މާލޭ ބަނދަރުން އޮޔާގޮސް، ސިނަމާލެ ބުރިޖުގެ ތަނބެއްގައި ޖެހުނު ތެޔޮ އުފުލާ ދެ ބޯޓު ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލް މޭލު ބޭރަށް އަޑިއަށް ހިގައްޖެއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާގޮތުގައި މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި، ބުރިޖު ދަށުން އޮޔާގޮސް މާލެ އަތޮޅުން ބޭރަށް ދަނިކޮށް އެ ދެ ބޯޓުގައި ތިބި 9 ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ. އަދި މިއީ ވަރަށް ބައުވެފައިވާ ދެ ދަގަނޑު ބޯޓުކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ. މި ދެބޯޓު ދިޔަވެގެން އަޑިއަށް ގޮސްފައިވަނީ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން ބޭރަށެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް މި ދެ ބޯޓު އޮޔާދިޔައީ މޫސުން ގޯސްވެ، ނަގިލި ކަހާލުމުގެ ސަބަބުންނެވެ. އޮޔާގޮސް މި ދެ ބޯޓު ޖެހިފައިވަނީ، ސިނަމާލެ ބުރިޖުގެ ސުޕަރ ސްޓްރަކްޗަރގެ މައި ތަނބެއްގައެވެ.
މި ހާދިސާއާ ގުޅިގެން ބުރިޖަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށްޓަކައި ސިނަމާލެ ބުރިޖު އިމާރާތްކުރި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގ ކުންފުނީގެ ޓެކްނިކަލް ފަރާތްތަކުގެ އެހީތެރިކަމާއެކު ވަނީ ޚާއްޞަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ. މިއިންސްޕެކްޝަނުގައި ބެލި ބެލުމުން، ބުރިޖުގެ ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ވެފައި ނުވާކަން ޔަޤީންކުރެވިފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ތަނބުތަކުގެ ބޭރުފުށުގައި ކުދި ގެއްލުންތައް ނުވަތަ "ސަރފެސް ސްކްރެޗް" ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. މި ތަންތަން މަރާމާރު ކުރުމުގެ މަސައްކަތް، ކޮންޓްރެކްޓަރ ސީއެޗްއީސީ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ސިނަމާލެ ބުރިޖު ތަރައްޤީކޮށް ހުޅުވާފައިވަނީ، 2018ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. 1.4 ކިލޯމީޓަރުގެ އެ ބުރިޖުގައި މޫދަށް 7 ތަނބު ޖަހާފަވެއެވެ. މިއީ، 200 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.