ޚަބަރު

ހޫނުކަން އިންތިހާއަށް ބޮޑު ސަރަހައްދުގައި ބާއްވާ ކޮޕް-28، ކުރެވޭ އުންމީދު ބޮޑު!


  • މޫސުމީ މައްސަލަތަކަށް ބާއްވާ އެންމެ ބޮޑު ކޮންފަރެންސް

  • މޫސުމީ މައްސަލަތަކަށް ފަންޑު ހޯދުމަށް މަސައްކަތްކުރާނެ

  • ދުނިޔޭގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތަކީ ދުނިޔޭގެ ފެންވަރުގައި ވާހަކަ ދެވޭ، އެހެންނަމަވެސް ހައްލެއް ނުލިބޭ ތިމާވެށީގެ ބޮޑު މައްސަލައެކެވެ. އަނެއްކާވެސް ތިމާވެށީގެ ދާއިރާއިން ޙައްލުތަކެއް ހޯދުމަށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ދަނީ މިއަހަރުގެ ކޮޕް-28 ސަމިޓު ބާއްވަން ތައްޔާރުވަމުންނެވެ.

ކޮޕް 28 އަކީ ކޮބާ؟

ކޮންފަރެންސް އޮފް ދަ ޕާޓީސް (ސީއޯޕީ ނުވަތަ ކޮޕް) އަކީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ ގެ އޮނިގަނޑު މުއާހަދާ (ޔޫއެންއެފްސީސީ) މައިގަނޑު ނިންމުންތައް ނިންމާ ފަރާތެވެ. އެއީ އެމުއާހަދާގައި ސޮއިކޮށްފައިވާ 198 ޕާޓީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން އެއްކޮށްލާފައިވާ ޕާޓީއެކެވެ. ކޮޕްގެ ފުރަތަމަ ޖަލްސާ އޮތީ 1995 ވަނަ އަހަރުގެ މާރިޗު މަހު ޖަރުމަނުގެ ބާލިންގައެވެ. ޔޫއެންއެފްސީސީސީގެ ބެލުމުގެ ދަށުން އެކި ގައުމުތަކުގައި އަހަރަކު އެއްފަހަރު ކޮޕް ކޮންފަރެންސްތައް ބާއްވައެވެ.

ކޮޕް 28 މުހިންމުވާ ސަބަބުތައް:

މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާނެ ގޮތާއި، ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމާއި، ދުނިޔެ ހޫނުވުން ހަނިކުރާނެ ގޮތަކާމެދު މަޝްވަރާކޮށް އެއްބަސްވުމަށް ކޮންމެ އަހަރަކުވެސް ކޮޕް ސަމިޓަކީ ރަސްމީ ބައްދަލުވުންތައް ބާއްވާ މަޝްވަރާ ކުރެވޭ ތަނެކެވެ. ކޮޕް ސަމިޓުތަކުގައި ފުރަތަމަ މަރުހަލާގެ މަސައްކަތްތަކީ ބައިވެރިވާ ޤައުމުތަކުން ހުށައަޅާ ޤައުމީ ރިޕޯޓުތަކާއި އެމިޝަން އިންވެންޓްރީތައް ބެލުމެވެ.

ގައުމުތަކުން ހުށައަޅާ ރިޕޯޓުތަކުން ކޮންމެ ޤައުމެއްގެ ޢަމަލުތަކާއި، މުއާހަދާގެ އެންމެހާ ލަނޑުދަނޑިތައް ޚާސިލްކުރުމަށް އެޤައުމުތަކުގެ ކުރިއެރުންތަކާ ބެހޭގޮތުން މަޝްވަރާކޮށް މުހިންމު ވިސްނުންތައް ކޮޕް-28 ކޮންފަރެންސުން ލިބިގެންދާނެއެވެ. މިފަހަރުގެ ކޮޕް-28 ޔޫއޭއީ ފާހަގަކުރެވިގެންދާނީ ގައުމުތަކުގައި މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކާމެދު މަޝްވަރާކުރެވި ހައްލުހޯދުމަށް މަޝްވަރާކޮށް ވަކާލާތުކުރެވޭނެ ޕްލެޓްފޯމެއް ގޮތުގައެވެ.

ޔޫއޭއީން ކޮޕް 28 ބޭއްވުމަށްވެފައިވާ ތައްޔާރީތައް:


ހޫނުކަން އިންތިހާއަށް ބޮޑުވެ، ފެން އަގުބޮޑު ސަރަހައްދެއްގައި އޮންނަ ޔޫއޭއީއަކީ ޒަމާނުއްސުރެ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަންނަން ޖެހޭ ގޮންޖެހުމެއްގެ ގޮތުގައި ދެކެމުން އަންނަ ގައުމެކެވެ. 1971 ވަނަ އަހަރު ކޮޕް ވުޖޫދަށް އައިފަހުން ޔޫއޭއީން ވަނީ ކިޔޯޓޯ ޕްރޮޓޮކޯލް ޕެރިސް އެއްބަސްވުމުގައި ސޮއިކޮށް ދުނިޔޭގެ މޫސުމީ އެޖެންޑާއަށް ތާއިދުކޮށްފައެވެ. މިފަހަރުގެ ކޮޕް-28 ގެ ރައީސް ކަމަށްވާ ޑރ. ސުލްތާން އަލް ޖަބަރ، ވަނީ 11 ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގެންފައެވެ.

ޕެރިސްގައި 2015 ވަނަ އަހަރު ބޭއްވި ކޮޕް-21 ގައި، ޔޫއޭއީގެ ފަރާތުން މިފަހަރުގެ ކޮޕް-28ގެ ރައީސް ކަމަށްވާ ޑރ. ސުލްތާން އަލް ޖަބަރ ވަނީ ލީޑަރެއްގެ ރޯލު އަދާކޮށްފައެވެ. ހަކަތައާއި ދެމެހެއްޓެނިވި ދާއިރާގެ ސަރަހައްދީ ލީޑަރެއްގެ ގޮތުގައި ޔޫއޭއީން ވަނީ އިޤްތިސާދު ކުރިއަރުވައި ތަފާތުދެއްކުމުގެ ގޮތުން ޒުވާނުންނަށް ޢިލްމާއި ހުނަރާއި ވަޒީފާ އުފެއްދުމުގެ އިތުރުން ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. މިފަހަރުގެ ކޮޕް-28ގައި ތާރީޚީ ގިނަ އަދަދެއްގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނާއި، ސިޓީތަކުގެ މޭޔަރުން އަދި ލޯކަލް ލީޑަރުން ބައިވެވަޑައިގަންނަވާނެއެވެ.

ކޮޕް-28ގައި މަޝްވަރާކުރާނެ ދާއިރާތައް:

މިފަހަރުގެ ކޮޕް 28 ކޮންފަރެންސްގައި ސަމާލުކަންދިނުމަށް ހަމަޖެހިފައިވަނީ ސާފު ހަކަތަ އުފައްދާ ވަސީލައްތަކަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަަވަސްކޮށް، 2030 ވަނަ އަހަރުގެ ކުރިން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ކުޑަކޮށް، މުއްސަނދި ގައުމުތަކުން ފަޤީރު ގައުމުތަކަށް މޫސުމާ ބެހޭ މައްސަލަތައް ހައްލު ހޯދުމަށް ފައިސާ ފޯރުކޮށްދިނުމާއި، ތަރައްގީވަމުން އަންނަ ގައުމުކުގެ ގުދުރަތީ ވަސީލަތްތަކާއި މީހުންނަށް އަމާޒުކޮށް އައު އެއްބަސްވުމަކާއެކު މަސައްކަތްކުރުމަށެވެ.

އޭގެ އިތުރުން ހަކަތައާއި މާލިއްޔަތާއި ޞިއްޙަތާއި ވިޔަފާރިއާއި، ސުލްހަވެރިކަން ފަދަ އައު މުހިންމު މައުޟޫތައް ހިމެނެއެވެ.

ކޮޕް 28 ޔޫއޭއީ ކޮންފަރެންސް އޮންނާނީ ނޮވެމްބަރު މަހުގެ 30 އިން ޑިސެމްބަރު މަހުގެ 12 އަށް އެކްސްޕޯ ސިޓީ ދުބާއީގައެވެ. މިފަހަރުގެ ކޮޕް 28 ޔޫއޭއީގައި އެންމެން އެއްބައިވަންތަކަމާއެކު މަސައްކަތްކޮށްފިނަމަ ދުނިޔެއަށް ހެޔޮ އަސަރުތަކެއް ކުރާނެ މޫސުމީ ހައްލެއް ލިބި ފާހަގަކުރެވޭ މުހިންމު ކާމިޔާބަކަށް ވެގެންދާނެއެވެ. މިކަން ހާސިލްކުރެވޭނީ މަދަނީ ޖަމުޢިއްޔާތަކާއި ސަރުކާރާއި ސިނާއަތްތަކާއި އިޤްތިސާދުގެ ހުރިހާ ދާއިރާއަކުން އެއްބާރުލުން ލިބިގެންނެވެ.

ކޮޕްގެ 27 ވަނަ ބައްދަލުވުން ހުސްވި އަހަރު ބާއްވާފައި ވަނީ މިޞްރުގައެވެ. އެ ބައްދަލުވުމުން އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއް ކަމަކީ، މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ޤައުމުތަކާއި، އެކަމުގެ ނުރައްކަލާ ކުރިމަތިލަމުންދާ ފަގީރު އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަކިން ޚާއްޞަ ފަންޑެން އެކުލަވައިލުމެވެ.