ޚަބަރު

ބްރިޖުފަދަ ބޮޑެތި އެސެޓުތަކާމެދު ކުރީ ސަރުކާރުން ވަނީ ބޮޑެތި އިހުމާލުތަކެއްވެފައި: ފަހުމީ


  • ބްރިޖްގެ މޮނިއުމަންޓްގެ ސަރވޭއެއް ވަނީ ހަދާފައި

  • މޮނިއުމަންޓަށް ކަރަންޓު ފޯރުކޮށްދޭ 10 ޑީސީ ސަޕްލައި ޔުނިޓުން 7 ޔުނިޓުގައި މައްސަލަ ޖެހިފައި

  • މޮނިއުމަންޓްގައި ދަބަރުޖަހައި ބަދަލުކުރަންޖެހިފައި

މިހާތަނަށް ބެލި ބެލުމުން ސިނަމަލޭ ބްރިޖްގެ މެއިންޓަނަންސްގައި ނިމިދިޔަ ސަރުކާރުން ބޮޑެތި އިހުމާލުތަކެއް ވެފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސިނަމާލޭ ބްރިޖަކީ ރާއްޖޭގައި ޢުމްރަނީގޮތުން ހިންގުނު އެންމެ ބިޔަ އެއް މަޝްރޫޢުކަމަށްވުމާއެކު ދެމެހެއްޓެނިވިގޮތެއްގައި ބްރިޖްގެ ކަންކަން ބަލަހައްޓަންޖެހެއެވެ. އެހެންނަމަވެސް ބްރިޖްގެ ލައިޓުތަކާއި ގުޅިގެންނާއި ބްރިޖަށް އަރާއިރު ހުންނަ މޮނިއުމަންޓްގައި ދަބަރު ޖެހުމާއި އޭގެ ލައިޓުތައް ނުދިއްލުމުގެ ފާޑުކިޔުންތައް އެކި ފަރާތްތަކުގެ އޮވެއެވެ.

އައު ސަރުކާރުން ހަވާލުވުމަށްފަހު ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއި ސްޓެލްކޯ ގުޅިގެންދަނީ ބްރިޖްގެ މޮނިއުމަންޓް ބެލެހެއްޓުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި މަސައްކަތްތަކާއި ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވީ ފުރަތަމަ ބެލިބެލުމުންވެސް ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ހާމަވެފައިވާކަމަށެވެ.

އެގޮތުން ބްރިޖް މޮނިއުމަންޓަށް ކަރަންޓު ދިނުމަށް ބޭނުންކޮށްފައިވާ 10 ޑީސީ ސަޕްލައި ޔުނިޓުގެ ތެރެއިން 7 ޔުނިޓަކީ މައްސަލަ ޖެހިފައިވާ ޔުނިޓުތައްކަން ފާހަގަވެފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ގިނަ ލެޑުތައް ހަލާކުވެފައިވާކަމަށާއި، މޮނިއުމަންޓް ހަރުކުރުމަށް ޖަހާފައިވާ ބްރެކެޓުތަކާއި، އިސްކުރުތަކުގައި ދަބަރުޖަހާފައިވާތީ، ބަދަލުކުރަންޖެހިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

ބްރިޖްގެ މޮނިއުމަންޓް ބެލެހެއްޓުމުގައި އިހުމާލުވެފައިވުމުގެ ސަބަބުން ބްރިޖްގެ ނަން އަދި ހަރުކުރެވިފައިވާ ލައިޓްތައް ހަލާކުވެފައިވާކަން ސްޓެލްކޯ އެމްޑީވަނީ ފާހަގަކުރައްވާފައެވެ. އަދި ޤައުމީ މިފަދަ ބޮޑެތި އެސެޓުތަކަކީ އަބަދުވެސް ރަނގަޅަށް ބަލަހައްޓަންޖެހޭ ތަންތަންކަން ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ޢުމްރާނީ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އިންޖިނިއަރަކު ހުންނެވުމުން ރައީސް ޑރ .މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިފަދަ ޤައުމީ ބޮޑެތި އެސެޓުތައް ރަނގަޅަށް ބަލަހައްޓާ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރައްވާނެކަމަށް ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވަނީ ވިދާޅުވެފައެވެ.

ސިނަމާލޭ ބްރިޖްގެ މަޝްރޫޢު ނިމިގެން ވަކި މުއްދަތެއްގެ ތެރޭގައި ބްރިޖްގެ މެއިންޓަނަންސް މަސައްކަތްކޮށްފައިވަނީ ބްރިޖްގެ މަސައްކަތްކުރި ޗައިނާގެ ކުންފުނިންނެވެ.