ޚަބަރު

އަންނަ މަހު ނ.އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެ


  • ނ.އަތޮޅުގައި ޚިދުމަތް ދިނުމަށް 3 ފެރީ ބޭނުންކުރާނެ

  • 4 ރޫޓަކަށް ދަތުރުތައް ބާއްވާނެ

  • ޚިދުމަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް އަންނަނީ ކުރަމުން

ޤައުމީ ފެރީގެ ނިޒާމް، އާރްޓީއެލްގެ ޚިދުމަތް އަންނަ މަހު ނ.އަތޮޅުގައި ފެށުމަށް ތައްޔާރީތައް ވަމުންއަންނަކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން ވިދާޅުވެއްޖެއެވެ. ނ.އަތޮޅަކީ އާރްޓީއެލްގެ ޚިދުމަތް ފަށާ ނުވަވަނަ އަތޮޅެވެ. އާރްޓީއެލްގެ ޚިދުމަތަކީ، އަވަސް، ލުއިފަސޭހަ، އަގުހެޔޮ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރައްޔަތަކާއި އަތޮޅުތައް ގުޅާލުމަށް ސަރުކަރުން ފައްޓަވާފައިވާ ޚިދުމަތެކެވެ.

މި ޚިދުމަތް އެންމެ ފުރަތަމަ ފެށީ ބޮޑުތިލަދުންމަތީގެ 3 އަތޮޅުގައެވެ. އެއީ ހއ، ހދ އަދި ށ. އަތޮޅުގައެވެ. އެ ސަރަޙައްދުގައި އަހަރެއްގެ ތެރޭގައި އެ ޚިދުމަތް 322000އަށްވުރެ ގިނަ ފަހަރު ހޯދާފައިވެއެވެ.

ސަރުކާރުން ރާވާފައިވަނީ މި ޚިދުމަތުން މުޅި ރާއްޖެ ގުޅާލުމަށެވެ. ދެން އެންމެ އަވަހަށް ޚިދުމަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން ދަނީ ނ.އަތޮޅުގައެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، ނ.އަތޮޅުގައި ޚިދުމަތް ފެށުމަށް ބޭނުންވާ ހައިސްޕީޑް ފެރީތައް ބަނުމުގެ މަސައްކަތް ނިިމިފައިވާކަމަށެވެ.

11000ވުރެ ބޮޑު އާބާދީއެއް އޮންނަ އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮވެއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ އެ އަތޮޅުގައި ފެރީގެ ޚިދުމަތް ދޭނީ 4 ރޫޓަކަށްކަމަށެވެ. އަދި އެ އަތޮޅުގައި ފެރީގެ ޚިދުމަތް ދިނުމަށް 3 ހައިސްޕީޑް ފެރީ ބޭނުންކުރާނެއެވެ. ނަމަވެސް އަންނަ މަހު، ފުރަތަމަ ޚިދުމަތް ފަށާއިރު ބޭނުންކުރާނީ 2 ފެރީކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، ރޫޓްތައް ރާވާލާފައިވާގޮތުން، ދަތިތައް ކުރިމަތިނުވެ ޚިދުމަތް ދެވޭނެކަމަށެވެ.

3 ފެރީއާއެކު ޚިދުމަތް ފުރިހަމަވެގެންދާއިރު، މާފަރު އެއަރޕޯޓަށް ޚާއްސަ ކަނެކްޝަން ރޫޓެއް އޮންނާނެއެވެ.

ނ.އަތޮޅުގައި ޚިދުމަތް ފެށުމުގެ ތައްޔާރީތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން އަންނަނީ ވަމުންނެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ޚިދުމަތަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ. އަދި އާއްމުން ހޭލުންތެރިކުރުމަށް ޚާއްސަ ޕްރޮގްރާމްތަކެއްވެސް ހިންގާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ކޮންމެ ޒޯނެއްގައިވެސް ފުރަތަމަ ހަފްތާގައި ކުރިއަށްގެންދަނީ ތަޖުރިބާ ދަތުރުތަކެވެ. މިިއީ އެއްވެސް އަގެއް ނުނަގާ ކުރިއަށްގެންދާ ދަތުރުތަކެވެ. އަޖުމަބެލުމުގެ ދަތުރުތަކަށްފަހު، އެއްވެސް ބަދަލެއް ގެންނަން ފެންނަނަމަ އެ ބަދަލެއް ގެންނާނެއެވެ.

ނ.އަތޮޅުގައިވެސް ފެރީ ދަތުރުގެ އަގު ކަނޑައާޅާނީ ޖީބަށް ލުއި، ކުޑަ އަގެއްގައެވެ. ނަމަވެސް އަދި ރޫޓޫތަކާއި، އަގުތަކުގެ ތަފްސީލް މިނިސްޓްރިންހާމަކޮށްފައެއް ނުވެއެވެ.

މިހާތަނަށް އާރްޓީއެލްގެ ޚިދުމަތް ދެމުން އަންނަނީ ހއ، ހދ، ށ، ޅ، ގއ، ގދ އަދި ފުވައްމުލަކާއި އައްޑޫ ސިޓީގައެވެ.