ޚަބަރު

ބިންވެރިޔާ ސްކީމުން ގޯތިލިބުނު ފަރާތްތަކަށް ބިން ދޫކުރުމުގެ މަސައްކަތް އަލުން ފަށައިފި


  • ބިން ހަވާލުކުރަން ފަށާފައިވަނީ މިއަދު

  • 18 ބިމެއް ވަނީ ހަވާލުކޮށްފައި

  • މިމަސް ތެރޭގައި ގުޅީފަޅުގެ ގޯތިތައްވެސް ދޫކުރަން ފަށާނެ

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތީގެ ރަޖިސްޓްރީ ޙަވާލުކޮށްފައިވާ ފަރާތްތަކަށް ބިން ކަނޑާ ޙަވާލުކުރުމުގެ މަސައްކަތް އަލުން ފަށައިފިއެވެ. މި މަސައްކަތް އަލުން ފަށާފައިވަނީ ރިޔާސީ އިންތިޚާބާއި ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހުގައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ނިމުނު ސަރުކާރުން ބިން ހަވާލުކޮށްފައިވަނީ ބައެއް މީހުންނަށެވެ. އޭގެ ފަހުން މި މަސައްކަތް ވަނީ ހުއްޓިފައެވެ. އަދި ސަރުކާރު ބަދަލުވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ މި މަޝްރޫއު ދެން ކުރިއަށް ނުގެންދާނެކަމަށް ބުނެ ވާހަކަދައްކާފައެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާފައިވާ ޔަޤީންކަމަކީ ބިން އަދި ފްލެޓް ލިބުނު މީހުންނަށް އެމީހަކަށް ފްލެޓް އަދި ގޯތި ލިބުނު ތަނަކުން ދެއްވާނެކަމުގެ ޔަޤީންކަމެވެ. މި ވައުދުފުޅާ އެއްގޮތައް ބިންވެރިޔާ ސްކީމުން ރަޖިސްޓްރީ ޙަވާލުކޮށްފައިވާ ފަރާތްތަކަށް މިހާރު މިވަނީ އަލުން ބިން ކަނޑާ ހަވާލުކުރުމުގެ މަސައްކަތް ފައްޓަވާފައެވެ.

މި މަސައްކަތް ފަށާފައިވަނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުންނެވެ. ބިން ލިބުނު ފަރާތްތަކަށް އަލުން ބިން ހަވާލުކުރުމުގެ މަސައްކަތާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެ މިނިސްޓްރީ ޕޮލިޓިކަލް ޑިރެކްޓަރ އިސްމާއިލް އިނާޝް ސައީދު ވިދާޅުވީ، މިއަދު ހަވާލުކުރެވިގެން މިދިޔައީ 18 ބިމެއްކަމަށެވެ. އަދި ބިންތައް ސާފުކުރެވޭ ވަރަކުން އެގްރިމަންޓްގައި ސޮއިކޮށްފައިވާ އެންމެންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ.

"700 ކޮންމެވެސް ވަރަކަށް ބިންތައް އެބައުޅޭ އެގްރިމަންޓްގައި ސައިންކޮށްފައި މިހާރު 545 ވާނީ ހަވާލުކުރެވިފައި. ބާކީހުރި ބިންތައް ސާފުކުރެވޭ ވަރަކުން އެބައިވެސް ދަނީ ހަވާލުކުރެވެމުން. މިމަސް ތެރޭގައި ގުޅީފަޅުގެ ގޯތިތައްވެސް ދޫކުރަން ފަށާނެ. މިމަސް ތެރޭގައި ހުޅުމާލެ ބިންތައްވެސް ދީ ނިންމާލެވޭތޯ އަޅުގަނޑުމެން މިބަލަނީ." އިސްމާއިލް އިނާޝް ސައީދު ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބުނު މީހުންނަށް އެންމެ ފުރަތަމަ ރަޖިސްޓްރީ ޙަވާލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި އަދި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ އެތަންތަން ހަވާލުކުރުމަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ހަވާލު =ކުރައްވާނެ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވީ 19639 މީހުންނަށް ގޯތި ލިބުނެއެވެ. އެއީ 9001 ގޯއްޗެވެ.

އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅިފަޅުން 2218 ގޯތި އަދި ގިރާވަރު ފަޅުން 5432 ގޯއްޗެވެ. މި ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެއެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރައްވާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.