ރާއްޖޭގެ ޓެނިސް ކުޅުންތެރިންގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާ ކޮށްކަމަށާއި ކުޅުންތެރިންގެ ފެންވަރު މަތިވަމުން އަންނަކަމަށް ޖޫނިއާ ގައުމީ ޓީމުގެ ކޯޗު އަލީ ރިޒާ ބުނެފިއެވެ.
ފާއިތުވި އަހަރެއްހާ ދުވަހު ގައުމީ ޓީމުގެ ކުޅުންތެރިންނަށް އިރުޝާދުދީ ކުޅުންތެރިންގެ ފެންވަރު މަތިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އީރާނުގެ ތަޖުރިބާކާރު ކޯޗު އަލީ ރިޒާ ބުނީ ޖޫނިއާ ޓީމުގައި ތިބި ކުދިން ވަރަށް ރަނގަޅަށް ފަރިތަކުރަމުން އަންނަކަމަށެވެ. އަދި ކުރިޔަށް އޮތް އައިޓީއެފް ޖޭ30 މުބާރަތަށް ޓީމާއި މެދު ކުރެވޭ އުންމީދު ބޮޑުކަމަށާއި، މިމަހު ރާއްޖޭގައި ބާއްވާ އެ މުބާރާތަކީ ރާއްޖޭގެ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ތަޖުރިބާއަކަށްވާނެ ކަމަށެވެ.
ރާއްޖޭގެ ޖޫނިއާ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ކުދިން އެ ދައްކާ ހިތްވަރާއި އެކު ކުރިޔަށް އޮތްތަނުގައި ރަނގަޅު ވާދައެއްކޮށް ކާމިޔާބީތައް ހޯދޭވަރުގެ ކުޅުންތެރިން ޓީމުގައި އެބަތިބި ކަމަށް ކޯޗު ފާހަގަ ކުރިއެވެ.
ޓެނިހަކީ ވަރަށް ގިނަދުވަހުގެ މަސައްކަތުން ކުޅުންތެރިޔާ ކުރިއަރާ ކުޅިވަރެއް ކަމަށާއި މަތީ ފަންތީގެ ކުޅުންތެރިންނާ އަޅާކިޔޭނީ ވަރަށް ގިނަ ގައުމީ ޓޯނަމަންޓްތަކާއި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށްގެން ކަމަށް ކޯޗު ބުންޏެވެ.
އަދި ރާއްޖޭގެ ކުޅުންތެރިންނަށް މިހާރަށްވުރެ ގިނަ ޓޯނަމަންޓްތަކުގައި ވާދަކުރުމުގެ ފުރުސަތު ފަހިވާން ޖެހޭ ކަމަށާއި، ގިނަ މުބާރާތްތަކުގައި ވާދަކުރެވޭ ނަމަ ރާއްޖޭގެ ކުޅުންތެރިންނަށް ވަރަށް ރަނގަޅު ހިސާބަކަށް އާދެވޭނެކަމަށް ގަބޫލުކުރާ ކަމަށް ކޯޗު ބުންޏެވެ.
ރާއްޖޭގެ ކުޅުންތެރިންނަކީ އޭޝިއާއި ޔޫރަޕް އަދި މެދު އިރުމަތީގެ މޮޅެތި ކުޅުންތެރިންނާ ވާދަކުރެވޭ ފެންވަރުގެ މޮޅު ކުޅުންތެރިންނަށްވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ކޯޗު ބުންޏެވެ.
ރާއްޖޭގެ ޖޫނިއާ ޓެނިސް ޓީމު ތައްޔާރުވަމުން އަންނަނީ މިމަހުގެ 16 އިން 30 އަށް މާލޭގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތް، އައިޓީއެފް ޖޭ30 އަށެވެ. މި މުބާރާތަކީ އޭޝިއާއާއި މެދުއިރުމައްޗާއި ޔޫރަޕްގެ މަތީ ފަންތީގެ ޖޫނިއާ ކުޅުންތެރިން ވާދަކުރާ މުބާރާތެކެވެ.
އެގޮތުން މި މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ޖަޕާން، އިންޑިއާ، ސައުދީ އަރަބިއްޔާ އިނގިރޭސިވިލާތް، ފްރާންސް، ޔޫކްރެއިން، އޮސްޓްރޭލިއާ، ސްޕެއިން، ޗައިނާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުން މި މުބާރާތުގައި ބައިވެރިވެފައިވެއެވެ.