ޚަބަރު

ފެނަބާޗޭގެ ކޯޗުގެ އިސްތިއުފާ ކްލަބް ރައީސް ހުއްޓުވައިފި


  • އިސްތިއުފާ އިއުލާނުކުރީ ސަޕޯޓަރުންގެ ސަބަބުން

ޗެމްޕިއަންސް ލީގުގައި ރޯމާއާ އެއްވަރުވި މެޗަށްފަހު އިސްތިއުފާ އިއުލާނުކުރި, ފެނަބާޗޭގެ ކޯޗުގެ އިސްތިއުފާ ކުލަބްގެ ރައީސް ހުއްޓުވައިފިއެވެ.

ކޯޗު އިސްމާއީލް ކާތަލް އިސްތިއުފާ އިއުލާނުކުރީ ރޯމާއާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗަށްފަހުއެވެ. އެމެޗުގައި ސަޕޯޓަރުންގެ ނުރުހުމާ އޭނާއަށް ކުރިމަތިވިއެވެ. ސަޕޯޓަރުން ވަނީ އޭނާއާ ދިމާއަށް ފެންފުޅިވެސް އުކާފައެވެ. ސަޕޯޓަރުންގެ ނުރުހުމާއި, ޕްރެޝަރާއެކު އޭނާ މެޗަށްފަހު އިސްތިއުފާ އިއުލާނުކުރީ ފަހުގެ ނިންމުމުގެ ގޮތުގައެވެ. އަދި އެނބުރި ނާންނާނެ އިސްތިއުފާއެއްގެ ގޮތުގައެވެ.

އެކަމަކު އިސްތިއުފާ އިއުލާނުކުރިތާ ގިނައިރުތަކެއް ނުވެ, ފެނަބާޗޭގެ ރައީސް އަޒީޒް ޔިލްދިރިމް ވަނީ ކޯޗު މަގާމުގައި ދެމިހުންނާނެކަން އިއުލާނުކޮށްފައެވެ. ކުލަބްގެ ރައީސް ވިދާޅުވީ މެޗުގެ ތެރެއިން ބައެއް ސަޕޯޓަރުން ކޯޗާ ދިމާއަށް ފެންފުޅި އުކުމުން ކޯޗު ހިތްހަމަ ނުޖެހިފައި ހުރި ކަމަށެވެ. ކޯޗާ ވާހަކަދެއްކުމުން އެކަން ފާހަގަކުރި ކަމަށާއި, އަދި ޕްރެޝަރުގެ ވާހަކަވެސް ފާހަގަކުރި ކަމަށް ކުލަބްގެ ރައީސް ވިދާޅުވިއެވެ. އެކަމަކު ކުލަބްގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދިން ކަމަށް ކުލަބްގެ ރައީސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން ކޮންމެހެން އާއްމުކޮށް ކޯޗު އިއުލާނުކުރަން ނުޖެހޭނެ ކަމަށެވެ. ކުލަބްގައި ދެމިހުންނަން އެދުމުން އެކަން ކޯޗު ގަބުލުކުރި ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފެނަބާޗޭއަކީ އާއިލާއެއް ކަމަށެވެ.

ކޯޗު އިސްމާއީލް ކާޓަލް ކުޅުންތެރިއެއްގެ ގޮތުގައާއި ވަގުތީ ކޯޗެއްގެ ގޮތުގައި އަދި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކުލަބްގައި މަސައްކަތްކުރާތާ ދިހަ ވަރަކަށް އަހަރު ވަނީ ވެފައެވެ.