ދުނިޔެ

ނަގޯރނޯކަރަބާޚްގައި ކޮންމެ ވަގުތަކުވެސް ހަނގުރާމަ އަލުން ފެށިދާނެ


މެދުތެރޭ އޭޝިޔާގެ ދެގައުމު ކަމަށްވާ އަރމީނިޔާ އާއި އަޒަރުބައިޖާނާ ދެމެދު މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ނަގޯރނޯ ކަރަބާޚްގައި ހިނގަމުންދާ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލާފައިވީނަމަވެސް ކޮންމެ ވަގުތަކުވެސް ހަނގުރާމަ އަލުން ފެށިދާނެކަމުގެ ބިރުއެބައޮތް ކަމަށް އެސަރަޙައްދުގެ ޢާންމުން ބުނެފިއެވެ. ނަގޯރނޯ ކަރަބާޚްގައި ހިނގި ހަތަރުދުވަހުގެ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލާފައިވަނީ ރަޝިޔާއާއި އެމެރިކާއާއި އެނޫންވެސް ބައެއް ޤައުމުތަކުން ކުރި ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ސަބަބުންނެވެ.

ނަގޯރނޯކަރަބާޚް އަކީ މިހާރު އަޒަރުބައިޖާންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދެކެވެ. އެސަރަހައްދުގެ މިލްކުވެރިކަމަށް ދައުވާކުރާ ދެވަނަ ގައުމަކީ އާރމީނިޔާއެވެ. މިހަފްތާގައި ނަގޯރނޯކަރަބާޚް ގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ފަހަތުގައިވަނީ އެސަރަހައްދު އަޒަރުބައިޖާނުން ވަކިކޮށް އާރމީނިޔާގެ ދަށަށް ގެންދިޔުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނެވެ. މިހަނގުރާމަވެރިންނަކީ އާރމީނިޔާ ސަރުކާރުގެ ސިޔާސީ އަދި އަސްކަރީ މަދަދު ލިބޭބައެކެވެ.

ނަގޯރނޯކަރަބާޚްގައި ހަރަކާތްތެރިވާ ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނާއި އަޒަރުބައިޖާން ސިފައިންނާ ދެމެދު ފާއިތުވި ހަތަރު ދުވަހު ބަދަލުކުރެވުނު ޙަމަލާތަކުގައި ތިރީހަށްވުރެ ގިނަމީހުން މަރުވެ ސަތޭކައަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާއިރު މަރުވި މީހުންގެ ތެރޭގައި އަޒަރުބައިޖާން ސިފައިންގެ ސޯޅަމީހުންނާއި އެސަރަހައްދުގެ އާންމުން ހިމެނެއެވެ.

ނަގޯރނޯކަރަބާޚްގެ އާންމު ރައްޔިތުންނަކީ ހަމަޖެހުމާއި ސުލްހަވެރިކަމުގައި ދިރިއުޅެން ބޭނުންވާބައެކެވެ. ނަގޯރނޯކަރަބާޚްގެ ކޮންޓްރޯލް އާމީނިޔާ ނުވަތަ އަޒަރުބައިޖާނަށް އޮތުމަކީ އެސަރަހައްދުގެ އާންމުން މާބޮޑަށް ސަމާލުކަން ދޭބައެކެވެ. އެމީހުން ބޭނުންވަނީ ހަމަޖެހުމާއި ސުލްޙައެވެ. ނަގޯރނޯކަރަބާޚްގެ އާންމު ރައްޔިތެއް ކަމަށްވާ އަލްމިރާ ބާގިރްޔާން ބުނީ އެމީހުން އުޅެމުންދިޔައީ އަމާންކަމާއި ސުލްހަވެރިކަމުގައި ކަމަށާ ނަމަވެސް ފާއިތުވެދިޔަ ދެތިންދުވަހު އުޅެންޖެހުނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

"އަހަރެމެން އުޅެމުންދިޔައީ ސުލްހަވެރިކަމުގައި، ނަމަވެސް ފާއިތުވި ދެތިންދުވަހު ވަރަށްވަރުގަދަ ޙަމަލާތަކެއް ބަދަލުކުރެވިގެންދިޔަ، އަހަރެންގެ އަންހެން ދަރިފުޅު ބުނީ މަންމާއޭ މިއީ ކޮންކަމެއްހޭ؟ އަހަރެން ބުނީ އަހަރެންނަށް ނޭންގޭކަމަށް، އަހަރެމެން އަމިއްލަ ނަފްސު ހިމާޔަތްކުރުމަށްޓަކައި ތަނެއްގެ ތެރެއަށް ވަދެތިބެންޖެހުނީ، އަހަރެމެންނަށް ފެނުނީ ކުޑަދޮރުތަކާއި އެނޫންވެސް ހުރިހާ އެއްޗެއް ތެޅި ހަލާކުވަމުންދާ މަންޒަރު، ގޭގެ ފާރުގައި ބޮޑު ބާގަނޑެއް ހެދިގެންދިޔަ، އަދި އެއްޗެއް ވެއްޓިގެންދިޔަ، މިއާއެކު އަހަރެމެން ފިލައިގެންދިޔައީ ތިރީ ބުރިއަށް." އަލްމިރާ ބާގިރްޔާން ބުންޏެވެ.

އަރމީނިޔާއާއި އަޒަރުބައިޖާންއަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގައި ހިމެނުނު ދެގައުމެވެ. ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު ސޮވިއެޓް ޔުނިޔަން ރޫޅި މިދެގައުމަށް މިނިވަންކަން ލިބުމުން އެދެގައުމުގެ މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ސަރަހައްދެއްގެ ގޮތުގައި ނަގޯރނޯކަރަބާޚް ވެގެންދިޔައެވެ. އަދި ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު މިމައްސަލާގައި އަރމީނިޔާއާއި އަޒަރުބައިޖާން އާ ދެމެދު އެތަށް މަހެއްވަންދެން ހަނގުރާމަ ހިނގައި ހަމަލާތައް ބަދަލުކުރެވި އެތައް ބަޔަކު މަރުވެގެން ގޮސްފައިވެއެވެ. އޭގެ ވިއްސަކަށް އަހަރުފަހުން މިދިޔަ ހަފްތާގައި އަނެއްކާވެސް މިމައްސަލަ މިވަނީ ފެންމަތިވެފައެވެ. ރަޝިޔާއިން ވަނީ ނަގޯރނޯކަރަބާޚްގެ ޙަމަލާތައް ދާއިމީގޮތަކަށް ހުއްޓުވުމަށް މަސައްކަތް ކުރަމުން ގެންދާކަން ހާމަކޮށްފައެވެ. މިކަމަށްޓަކައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އަރމީނިޔާއާއި އަޒަރުބައިޖާން މިހަފްތާ ނިމޭހިސާބު ވަޑައިގަންނަވާނެ ކަމަށް ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އަދި ނަގޯރނޯކަރަބާޚް ގައި ހިނަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން ބުދަދުވަހުވަނީ އަރމީނިޔާއާއި އަޒަރުބައިޖާން ގެ ރައީސުންނާ ފޯނުން ގުޅުއްވައި އެ ދެގައުމުގެ ހޫނުވެފައިވާ މަސްރަހު ފިނިކުރެއްވުމަށް މަސައްކަތް ކުރައްވާފައެވެ.