ޚަބަރު

ޖަޕާން އަތުން ރާއްޖޭގެ ޓީޓީ ޓީމު ބަލިވެއްޖެ


  • ފިރިހެން ޓީމު ޖަޕާން އަތުން ބަލިވީ ސީދާ ތިން ގޭމުން

ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފިރިހެން ޓޭބަލް ޓެނިސް ޓީމުން މުބާރާތް ބާއްވާ ގައުމު ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެއެވެ.

ޖަޕާނާ ދެކޮޅަށް ރާއްޖޭގެ ފިރިހެން ޓީޓީ ޓީމުން ކުޅުނު މެޗުން ބަލިވީ ސީދާ ތިން ގޭމުންނެވެ.

މި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ އިސްމާއިލް ޝައްފާން ނުކުތީ ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ޖަޕާނުގެ ސޮރާ މަޓަޝިމާއާ ދެކޮޅަށެވެ. މި ގޭމުގެ ސެޓުތައް ދިޔައީ، 11-6، 11-9 އަދި 11-6 އިންނެވެ. މި ގޭމުގައި ޝައްފާންގެ ފަރާތުން އުންމީދީ ކުޅުމެއް ފެނިގެންދިޔައެވެ.

ދެވަނަ ގޭމުގައި ރާއްޖޭގެ މޫސާ މުންސިފް ނުކުތީ ޖަޕާނުގެ ޓޮގާމީއާ ދެކޮޅަށެވެ. މި ގޭމު ޓޮގާމީ ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. މި ގޭމުގެ ސެޓުތައް ދިޔައީ، 11-5، 11-3 އަދި 11-4 އިންނެވެ.

ތިންވަނަ ގޭމުގައި ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ރާފިއު މުހައްމަދު ނުކުތީ ޖަޕާނުގެ ހިރޮޓޯ ޝިނޮޒުކާއާ ދެކޮޅަށެވެ. ރާފިއުއަކީ އުމުރުން 15 އަހަރުގެ ކުޅުންތެރިޔެކެވެ. މި ގޭމުގެ ސެޓުތައް ދިޔައީ، 11-3، 11-3 އަދި 11-8 އިންނެވެ.

ރާއްޖޭގެ ގައުމީ ފިރިހެން ޓީޓީ ޓީމުން އާދީއްތަ ދުވަހު ޖަޕާން އަތުން ބަލިވިއިރު، އަންހެން ޓީޓީ ޓީމު ވަނީ ދުނިޔޭގެ ރޭންކިންގެ ހަތްވަނައިގައި އޮތް ދެކުނު ކޮރެއާ އަތުން ބަލިވެފައެވެ.