ޚަބަރު

ޕައިލެޓް ޓްރެއިނިންއަށް އެއްފަހަރާ ގިނަ އަދަދެއްގެ ސްކޮލަރޝިޕް ދީފައިވާތީ ވަޒީރުގެ ކަންބޮޑުވުން


  • ވަޒީފާގެ ފުރުޞަތު ނުލިބޭނެތީ ވަޒީރު ކަންބޮޑުވޭ

  • ކިޔަވާ ދާއިރާ ބަދަލުކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު

  • އެއްވެސް ސްކޮލަރޝިޕެއް އަތުލުމުގެ ވިސްނުމެއް ނެތް

  • ސްކޮަލަރޝިޕް ދީފައިވަނީ ސިޔާސީ ބޭނުމެއްގައިކަމަށް ވަޒީރު ވިދާޅުވޭ

ކުރީ ސަރުކާރުން ޕައިލެޓްކަން ކިޔަވަން ބޭނުންވާ ފަރާތްތަކަށް އެއްފަހަރާ ގިނަ އަދަދެއްގެ ސްކޮލަރޝިޕް ފުރުޞަތު ދީފައިވާތީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ވަޒީރު މިކަންބޮޑުވުން ފާޅުކުރެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ މަސައްކަތްތައް މީޑިއާތަކާ ހިއްސާ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކުރީ ސަރުކާރުން ވަނީ މިދިޔަ އަހަރު 450 އަށްވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުޞަތު ޕައިލެޓް ސްޓަޑީސް ލައިސަންސް ހޯދަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައެވެ. އެކަން އެއީ ނުވިސްނައި، ސިޔާސީ ބޭނުމަށް ކޮށްފައިވާކަމެއް ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކެޑޭޓް ޕައިލެޓުންގެ ގޮތުގައި މިހާރުވެސް ކިޔަވައިގެން އައިސް ރާއްޖޭގައި ވަޒީފާ ނުލިބި 70 އެއްހާ މީހުން އެބަތިބި ކަމަށެވެ. އަދި ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލިއިރުވެސް 200 އަށްވުރެ ގިނަ ކުދިން ޕައިލެޓްކަން ކިޔަވަމުންދާކަމަށާއި، އެއްފަހަރާ ގިނަ ޢަދަދެއްގެ ކުދިންނަށް އެ ފުރުޞަތު ހުޅުވާލުމުން ކުރިއަށް އޮތްތަނުގައި ޤައުމީ މައްސަލައަކަށް އެކަން ވެދާނެކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ސްކޮލަރޝިޕްގެ ފުރުޞަތު ދޭން ޖެހޭނީ ޤައުމެއްގެ ނިސްބަތުން އެ ޤައުމަށް ބޭނުންވާ ދާއިރާތަކުން ނުވަތަ ކިޔަވައިގެން އަންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ލިބެން ހުންނަ ދާއިރާތައް ބަލައިގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އަމީން ވިދާޅުވީ، ކެޑޭޓް ޕައިލެޓުންނަށް ރާއްޖޭގައި ވަޒީފާގެ ފުރުޞަތު ދެނީ ޤައުމީ އެއަރލައިން މޯލްޑިވިއަނާއި ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އިން އެކަނިކަމަށެވެ. އެ ދެ ކުންފުނިން އެވްރެޖުކޮށް އުފެދެނީ 30 އެއްހާ ވަޒީފާކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އޭވިއޭޝަންގެ ދިިގު ހިސްޓްރީގައި އަޅުގަނޑަކަށް ނޭނގެ ދުނިޔޭގެ އެއްވެސް ޤައުމަކުން، ކެޑޭޓު ޕައިލެޓަކަށް ވަޒީފާ ލިބުނު ކަމެއް. ކޮންމެ ޤައުމެއްގައި ވެސް ބޮޑު ބެކްލޮގެއް އެބަ އޮވޭ ވަޒީފާ ނެތް، ކެޑޭޓް ޕައިލެޓުންގެ، އެހެންވެ ކޮންމެ ޤައުމަކުން ވެސް އިސްކަން ދޭނީ އެ ޤައުމެއްގެ މީހުންނަށް." ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭން ޕައިލެޓްކަން ކިޔަވަންދަނީ ރަނގަޅު ނަތީޖާ ހޯދާ ކުދިންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެއީ އިންސާނީ ވަސީލަތުގެ ނަޒަރުން ބެލި ނަމަވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެފަދަ ކަންކަން ކުރަން ޖެހޭނީ ވަރަށް ރަނގަޅު ޕްލޭނަކާއެކު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އަމީން ވިދާޅުވީ އެ ކަންބޮޑުވުންތައް ހުރުމުން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއެކު ސްކޮލަރޝިޕް ލިބުނު ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން، ދާއިރާ ބަދަލު ކުރަން ބޭނުންވާ ކުދިންނަށް އެ ފުރުޞަތު ފަހިކުރެވޭނެ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށާއި، އެއްވެސް ސްކޮލަރޝިޕެއް އަތުލުމުގެ ވިސްނުން މި ސަރުކާރުން ނުގެންގުޅުއްވާކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.