ޚަބަރު

"މޫސުމީ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގްވާމީ މުޖްތަމަޢުގެ އެއްބައިވަންތަކަން ވަރަށް މުހިއްމު"


  • މިމައްސަަލައަށް މިހާރަށްވުރެ ބޮޑަށް ދުނިޔޭ ހޭލުންތެރިވާންޖެހިފައިވާ ކަމަށް ވިދާޅުވި

  • ސިޔާސަތުތައް އެކުލަވާލުމުގައި މޫސުމީ ބަދަލަށް ޚާއްސަ ސަމާލްކަމެއް ދޭންޖެހޭ ކަމަށް ވިދާޅުވި

މޫސުމީ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގްވާމީ މުޖްތަމަޢުގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްވިޒަރލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ"ހިއުމަން ރައިޓްސް 75"ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އިންސާނީ ހައްގުތަކުގެ މުސްތަގުބަލާއި، ތިމާވެއްޓާއި މޫސުމާއިބެހޭ ވައްމޭޒު ބައްދަލުވުމުގައި ދެއްކެވި ވާހަކަދައްކަވަމުންނެވެ.

އެޑަޕްޓޭޝަން އޮފް އިކޮނޮމިކް މޮޑެލްސް އެންޑް ރިސޯސް މޮބިލައިޒޭޝަން" މިމައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މޫސުމީ މައްސަލަތަކަކީ ދިރިހުރުމުގެ ހައްގުތައް ކަށަވަރުކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމާއި އިންސާނީ ހައްގަކީ ގުޅިފައިވާ ދެ ކަންތައްކަމަށާއި، ނަމަވެސް އެކަމާއި މެދު އޮތް ހޭލުންތެރިކަން ކުޑަވުމަކީ މައްސަލަ ހައްލުކުރަން އޮތް ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން ފެންނަން ހުރި ހެކިތައް ދައްކައިގެން މިކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރަންޖެހޭކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ އިންސާނީ ހައްގުތައް ކަށަވަރުކުރުމާއި، ތިމާވެށީގެ ރައްކާތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމަށް، މިހާރަށްވުރެ ބޮޑަށް ދުނިޔެ ހޭލުންތެރިވާންޖެހިފައިވާކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ މިމައްސަލައަށް ހައްލެއް ގެނައުމަށް ގުޅިގެން މަސައްކަތްކޮށް، އިޤްތިޞާދީ އަދި ވިޔަފާރި މޮޑެލްތަކާއި ޢުމްރާނީ މަސައްކަތްތައްވެސް މިމަގުން ބައްޓަންވެގެން އަންނަންޖެހޭކަމަށެވެ. އެގޮތުން މިފަދަ ވިޔަފާރިތަކުގައި، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވީހާވެސް ބޮޑަށް ތިމާވެއްޓާއި ރައްޓެހި ގޮތްތައް އަށަގެންނެވުމަށް ނައިބު ރައީސްގެ ވާހަކައިަގއި ބާރުއެޅުއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގައި ކުރިއަށްގެންދެވޭ މަސައްކަތްތަކަކީ، ރައްޔިތުންނަށް ލިބެންވާ ތިމާވެށީގެ ޙައްގު ފުރިހަމަވާގޮތަށް، ތިމާވެއްޓާއި ރައްޓެހި މަސައްކަތްތަކެއް ގޮތުގައި ކަށަވަރުކުރުމަށް ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރައްވާކަމަށެވެ.