ޚަބަރު

މަސައްކަތްތެރިންގެ ޔޫނިއަންތައް ހެދޭގޮތަށް އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ތަސްދީގުކުރައްވައިފި


  • ރަޖިސްޓްރަރ އޮފް ޔޫނިއަންސްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވާނެ

  • 3 މަސް ދުވަހުގެ ތެރޭގައި ޔޫނިއަންތައް އަލުން ރަޖިސްޓްރީކުރަން ޖެހޭނެ

  • މި ޤާނޫނަށް އަމަލުކުރާނީ 3 މަސް ދުވަސް ފަހުން

އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ، 18 ޑިސެމްބަރު 2023 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ.

މި ބިލުގައި ޤާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމިއްޔާތަކުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ޙައްޤު ކުރިއަރުވައި އެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި އެ ޙައްޤު ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތައް މިބިލުގައި ހިމަނާފައި ވެއެވެ.

މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ޙައްލުކުރުމާގުޅޭ އުސޫލުތަކާއި، ޓްރޭޑް ޔޫނިއަންތަކާގުޅޭ ކަންކަން އިންތިޒާމު ކުރުމުގެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ރަޖިސްޓްރަރ އޮފް ޔޫނިއަންސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަންކުރައްވާނެއެވެ. މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކުރުމާއި ޤާނޫނާ ޚިލާފުވާ ޔޫނިއަންތަކާމެދު ފިޔަވަޅު އެޅުމުގެ ކަންކަން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކުރާނީ ރަޖިސްޓްރަރ އޮފް ޔޫނިއަންސްއެވެ.

ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް އެކުލަވާލާ ގަވާއިދަށް ޢަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި، ކުރިން އެހެން ޤާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުން އައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅައިގެން ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.

ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި 8 މެންބަރުންގެ މައްޗަށް އެކުލެވޭ "ޓްރައިޕަރޓައިޓް އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އުފެއްދުމާއި އެ މުއްދަތުގެ ތެރޭގައި "އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަން"ގެ ވަކި ޑިވިޜަނެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އުފައްދާނެއެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއެކު މިހާރު އެ ޤާނޫނު ވަނީ ގެޒެޓުކޮށްފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާތާ 3 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ޙައްލުކުރުމުގައި މުޢާމަލާތްކުރުމުގެ ގަވާއިދު އުވިގެންދާނެއެވެ.