާފިޒް ވިދާޅުވީ، ކުރިއަށް އޮތް 4 އަދި 5 ގަޑިއިރު ތެރޭގައި މާލޭ ސަރަޙައްދަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އަދި މާދަމާގެ ހަވީރާއި ހަމައަށް ވާރޭ ދެމިގެންދާނެކަމަށެވެ.

ހާފިޒް ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު އެންމެ ބޮޑަށް ވިއްސާރަކުރާނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ކަމަށެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް އެހާބޮޑަށް ވިއްސާރަ ނުކުރާނެކަމަށާއި، ހުވަދުއަތޮޅުގެ އުތުރުބުރިން ފެށިގެން ރާއްޖޭގެ އެންމެ އުތުރާއި ހިސާބަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހި ވިއްސާރަ ކުރާނެ ކަމަށް ހާފިޒް ވިދާޅުވިއެވެ. މެދުރާއްޖެތެރެ އާއި އުތުރުގެ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން، އެ ސަރަޙައްދުތަކަށް ވާރޭ ވެހި ފެންބޮޑުވުމުގެ ފުރުޞަތު އޮތުމުން މެޓް އޮފީހުން ވަނީ ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މެޓް އޮފީހުން ވިދާޅުވީ އަންނަ ހޯމަ ދުވަހާއި ހަމައަށް ވައި ދެމިގެންދާނެކަމަށެވެ. އެގޮތުން ވާރޭ ވެހުން މާދަމާގެ މެންދުރު ފަސް ނުވަތަ ހަވީރުން ފެށިގެން މަދުވާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. ނަމަވެސް އެވަރެޖްކޮށް ވައި ދަމަހައްޓާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ހިމެނޭ ސަރަހައްދުގައި ދަތުރުކުރާ ކޮޅިިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައިވިއެވެ. މޫސުން ގޯސް މި ދަނޑިވަޅުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި، ސަލާމަތީ ވަސީލަތްތައް ބޭނުންކުރުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.