ޚަބަރު

ޒަމާނީ އައު ބަނދަރާއެކު މާއުނގޫދޫ އޮޑިވެރިން ހޭލާ ތިބުން ނިމުމަކަށް


  • މަސައްކަތުގެ 53 އިންސައްތަ ނިމިފައި

  • އާބަދީގައި 1200އެއްހާ ގިނަ މީހުން ދިރިއުޅޭ

  • ފެންވަރުގެ ބަނދަރެއް ލިބުމަކީ މާއުނގޫދޫ ރައްޔިތުން ދެކެމުން އައި ހުވަފެނެއް

ށ. މާއުނގޫދޫގެ ބަނދަރަކީ، މޫސުން ގޯސްވާ ދުވަސްވަރު ބަނދަރުތެރެ ގަދަވެ، ބޭނުންކުރުމަށް ދަތިވެފައިވާ ބަނދަރެކެވެ.

އާބަދީގައި 1200 އެއްހާ ގިނަ މީހުން ދިރިއުޅެމުން އަންނަ މާއުނގޫދޫގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. މިހާރުވެސް އެރަށުގައި މަސްވެރިކަން ކުރާ އުޅަނދުތައް އޮންނައިރު އޮޑިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އޮނޑި އަޅާފައި ބާއްވާނެ ޖާގަ ނެތުމާއި، ފަޅު ތިލަވުމާއި ފަޅު ގަދަވުމުގެ މައްސަލައެވެ.

ފަޅުތެރެ ގަދަވުމުގެ ސަބަބުން ބޯޓުފަހަރުތަކަށް އިޔާދަ ނުކުރެވޭވަރުގެ ގެއްލުންތައް މީގެކުރިން ލިބިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. މަސްވެރިކަން ކުރާ ފަރާތްތަކުގެ އިތުރަށްވެސް އެރަށު ބަނދަރު ބޭނުން ކުރާ އެހެނިހެން ފަރާތްތަތަކުންވެސް އުފުލަނީ ހަމަ މިތަކުލީފެވެ. ގަދަވެއްޖެނަމަ ވާޓަރު މަތިންވެސް ރާޅު އަރައިކަމަށް މާއުނގޫދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށް އަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫގެ 53 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައެވެ.

މީގެ ތެރެއިން އެއްގަމު ތޮށިލުމުގެ މަސައްކަތް ނިމި، ބޮޑު ހިލައިގެ ހުރިހާ ޝިޕްމަންޓްތަކެއް ސައިޓަށް ގެންގޮސް، އަންލޯޑް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މާއުނގޫދޫ ކައުންސިލްގެ ރައީސް އަޙްމަދު ސަލީމް ވިދާޅުވީ، އެރަށުގައި އެންމެ ފުރަތަމަ ބަނދަރެއް ހެދީ 2000 ގެ އަހަރުތަކުގެ ތެރޭގައެވެ.

ބަނދަރެއް އޮތްނަމަވެސް، މޫސުން ގޯސް ދުވަސްވަރެއްނަމަ ބަނދަރުގެ ބޭނުން ނުކުރެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މޫސުން ގޯސް ދުވަސްވަރެއްނަމަ، ބަނދަރުފައި އަޅާފައި ހުންނަ އޮޑިދޯނިފަހަރަށް ލިބިދާނެ ގެއްލުމަކަށް އޮޑިވެރިން ތިބެނީ ހޭލާކަން ސަލީމް ފާހަގަކުރެއްވިއެވެ.

"ބަނދަރެއްއޮތް. އެކަމަކު ގަދަ ވެއްޖެނަމަ ބޭނުމެއް ނުކުރެވޭ. ހޭލާ ތިބެން މި ޖެހެނީ. އޮޑި ދޯނި ފަހަރު ގެންގުޅޭ ފަރާތްތަކާއި އެހެން ބޭނުމުގައި އަންނަ ފަރާއްތައް ވަރަށް އުނދަގުލާ ކުރިމަތިލާން އެބަޖެހޭ" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ޒަމާނީ ފެންވަރުގެ ބަނދަރެއް ލިބުމަކީ އެރަށުގެ ރައްޔިތުން ދެކެމުން އައި ހުވަފެނެއްކަމަށާއި، މިއީ ރަށަށްވެސް ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ ސަބަބުން އޮޑިވެރިން ތަޙައްމަލުކުރަމުންދިޔަ އުނދަގޫތައް ފިލާ، ހަމަ ނޭވާލުމުގެ ފުރުޞަތު ލިބިގެން ދާނެކަމަށް ސަލީމް ވިދާޅުވިއެވެ.

މާއުނގޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، 59،013.29 އަކަމީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3245.48 ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ

ހަމައެހެންމެ 105 މީޓަރު ގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1508.90 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރު ބައްތިއާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 59.71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.