ޚަބަރު

"ފެނަކައިން ވޭތުވެދިޔަ 5 އަހަރުތެރޭގައި މުދަލާއި ޚިދުމަތް ހޯދާފައިވަނީ ބޮޑުތަނުން ގެއްލުންވާނެހެން"


  • ނުއަގުގައި ގިނަ ޚަރަދުތަކެއް ކޮށްފައިވޭ

  • ގިނަ މަޝްރޫޢުތައް ހިންގާފައިވަނީ އެމަރޖެންސީ ޕްރޮކިއުމަންޓް އުޞޫލުން

  • އެންމެ ގިނައިން ގަނެފައިވަނީ ޖެނެރޭޓަރު ސެޓާއި ކޭބަލް

ފެނަކައިން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ކުންފުންޏަށް ބޮޑުތަނުން ގެއްލުންވާނޭހެން މުދަލާއި ޚިދުމަތް ހޯދުމަށް ޚަރަދުކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. މިގޮތުން އެންމެ ޚަރަދު ބޮޑުކޮށް ކުރެވޭ މުޢާމަލާތުގެ ގޮތުގައި ހިމެނޭ އެމަރޖެންސީ ޕްރޮކިއުމަންޓްގެ ދަށުން ގިނަ ޢަދަދެއްގެ މުދާ ގަނެފައިވާކަމަށް އެކުންފުނިން ބުނެއެވެ.

ފެނަކައިގައި ހިންގާފައިވާ ކޮރަޕްޝަނަށް މަގުފަހިވާ އަދި ކުންފުންޏަށް ގެއްލުންވާނެހެން ހިންގާފައިވާ ކަންކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ކުންފުންޏަށް ގެއްލުންވާނެހެން ގިނަ ކަންތައްތަކެއް ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ހިންގާފައިވާކަމަށެވެ.

މިގޮތުން ޕްރޮކިއުމަންޓް އުޞޫލެއް ކުންފުނީގައި އޮތްއިރު، އެ އުޞޫލާއި ޚިލާފަށް ނުއަގުގައި ކުންފުންޏަށް މުދަލާއި ޚިދުމަތް ހޯދާފައިވާކަމަށް މުޢާޒް ވިދާޅުވިއެވެ.

"އެމަރޖެންސީކޮށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަންދޭ. އެހެންނަމަވެސް ސަލާމަތްކުރެވޭނެ ޚަރަދުތައްނަމަވެސް އެމަރޖެންސީކޮށް ޕްރޮކިޔޯކޮށްފައިވަނީ. އެއީ ވަރަށް ޚަރަދު ބޮޑު ގޮތެއް." މުޢާޒް ވިދާޅުވިއެވެ.

އެމަންޖެންސީ ޙާލަތެއްގައި ކުއްލިއަކަށް ކުރަންޖެހޭ ހޭދަކުރުމަށް އެ ކުންފުނީގެ ޕްރޮކިއުމަންޓް އުޞޫލު ތަން ދިންނަމަވެސް، އެއީ އަގުބޮޑުކޮށް ކުރަންޖެހޭކަމެއްކަން މުޢާޒް ފާހަގަކުރެއްވިއެވެ.

މުޢާޒް ވިދާޅުވީ، ނިމިދިޔަ 2022 ގައި އެކަނިވެސް އެމަރޖެންސީ ޕްރޮކިއުމަންޓްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. މިއީ ދުރަލާ ރާވާލެވިގެން ކުރިއަށްގެންދިޔަނަމަ ސަލާމަތްކުރެވޭނެ ޚަރަދުތަކެއްކަން މުޢާޒް ފާހަގަކުރެއްވިއެވެ.

އިމަރޖެންސީ ޕްރޮކިއުމަންޓްގެ ގޮތުގައި ގިނަ ޢަދަދެއްގެ މުދާ ގަނެފައިވާއިރު މީގެތެރޭގައި އެންމެ ގިނައިން ގަނެފައިވަނީ ޖެނެރޭޓަރު ސެޓުތަކާއި ކޭބަލްތައްކަން ފެނަކައިން ފާހަގަކުރެއެވެ. އަދި މިގޮތަށް ގަނެފައިވާ މުދަލަކީވެސް އެންމެ އެކަށީގެންވާ ގޮތުގައި ކޮށްފައިވާ ހޭދައެއް ނޫންކަމަށް ފެނަކައިން ބުނެއެވެ. އެގޮތުން 37.6 ކިލޯމީޓަރުގެ ކޭބަލް ގަތުމަށް 815 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފެނަކައިން ބުނެއެވެ.

މީގެއިތުރުން ޖެނެރޭޓަރު ސެޓުތަކެއް ގަނެ 55 ރަށެއްގައި އެމަރޖެންސީކޮށް މަސައްކަތްކުރިކަން ފެނަކައިން ފާހަގަކުރެއެވެ. އަދި މިއީ ކުންފުންޏަށް ގެއްލުން ބޮޑުކޮށް، ކޮށްފައިވާކަމަކަށްވާއިރު މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ އުޞޫލުތަކުގެ ތެރެއިން ކުރެވޭނެކަމެއްކަން ފެނަކައިން ފާހަގަކުރެއެވެ.

ފެނަކައިން ގެއްލުމުގައި މުދާ ގަތުމުގެ އިތުރުން ކުންފުންޏަށް ގެއްލުންވާނެހެން ކުންފުނީގެ މުވައްޒަފުންގެ ކަންކަން ބައްޓަންކޮށްފައިވާއިރު. ދެމެހެއްޓެނިވި ގޮތެއްގައި ޚަރަދުކުޑަކުރުމަށް އެއްވެސް މަސައްކަތްކޮށްފައި ނުވަކަން ފެނަކައިގެ އައު މެނޭޖްމަންޓުން ފާހަގަކުރެއެވެ.