ޚަބަރު

ނިއުރޭޑިއަންޓާއި ގައްދޫ ބައްދަލުކުރާ މެޗު މާދަމާ ހަވީރު


  • މި މެޗު ފަސްކުރީ މޫސުން ތަން ނުދިނުމުން

  • މެޗު ފަށާނީ ހޮނިހިރު ދުވަހު ހަވީރު 15:30 ގައި

  • ޕީއެސްއެމްގެ ޔެސް ޓީވީން މެޗު ވަގުތުން ގެނަސްދޭނެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ގދ. ގައްދޫއަށް ނިސްބަތްވާ ގައްދޫ ރެކްރިއޭޝަން ކްލަބް ވާދަކުރާ މެޗު މާދަމާ ކުޅެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

މި މެޗު ކުރިން ކުޅެން ތާވަލުކޮށްފައިވަނީ ހުކުރު ދުވަހު ހަވީރުއެވެ. އެކަމަކު މޫސުން ގޯސްވެ، ދަނޑުގައި ފެން ބޮޑުވުމުގެ ސަބަބުން އެފްއޭއެމް އިން ވަނީ މި މެޗު ފަސްކޮށްފައެވެ. މާދަމާ ގައްދޫ ފުޓުބޯޅަ ދަނޑުގައި މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3:30 ގައެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ދިވެހި ލީގުގެ މެޗެއް މާލެއިން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އެފްއޭއެމުން ރާއްޖޭގެ ފުޓުބޯޅައިގައި، އަތޮޅު ތެރޭގެ ރަށްތައް ބައިވެރިކޮށް، އޮނިގަނޑަށް ގެނައި ބަދަލާއެކު މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުން އަތޮޅު ތެރޭގެ ދެ ޓީމެއް ފުރުސަތު ހޯދާފައިވެއެވެ. އެއީ ގައްދޫގެ އިތުރުން ދިއްދޫއެވެ.

މި ދެޓީމުން ފުރަތަމަ ޑިވިޝަނުގެ ފުރުސަތު ހޯދީ، އަތޮޅު ކޮލިފިކޭޝަނާއި ޒޯން ކޮލިފިކޭޝަނުގެ އިތުރުން ރީޖަނަލް ކޮލިފިކޭޝަން އަދި މާލޭގައި ކުރިއަށްދިޔަ ދިވެހި ލީގުގެ ކޮލިފިކޭޝަންގައި ނަތީޖާ ނެރެގެންނެވެ.

ލީގުގައި ގައްދޫއިން ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓާ ދެކޮޅަށް އަމިއްލަ ފަސްގަނޑުގައި ކުޅެން އޮތްއިރު، އެޓީމުގެ ދެވަނަ މެޗުވެސް ކުޅެންޖެހެނީ އަމިއްލަ ދަނޑުގައެވެ. މި މަހުގެ 18ވަނަ ދުވަހު ކުޅޭ އެ މެޗުގައި ގައްދޫ ނުކުންނާނީ ކުލަބް އީގަލްސްއާ ދެކޮޅަށެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ޓީސީއާ ދެކޮޅަށް މި މަހުގެ 21ވަނަ ދުވަހު ކުޅެން އޮތީ ވެސް އަމިއްލަ ރަށުގައެވެ.

ގައްދޫއިން ގަލޮޅު ދަނޑުގައި ދިވެހި ލީގުގައި ކުޅޭ ފުރަތަމަ މެޗު ކުޅޭނީ އަންނަ މަހުގެ 9ވަނަ ދުވަހު، އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.