ޚަބަރު

އިޖުތިމާޢީ ޚިދުމަތްތެރިންނާއި ކައުންސިލިން ދާއިރާއިން ޚާއްޞަ ކޯސްތަކެއް


  • އެޑްވާންސް އިން ފެށިގެން މާސްޓަރސް ލެވެލް ކޯސްތައް

  • ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުން

  • ކައުންސިލިން ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށްވެސް ފުރުޞަތު

އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ދެ ދާއިރާއަކުން މީހުން ތަމްރީން ކުރުމަށް ކޯސްތަކެއް ކުރިއަށް ގެންދިއުމަށް ނިންމަވައިފިއެވެ.

މި 2 ދާއިރާއަކީ އިޖުތިމާޢީ ޚިދުމަތްތެރިންނާއި ކައުންސިލިން ދާއިރާއެވެ.

މި ކޯސްތައް ޚާއްސަކޮށްފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަސައްކަތްތަކުގެ ދާއިރާތަކުގައި ޚިދުމަތްކުރާ މުވައްޒަފުންނަށާއި ޢާންމުންގެ ތެރެއިން އެ ދާއިރާތަކުން ތަމްރީންވާން ޝައުގުވެރިވާ ފަރާތްތަކަށްކަމަށް އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން، އެޑްވާންސް ސެޓްފިކެޓުން ފެށިގެން މާސްޓަރސްއާއި ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ފުރަތަމަ ބުރުގައި ޖުމްލަ 100 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އެ ކޯސަތަކުގެ ތެރޭގައި ސޯޝަލް ސާރވިސް ދާއިރާއިން އެޑްވާންސް ސެޓްފިކެޓް އަދި ބެޗްލަރސް ޑިގްރީއަށް ކިޔަވައިދޭ ކޯސްތަކާއި، ކައުންސެލިން ދާއިރާއިން ބެޗްލަރސް ޑިގްރީއަށް ކިޔަވައިދޭ ކޯސްތައް ހިމެނޭކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން ކޯސްތައް ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އަންނަ ފެބްރުއަރީ އަދި އޮގަސްޓް މަހު ކޯސްތަކަށް ހުޅުވާލުމަށް އެމްއެންޔޫއިން ނިންމާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެގޮތުން ކޯސްތަކުގެ ފުރަތަމަ ބުރު ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކޯހާއި ގުޅޭގޮތުން އިތުރު މައުލޫމާތު ލިބެން ހުންނާނެކަމަށެވެ.

އިޖުތިމާޢީ ޚިދުމަތްތެރިންނާއި ކައުންސިލިން ދާއިރާއާ ގުޅުންހުރި ކޯސްތައް ހިންގުމުގެ މައިގަނޑު މަޤްސަދަކީ އިޖުތިމާޢީ އަދި ޢާއިލީ ކަންކަމާ ބެހޭ ވުޒާރާގައި އެ ދާއިރާތަކުން ޚިދުމަތް ދިނުމަށް ތިބި ފަރާތްތަކުގެ އިތުރުން އިޖުތިމާއީ މަސައްކަތް އަދި ކައުންސިލިން ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމާއި ތަމްރީނުގެ ގޮތުން ފަހި ފުރުޞަތުތަކެއް ހޯދައިދިނުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ކަންކަމާ ބެހޭ ވުޒާރާގެ ދަށުގައި ކުޑަކުދިންނަށާއި ޢާއިލާތަކަށް ޚިދުމަތް ފޯރުކޮށްދޭ 19 މަރުކަޒެއްހުރިއިރު، އެ ވުޒާރާއާއި މަރުކަޒުތަކުގައި ޚިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތްކުރާ ފަރާތްތަކަކީ ކަމާގުޅޭ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ޤާބިލު ބަޔަކަށް ހެދުމަކީ އިޖުުތިމާޢީ އަދި ޢާއިލީ ކަންކަމާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ޚާއްސަ އިސްކަމެއްދެއްވާކަމެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.