ޚަބަރު

ކުޅުދުއްފުށީ އެއަރޕޯޓު އިތުރަށް ބޮޑުކޮށް ތަރައްޤީކުރަނީ


  • ފަސިންޖަރ ޓަރމިނަލް ބޮޑުކޮށް އިތުރަށް ތަރައްގީކުރާނެ

  • ފަސިންޖަރ ޓާމިނަލްގެ ސްޓްރަކްޗާއަށް ބަދަލުގެންނާނެ

  • ފަސިންޖަރުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް ނިންމާފައިވޭ

ހދ. ކުޅުދުއްފުށި އެއާޕޯޓްގެ ފަސިންޖަރ ޓަރމިނަލް ބޮޑުކޮށް، އަލުން ތަރައްގީކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ރީޖަނަލް އެއާފޯޓްސް ކޮމްޕެނީ ލިމިޓެޑުން ހުޅުވާލައިފިއެވެ.

ރީޖަނަލް އެއާފޯޓްސް ކޮމްޕެނީ ލިމިޓެޑުން ވިދާޅުވީ އެ މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން ޖެހެނީ އެ ކުންފުނީގެ ކޮންސްޕްޓް އަދި ކުރެހުމާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.

ހދ. ކުޅުދުއްފުށި އެއާޕޯޓްގެ ފަސިންޖަރ ޓާމިނަލް ބޮޑުކޮށް، އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 11،345 އަކަފޫޓުގެ ފަސިންޖަރ ޓާމިނަލެއް ތަރައްގީކުރާނެއެވެ. އަދި އެ ޓާމިނަލް ސަރަހައްދުގައި ޝޭޑިންއެއްލުމާއި މިވަގުތު ބޭނުންކުރެވެމުންދާ ޓާމިނަލްގެ ސްޓްރަކްޗާއަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުންވެސް ހިމެނެއެވެ.

މީގެ އިތުރުން ފަސިންޖަރުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ގާއިމްކުރުން ހިމެނޭކަމަށް ރީޖަނަލް އެއާފޯޓްސް ކޮމްޕެނީ ލިމިޓެޑުން ވިދާޅުވެއެވެ.

ރީޖަނަލް އެއާފޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ކޮންސްޓްރަކްޝަން ކުންފުނިތަކުން، އީއޯއައި ހުށަހެޅަންޖެހޭނީ ޖެނުއަރީ 9ގެ ނިޔަލަށްކަމަށެވެ. އަދި މަޝްރޫއުއަށް ކަނޑައަޅާފައިވާ ބިޑް ޑޮކިއުމަންޓް ދޫކުރެވޭނީ ރަޖިސްޓަރީވެފައިވާ ފަރާތްތަކައްކަމަށް ރީޖަނަލް އެއާފޯޓްސް ކޮމްޕެނީ ލިމިޓެޑުން ވިދާޅުވެއެވެ.

ކުޅުދުއްފުށި އެއާޕޯޓްގެ ފަސިންޖަރ ޓާމިނަލްގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ފެށުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ “ހަފްތާ 14” ގެ މަގުޗާޓުގައި ހިމަނާފައި އޮތް މަސައްކަތެކެވެ.

ކުޅުދުއްފުށި އެއާޕޯޓާއި ކައިރީގައި އޮންނަ ކުޅި ހިމެނޭހެން އުތުރަށް އޮންނަ ހުސްބިން ޓޫރިޒަމަށް ތަރައްގީކުރުމަށް ވެސް ރީޖަނަލް އެއަރޕޯޓުސް ކުންފުނިން އަދި ކުޅުދުއްފުށި ކައުންސިލުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.