ޚަބަރު

ފްލެޓާއި ގޯތި ދޫކުރުމުގެ މަސައްކަތް ކައުންސިލްތަކަށް ދޫކޮށްލާނަން: ޑރ. ހައިދަރު


  • ގޯއްޗާއި ފްލެޓް ދޫކުރުމުގައި ޢަމަލުކުރާނެ ރަނގަޅު އުޞޫލެއް އޮންނަންޖެހޭ

  • ދިރިއުޅުމުގެ ޙާލަތަށް ރިޢާޔަތްކުރެވޭނެ އެކަށީގެންވާ ނިޒާމެއް ޤާއިމުކުރުން މުހިންމު

ކައުންސިލްތަކަކީ ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތްކުރާ ތަންތަންކަމަށާއި، ފްލެޓާއި ގޯތި ދޫކުރުމުގެ މަސައްކަތް ކައުންސިލްތަކަށް ދޫކޮށްލައްވާނެކަމަށް، ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. ޑރ. ޙައިދަރު މިހެން ވިދާޅުވީ، ގެދޮރުވެރިކަމާއި ގުޅޭގޮތުން އާ ސަރުކާރުގެ ވިސްނުންފުޅު ޙިއްސާކުރައްވަމުންނެވެ.

ގެދޮރުވެރިކަމާއި ބޭހޭ ވަޒީރު، ޑރ.ހައިދަރު ވިދާޅުވީ، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ޢަމަލުކުރާނެ ރަނގަޅު ޢުސޫލުއް އޮންނަންޖެހޭކަމަށެވެ. އެންމެ މުހިންމު އެއް ކަމަކީ، ލިސްޓަށް މާކްސް ދޭއިރު، މީހުން ދިރިއުޅުމުގެ ޙާލަތަށް ރިޢާޔަތްކުރެވޭނެ އެކަށީގެންވާ ނިޒާމެއް ޤާއިމުކުރުންކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހަމައެކަނި ފޯމުގައި ހިމެނޭ މަޢުލޫމާތަށް ބާލައިގެން އެކަނި، އެންމެ ޙައްގުވެރި މީހުން ކަނޑަނޭޅޭކަމަށެވެ. ޙާލަތު ބެލުމުގައި މިނިސްޓްރީން އެކަން ކުރުމުގެ ބަދަލުގައި، ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރާ މުވައްސަސާކަމުގައިވާ ކައުންސިލްތަކާއި އެ މަސައްކަތް ކުރުމަށް ހަވާލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

އައު ސަރުކާރުގެ ވިސްނުމަކީވެސް، ޙާލަތު ބެލުމާއި ގޯއްއްޗާއ ފްލެޓަށް މީހުން ގޮވުމުގެ މަސައްކަތްތައް ކައުންސިތަކަށް ދޫކޮށްލެއްވުންކަމަށް ވަޒީރު ވިދާޅުވިއެވެ. ކައުންސިލްތަކަކީ ރައްޔިތުންގެ ޙާލަތު އެންމެ ގާތުން އިނގޭ އިދާރާއަށްވުމާއި، ގެދޮރުވެރިކަމުގެ ފުރުޞަތުތަކަށް އެންމެ ޙައްގުވެރިން ދެނެގަތުމަށް ފަސޭހަ ދެފުއްފެންނަ ގޮތަކަށް ކުރިއަށްގެންދެވޭނީ އޭރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިންސާފުވެރިކަމާއި، ތެދުވެރިކަމާއި ދެފުއްފެންނަގޮތަށް، ޙައްގުވެރިންނަށް އިސްކަންދޭންޖެހޭ. އެ ޙާލަތު އެންމެ ބޮޑަށް އިނގޭނީ ކައުންސިލްތަކަށް. ސޯޝަލް ހައުސިންގެ ކަންކަން އެގޮތަށް ރާވާ، ކައުންސިލްތަކާއި އެ މަސައްކަތް ހަވާލުކުރާނަން. ރާއްޖޭގެ އެހެން ރަށްރަށުގައިވެސް އެކަން ކުރަނީ އެހެން." ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ވެރިކަން ކުރާ ރަށަށް މާލެވުމަކީ، އެ މަސައްކަތް އެ އޮންނަ އުސޫލާއި ޚިލާފައި ކުރަންޖެހޭ ސަބަބެއް ނޫންކަމަށެވެ. އެހެން ރަށްރަށުގައިވެސް ފެލެޓާއި ގޯތި ލިބޭ މީހުން ކަނޑައެޅުމުގެ މަސައްކަތް ކައުންސިލްތަކުން ކުރާގޮތަށް، މާލޭގައިވެސް ސިޓީ ކައުންސިލަށް އެ ބާރު ދިނުމަކީ، ރައީސް ޑރ. މުޢިއްޒުގެ ވިސްނުންފުޅުކަމަށް ވަޒީރު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގައި ހުޅުވާލި ގެދޮރުވެރިޔާ ސްކީމްގައި، ޝަރުތު ހަމަވި 13000އަށްވުރެ ގިނަ މީހުންނަށް ފްލެޓް ދިނުމަށް އޮތީ ނިންމާފައެވެ. ޕޮއިންޓް ލިބުނު ތަރުތީބުން، މީގެތެރެއިން ފުރަތަމަ ގޯތި ދޭނީ ފުރަތަމަ 4000 މީހުންނަށެވެ. ނަމަވެސް މި ޕްރޮޖެކްޓްގައި ޕޮއިންޓް ދިން ގޮތާއިމެދު އާއްމުންގެ ބޮޑެތި ޝަކުވާތަކެއް ހުރުމާއެކު، އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ވަނީ އެ މައްސަލަ ބަލަންދެން މަސައްކަތްތައް ހުއްޓާލުމަށް އަންގާފައެވެ.

އައު ސަރުކާރުން މިވަނީ، ފްލެޓް ލިސްޓް އަލުން ރިވިއުކުރުމަށްވެސް ނިންމަވާފައެވެ. މިދިޔަ ސަރުކާރުގައި ފްލެޓް ލިސްޓް ކަނޑައެޅިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ގޮސްފައިވަނީ ދެހާހެއްހާ ގެއަށްކަމަށް، އޭރު ސަރުކާރުން ހާމަކުރިއެވެ. އައު ސަރުކާރުގެ ވިސްނުމަކީ، ދިރިއުޅުމުގެ ޙާލަތަށް ބެލުމަށް ފަހުގައި ނޫނީ، ފްލެޓާއި ގޯތި ލިބޭ މީހުން ކަނޑަނޭޅުމެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި ގޯއްޗާއި ފްލެޓް ލިބުނު އެއްވެސް މީހެއްގެ އަތުން، ގޯތި/ފްލެޓް އަތުނުލާނެކަމުގެ ޔަޤީންކަން ސަރުކާރުންދެއެވެ.