ޚަބަރު

އެމްއެމްޕީއާރްސީ ރީބްރޭންޑްކޮށް ފަތުރުވެރިކަން އައު މާކެޓްތަކަށް ގެންދާނަން: ފައިޞަލް


  • މެޑިކަލް ޓުއަރިޒަމް، ސްޕޯޓް ޓުއަރިޒަމް ތަޢާރަފުކުރާނެ

  • އެމްއެމްޕީއާރްސީ ރީބްރޭންޑްކުރުމަކީ އަމާޒެއް

  • އައު މާކެޓްތަކަށް ރާއްޖެ އިޝްތިހާރުކުރުމަށް މަސައްކަތްތަކެއް

  • ފަތުރުވެރިކަމުން ވަންނަ އާމްދަނީ އިތުރުކުރާނެ

ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަރަތަކަށް ގެންދިއުމަށް، ރާއްޖެ މާކެޓްކުރާ މައި ކުންފުނި އެމް.އެމް.ޕީ.އާރްސީ ރީބްރޭންޑްކޮށް މަސައްކަތް ފަށައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

މިއަދު ވަނީ، ރައީސުލްޖުމްހޫރިއްޔާ އަލަށް އުފެއްދެވި ވިޒިޓަރ އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައެވެ. މި ކޮމިޓީގައި 8 ވަޒީރުން ހިމެނިވަޑައިގަންނަވައެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ މަސައްކަތްތަކާއި، ފަތުރުވެރިކަމުގެ އައު ގޮތްތައް ރާއްޖެއަށް ތަޢާރަފު ކުރުމުގައި އައު ސަރުކާރުގެ ވިސްނުން ޙިއްސާކުރެއްވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަދި ވިޒިޓަރ އިކޮނޮމިކް ކައުންސިލްގެ ކޯ-ޗެއަރ އިބްރާހީމް ފައިޞަލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން ފަތުރުވެރިކަމާއި ގުޅޭ ޚާއްސަ ކައުންސިލެއް އުފެއްދެވުމުން ދޭހަވަނީ އިޤްތިޞާދު ފުޅާކުރެއްވުމަށް ރައީސް ދެއްވާ އިސްކަންކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ، މެޑިކަލް ޓުއަރިޒަމް، ސްޕޯޓް ޓުއަރިޒަމް ފަދަ ދާއިރާތަކުން ފަތުރުވެރިކަމުގެ އައު ގޮތްތައް ރާއްޖޭގައި ތަޢާރަފްކުރުމެވެ

ފައިޞަލް ވިދާޅުވީ، މި މަސައްކަތުގެ އެންމެ ބޮޑު އެއް ކަމަކަށްވާނީ، މިދާއިރާތަކުން ފަތުރުވެރިންގެ އިތުބާރު ހޯދާ، ދުނިޔޭގެ ބޮޑެތި މާކެޓްތަކަށް ރާއްޖެ އިޝްތިހާރުކުރުންކަމަށެވެ. ފަތުރުވެރިކަން ޕްރޮމޯޓްކުރާ މައި ކުންފުނި، އެމް.އެމް.ޕީ.އާރް.ސީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވަރަށް ދުރާލާ ރާވައިގެން ތަރުތީބު ނިޒާމަކުން މަސައްކަތްތައް ގެންދާނީ. ރައީސްގެ ވިސްނުންފުޅެއް އެމްއެމްޕީއާރްސީ ރީބްރޭންޑްކުރުން. އެތަނަށް އެމްޑީއަކުލާ، އެ މަސައްކަތްތައް ފަށައިގަންނާނަން." ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ، މި ދާއިރާއިން ގިނަ އިންވެސްޓްމަންޓްތަކާއި ވިޔަފާރިތައް ސަރުކާރުން ރާއްޖޭގައި ތައާރަފުކުރައްވާނެކަމަށެވެ. އޭގެ ސަބަބުން ރައްޖޭގެ އެތެރޭގައި ފައިސާ ދައުރުވާ މިންވަރު އިތުރުވެ، އޭގެ ފައިދާ ސީދާ ރައްޔިތު މީހާއަށް ކުރާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޖީޑީޕީގެ 4.9 ބިލިއަން ޑޮލަރު ވަންނަނީ ފަތުރުވެރިކަމުންނެވެ. އައު ސަރުކާރުގެ ވިސްނުމަކީ މި ޢަދަދު 6 ބިލިއަން ޑޮލަރަށް އިތުރުކުރުމެވެ.