ޚަބަރު

ފުރަތަމަ ތަޤުރީރުންވެސް ރައީސް ކަށަވަރުކޮށްދެއްވީ ޤައުމުގެ ސަލާމަތްތެރިކަން: ވަޒީރު އާދަމް


  • ވަޒީރު މިހެން ވިދާޅުވީ "ހަފްތާ 14" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން

  • ވަޒީރު ވަނީ ރައީސްގެ ތަޤްރީރުން ބައެއް ކަންކަމަށް އަލިއަޅުވާލައްވާފައި

ރައީސަކު ހޮވާ އެންމެ މުހިންމު އެއް ބޭނުމަކީ ޤައުމުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުންކަމަށާއި އެންމެ ފުރަތަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދެއްވި ޔަޤީންކަމަކީ އެއީކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު އާދަމް ނަޞީރު އިބްރާހިމް މިހެން ވިދާޅުވީ، ޕީއެސްއެމްއިން ގެނެސްދޭ "ހަފްތާ 14" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހަފްތާ 14 ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ދެއްވި އެންމެ ފުރަތަމަ ތަޤުރީރަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ވަޒީރު ވިދާޅުވީ، މި ތަޤުރީރަކީ ވަރަށް ފުރިހަމަ ދިވެހި ބަހުގެ ފުން މާނަތަކާއެކު ހުށައަޅައިދިން ތަޤުރީރެއްކަމަށެވެ.

ރައީސްގެ ތަޤްރީރުގައި އެންމެ ގިނަބަޔެއްގެ ސަމާލުކަން ލިބިގެންދިޔައީ ރައީސް ދިވެހި ދިދައާއި މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅެވެ. ވަޒީރުވެސް ވަނީ މިކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ވަޒީރު ވިދާޅުވެފައިވަނީ ދިދައިގެ ހައިސިއްޔަތު އެއަށް އަންނަނީ އެ ކުލައެއް އޮންނަ ޖާގައިގެ ގޮތުންނާއި އޮންނަ ކުޑަބޮޑުމިނުގެ ސަބަބުންކަން ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވާކަމަށެވެ. އެއިން މާނަ ނެންގެވީ އަދި އިޝާރާތްކުރެއްވީ ރައްޔިތުން އެ ދިދައަށް ބަލާލުމުން އެ ދިދަ ވާހަކަތަކެއް ބުނެދޭކަމަށްކަން ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ޤައުމީ ދިދައާއި އެއްގޮތަށް ޤައުމެއް އެތުރި ތަރުތީބުވެފައި އޮންނަ ގޮތުގައިވެސް ވަކިކަހަލަ އިންތިޒާމްތަކެއް، އަދި އަދަބު އަޙްލާގު އޮންނާނީ މިނިވަންކާމާއެކު އޮތުމުގެ ސަބަބުކަމަށް ރައީސްގެ ވާހަކަފުޅުން ރައްޔިތުންނަށް އަންގައިދޭން ބޭނުންވާކަން ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނެކަމަށް ވިދާޅުވެފައެވެ. އެއީ ކޮންމެ ޤައުމެއްގައިވެސް އޮންނާނެ ރަތް ރޮނގެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

މި ވާހަކައަށް އަލިއަޅުވާލައްވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ، މިއީ ރައްޔިތުން ރައީސަކު ހޮވާ އެންމެ މުހިންމު އެއް ބޭނުންކަމަށެވެ. ފުރަތަމަ ތަޤުރީރުންވެސް ރައީސް ޔަޤީންކޮށްދެއްވީ ދިވެހިރާއްޖޭގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދެއްވާނެކަންކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައްޔިތުން ރައީސަކު ހޮވާ ފުރަތަމަ ބޭނުމަކީ އަޅުގަނޑު ހިތުން އެއީ. އެބައެއްގެ ސަލާމާތް ކަށަވަރުކޮށްދިނުން. އެ ދައުލަތެއްގެ އިސްތިޤްލާލު، މިނިވަންކަން، އެކަމަށް އަމާނާތްތެރިވުން. އެކަމަށް ހުވާ ކުރައްވަނީވެސް ދައުލަތުގެ ހުވާ ކުރައްވާ ހުރިހައި ބޭފުޅުންވެސް. އެހެންވީމަ އެކަމަށް ރައްޔިތުންގެ ކުރިފުޅުމަތީގައި ރައީސް ފުރަތަމަ ދުވަހުވެސް އެ އިޤްރާރުވެވަޑައިގެން އެކަން ތަކުރާރު ކުރެއްވުން އެއީ ވަރަށް މާނަފުން ވަރަށް ބޮޑު ކަމެއް. އެއީ ވަރަށް ބޮޑު ޔަޤީންކަމެއް. ދިވެހި ފަސްގަނޑަށް ދެރަވާނެ އެއްވެސް ކަމެއް ނުކުރައްވާނެކަން." ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ތަޤުރީރަށް ގިނަ ބަޔަކު ވަނީ ތަޢުރީފުކުރައްވާފައެވެ. އަދި މިއީ މިހާތަނަށް ރައީސަކު ދެއްވި އެންމެ ފުރިހަމަ ތަޤުރީރުގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރައްވައެވެ.