ޚަބަރު

ބައިނަލްއަޤްވާމީ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުކޮށްފައިވާ މިންވަރު %15 އިތުރު


  • ބައެއް އެއަރލައިންތަކުގެ ދަތުރު އިތުރުކުރި

  • އައު އެއަރލައިންތަކުންވެސް ދަތުރުފެށި

މިއަހަރުގެ 3 ވަނަ ކުއާޓަރގައި ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ މޫމަންޓްސް ކޯވިޑްގެ ކުރިއާއި އަޅާބަލާއިރު %15 އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ރިޕޯޓްގައިވާގޮތުން މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރއާއި އަޅާބަލާއިރުވެސް މިއަހަރުގެ މި މުއްދަތުގައި ފްލައިޓް މޫމަންޓްސް ވަނީ އިތުރުވެފައެވެ.

އެމްއެމްއޭގެ ކުއާޓަރލީ އިކޮނޮމިކް ބުލެޓިންއިން ދައްކާގޮތުގައި މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރއާއި އާޅާބަލާއިރު މިއަހަރުގެ 3 ވަނަ ކުއާޓަރގައި ރާއްޖެއަށް ދަތުރުކޮށްފައިވާ ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ މޫމަންޓްސް ވަނީ %5 އިތުރުވެފައެވެ. އަދި މިއީ ކޯވިޑްގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %15 ކުރިއެރުމެއްކަމަށްވެސް ވަނީ ބުނެފައެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ 3 ވަނަ ކުއާޓަރގައި ރާއްޖެއަށް ދަތުރުކުރި ފްލައިޓްތަކުގެ މޫމަންޓްސް އިތުރުވުމުގެ ސަބަބެއްކަމަށް އެމްއެމްއޭގެ ރިޕޯޓްގައި ބުނެފައިވަނީ ބައެއް އެއަރލައިންތަކުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް އިތުރުކޮށް އައު ބައެއް އެއަރލައިންތަކުން ދަތުރުތައް ފެށުމެވެ. އެގޮތުން ފްލައިދުބާއީ، ވިޒް އެއަރ އަދި ޗައިނާ އީސްޓަން އެއަރލައިންގެ ދަތުރުތައް ވަނީ އިތުރުކޮށްފައެވެ.

މިދިޔަ ކުއާޓަރގެ ތެރޭގައި 7 އަހަރު ފަހުން ޗައިނާގެ ސިޗުއާން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީވެސް ފްލައިޓް މޫމަންޓްސް އިތުރުވުމުގެ ސަބަބެއްކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ. މި ދަތުރުތަކުގެ ސަބަބުން ރާއްޖެއަށް ޗައިނާ މާކެޓުން އަންނަ ފަތުރުވެރިންގެ ޢަދަދަށްވެސް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި ބައެއް އެއަރލައިންތަކުގެ ދަތުރުތައް މަދުވެފައިވާކަންވެސް މި ރިޕޯޓުން ދައްކައެވެ. އޭގެތެރޭގައި ގަތަރު އެއަރވޭސް އަދި ސައުދީ އަރަބިއަން އެއަރވޭސް ހިމެނެއެވެ.

އެމްއެމްއޭގެ ރިޕޯޓްގައި ވަނީ މިދިޔަ އަހަރާއި އާޅަބަލާއިރު މިއަހަރުގެ 3 ވަނަ ކުއާޓަރގައި ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ އަދަދުވެސް އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ. 2022 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރގައި ރާއްޖޭގައި ހިންގަމުން އައީ 164 ރިސޯޓެކެވެ. އެހެންނަމަވެސް މިއަހަރުގެ 3 ވަނަ ކުއާޓަރގައި މި އަދަދު ވަނީ 173 އަކަށް އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ވަނީ އައިސްފައެވެ. މިއަހަރު އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 3 ޤައުމުގެ ތެރޭގައި ހިމެނެނީ ރަޝިއާ، އިންޑިއާ އަދި ޗައިނާއެވެ.