ޚަބަރު

އިންތިޚާބުތަކާގުޅޭ މަސައްކަތްކުރުމަށް ޤައުމީ ލަފާދޭ ކޮމިޓީ އެެކުލަވާލައި ފުރަތަމަ ބައްދަލުވުން ބާއްވައިފި


  • މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޢުލޫމާތުތައް ވަނީ ހިއްސާކޮށްފައި

  • މި ބައްދަލުވުމުގައި ކަމާއި ގުޅުން ހުރި ފަރާތްތައް ބައިވެރިވި

އިންތިޚާބުތަކާއި ގުޅޭ މަސައްކަތްތައް ކުރުމަށް ޤައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައި، ކަމާއި ގުޅުން ހުރި ފަރާތްތަކާއެކު ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

ދަރުބާރުގޭގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކާއި، ކަމާއި ގުޅުން ހުރި މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ.

އޭގެ ތެރޭގައި އެމް.އެން.ޕީ، އެމް.ޑީ.ޕީ، އަދި ދަ ޑިމޮކްރެޓްސް ހިމެނެއެވެ. މުވައްސަސާތަކުން ބައިވެރިވީ އެޗް.އާރް.ސީ.އެމް، އެލް.ޖީ.އޭ، މީޑިއާ ކައުންސިލް، ބްރޯޑްކާސްޓިން ކޮމިޝަން އަދި ޓްރާސްޕޭރެންސީ މޯލްޑިވްސްއެވެ. މި ކޮމިޓީގައި ޕީޕީއެމް/ ޕީއެންސީއިން ބައިވެރިވެފައެއްނުވެއެވެ.

ޤައުމީ ލަފާ ދޭ ކޮމިޓީއަކީ އިންތިޚާބުތަކުގައި ކަމާއި ގުޅުން ހުރި ފަރާތްތަކުން ލަފާ ދިނުމަށް އެކުލަވާލި ކޮމިޓީއެކެވެ.

މި ކޮމިޓީގެ ބައްދަލުވުމުގައި ކުރިއަށް އިންތިޚާބުތަކުގެ އެންމެފަހުގެ މަޢުލޫމާތު ވަނީ ހިއްސާކޮށްފައިވައެވެ. މީގެ އިތުރުން ކުރަން ނިންމާފައިވާ މަސައްކަތާއި، ކުރިއަތް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ތާރީޚާކާމެދު ވަނީ މަޝްވަރާކޮށްފައެވެ.

މި މަޝްވަރާތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކާއި، ކަމާއި ގުޅުން ހުރި މުއައްސަސާތަކުން ލަފާދެއްވީ ރަމަޟާން މަސް ނިމި 6 ރޯދަވެސް ނިމުމަށްފަހު ދެން އެންމެ އަވަހަށް އިންތިޚާބު ބޭއްވޭނެ ތަރީޚެއް ކަނޑައެޅުމެއެވެ.

ޤައުމީ ލަފާދޭ ކޮމިޓީގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބަށް ތައްޔާރުވުމަށް، އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުން މުހިންމުކަމަށެވެ. އެގޮތުން މި އިންތިޚާބު ބޭއްވުމަށް ތާރީޚެއް ކަނޑައެޅިފައި ނުވާތީ މަސައްކަތްކަތަށް ގޮންޖެހުންތަކެއް ދިމާވާކަމަށް ޙަބީބު ވިދާޅުވިއެވެ.

ޙަބީބު ވިދާޅުވީ، ބައެއް މަސައްކަތްތަކަކީ ތާރީޚު ކަނޑައެޅިގެން ކުރެވޭ މަސައްކަތްތަކެއްކަމަށެވެ. ޙަބީބު ވިދާޅުވީ، ރޯދައިގެ ފަހުން މަޖިލިސް އިންތިޚާބު ބާއްވާނަމަ ޤާނޫނަަށް ބަދަލު ގެންނަން ޖެހޭނެކަމަަށެވެ. އެކަމަކީ ފަސޭހަކަމެއް ނޫންކަން ފާހަގަކުރައްވާ ޙަބީބު ވިދާޅުވީ ކޮންމެ އިންތިޚާބަކަށް ވަކިން ޤާނޫނު ބަދަލު ނުކުރެވޭނެކަމަށެވެ.

"ޤާނޫނަަށް ބަދަލުތައް ގަނައުމަކީ ރަނގަޅުކަމެއްނޫން އިންތިޚާބުތައް ކައިރިވީމައި. ވަކި އިންތިޚާބަކަށް ވަކި ޤާނޫނެއް. އެއީ ދެން ޤާނޫނީ ހަމަތަކުން ވިސްނާލާއިރު އެހާ ފަސޭހަ ރަނގަޅުކަމަށް ނުވާތީ، އެ ވާހަކަ އަޅުގަނޑުމެން ފަހުން ނުދައްކަން" ޙަބީބް ވިދާޅުވިއެެވެ.

ޙަބީބު ވިދާޅުވީ، މަޖިލިސް އިންތިޚާބުގެ ވޯޓާސްލިސްޓު ފާސް ކުރެވި އަންނަ ޖެނުއަރީމަހުގެ ކުރީކޮޅު އިޢުލާން ކުރެވޭނެކަމަށެވެ. އަދި އިންތިޚާބުތަކާއި ގުޅިގެން އަންނަ ޝަކުވާ އޮންލައިންކޮށް ބަލައިގަތުމަށް ޔޫ.އެން.ޑީ.ޕީއާއެކު މަޝްވަރާކުރަމުންދާކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.

ޙަބީބު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކަންކަން ހިނގާދިޔަ ގޮތުގެ ރިޕޯޓް ދިރާސާ ކުރަމުންދާކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން އޮބްޒާވް ކުރި ކަންކަން އެނަލައިޒް ކުރަމުންދާކަމަށްވެސް އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް ފާހަގަކުރެއްވިއެވެ.

ޙަބީބު ވިދާޅުވީ، މި ފަހަރުގެ އިންތިޚާބުތަކުގައި ބޭނުން ކުރާނެ ވޯޓިން ބޫތުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން ޑިޒައިންވެސް ތަފާތުވާނެކަމަށް ޙަބީބު ވިދާޅުވިއެވެ. ޙަބީބު ވިދާޅުވީ، މި އަންނަ އަހަރުގެ ބަޖެޓުގައި 61 މިލިއަން ކަނޑައަޅާފައިވާއިރު އިންތިޚާބުތަކަށް ނެގޭ އޮފިޝަލުންނަށް އެލަވެންސް ދެވިގެން ދާނީ އެ ބަޖެޓުގެ ތެރެއިންކަމަށް ޙަބީބު ވިދާޅުވިއެވެ. ވޯޓު ފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދު 500 އާއި 750 އަށްވުރެ އިތުރު ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމް ކުރަމުންދާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ރޯދަމަހު އިންތިޚާބު ބާއްވާނަމަ، މާލޭގެ ދެ ސަރަހައްދެއްގައި ޓެންޓު ޖަހަައިގެން ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. މީގެ ސަބަބުން ވޯޓުލާ މަރުކަޒުތަކުގައި ބާރުބޮޑުވުން ކުޑަވާނެކަމަށް އެ
ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން މިފްކޯ މަސްފިހާރަ ހިމެނޭ ސަރަޙައްދުގައި އެއް ޓެންޓު ޖެހުމަށް މަޝްވަރާކުރެވިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.