ޚަބަރު

ޓަރމިނަލް މަޝްރޫޢުގައި މާލީ ދަތިކަމެއްނެތް، ކަންބޮޑުވުމަކީ ގިނަ މަސައްކަތްތަކެއް ނުފެށި ހުރުން: ޑރ. މުޢިއްޒު


  • ޓަރމިނަލް މަސައްކަތްދާގޮތް އިންތިޚާބީ ރައީސް ބައްލަވާލެއްވި

  • މިހާތަނަށް ނިމިފައިވަނީ ޓަރމިނަލްގެ އެންމެ %54 މަސައްކަތް

  • އައު ސަރުކާރުގެ އަމާޒު އޮކްޓޯބަރ 2024 މަސައްކަތް ނިންމާލުން

  • އިޤްތިޞާދަށް އާރޯކަން ގެނައުމަށް އެއަރޕޯޓް މަޝްރޫޢު މުހިންމު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތުގައި ފައިސާގެ އެއްވެސް ދަތިކަމެއް ނެތްކަމަށާއި، މި މަސައްކަތް އަންނަ އޮކްޓޯބަރަށް ނިންމާލެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު ވަނީ ވީއައިއޭގެ އައު ޓަރމިނަލްގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާގޮތަށް ބައްލަވާލެއްވުމަށް، ވީއައޭއަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތަށްފަހު މީޑިއާތަކާއި ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު މި 5 އަހަރު މަޑުޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ވީ.އައި.އޭ އައު ޓަރމިނަލްގެ ޚިދުމަތް ނުފެށި ލަސްވުންކަމަށެވެ.

ވީ.އައި.އޭ އައު ޓާރމިނަލްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާ އެމަނިކުފާނު ވަނީ މި ޕްރޮޖެކްޓް ހިންގާ ސަޢޫދީ ބިންލާދީން ގްރީޕުގެ، ޕްރޮޖެކްޓްގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވާ ފަހުގެ މަޢުލޫމާތު ހޯއްދަވާފައެވެ.

މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު މީޑިއާތަކާއި ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޕްރޮޖެކްޓް ފަށާ މިވީ 5 އަހަރުގެ ތެރޭގައި މިހާތަނަށް ނިމިފައިވަނީ %54 މަސައްކަތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ޕްރޮޖެކްޓް 2017 ވަނަ އަހަރު ފެށީ، މިއަހަރުގެ ތެރޭގައި ޓަރމިނަލް މަސައްކަތް މުޅިން ނިންމާ ބޭނުންކުރެވޭނެ ޕްލޭނާއެކުކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތްތައް ކަނޑައެޅި ޓައިމްލައިނަށްވުރެ ވަރަށް ބޮޑަށް ލަސްވެގެން ގޮސްފައިވާކަން ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.

މިހާރުގެ ޓައިމްލައިނަށް ބަލާއިރު، ޓަރމިނަލް ނިންމުމަށް ކަނޑައަޅާފައިވަނީ 2025 ވަނަ އަހަރުގެ ޖޫން، ޖުލައިއަށެވެ. އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޢަމާޒަކީ އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން އަންނަންވާއިރަށް އެއަރޕޯޓްގެ މަސައްކަތް މުޅިން ނިންމާލުންކަމަށެވެ. އެމަނިފާނު ވިދާޅުވީ، މަސައްކަތްތައް މެކުހަށް ޖެހިއްޖެނަމަ، މިއީ ޙާސިލު ނުކުރެވޭނެ ޢަމާޒެއް ނޫންކަމަށެވެ.

މި ޕްރޮޖެކްޓް ކުރިއަށްގެން ދިއުމުގައި ކަންވޮޑުވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ޓަރމިނަލްއާއި ގުޅިގެން އިތުރަށް އަންނަންޖެހޭ ގިނަ މަސައްކަތްތައް ނުފެށި ވުމެވެ. ޑިއުޓީ ފްރީއާއި އައު ޓަރމިނަލް ހުޅުވާއިރު، އެ ސަރަޙައްދުގައި ސަރވިސް ރޯޑްއަކީ ވަރަށް މުހިންމު ކަންތައްތަކުގެ ގޮތުގައި އެމަނުފާނު ފާހަގަކުރެއްވިއެވެ.

"ވަރަށް މުހިންމު ގިނަ މަސައްކަތްކެއް ހުރީ ހަވާލުނުކޮށް. މަގު ހަދަން ނެތް ހަވާލުކޮށްފައި. މިއީ ވަރަށް މުހިންމު މަސައްކަތެއް. އެ މަސައްކަތް ނުލާ ތަން ބޭނުމެއް ނުކުރެވޭނެ. އެހެންވީމަ މި މަސައްކަތްތައް ވަރަށް އަވަހަށް ހަވާލުކުރާނަން. މިފަދަ މަސައްކަތްކަށް 10ވަރަކަށް މަސް ނަގާނެ." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ފްލައިޓް ޕާކިން އޭރިއާ(އޭޕްރަން) ބޮޑުކުރުމާއި، ޑިއުޓީ ފްރީ އަދި ޕްރައިވެޓް ޖެޓްތަކަށް ޚާއްސަ ޓަރމިނަލް އޭރިއާއެއްވެސް ތަރައްޤީކުރައްވާނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢަށް ކިތަންމެ ބޮޑު ހޭދައެއް ކުރަންޖެހުނުނަމަވެސް، މިއީ ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި އެންމެ މުހިންމު މަސައްކަތްކަމަށެވެ. ނުރަސްމީ ދަތުރުފުޅެއްގައި އިންތިޚާބީ ރައީސް، އަބޫދާބީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި މަޝްރޫޢަށް ވަނީ އިތުރު 80 މިލިއަން ޑޮލަރު ހޯއްދަވާފައެވެ.

މި ފައިސާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ސަރުކާރުންވެސް ދާއިފަހުން ވަނީ މި ޕްރޮޖެކްޓަށް ސަޢުދީ ފަންޑްގެ އެހީގައި 100 މިލިއަނަށް ޑޮލަރު ހަމަޖައްސަވާފައެވެ.

މި ޕްރޮޖެކްޓް ކުރިއަށްދާގޮތަށް ބެއްލުވުމަށް، އެމަނިކުފާނު ވަނީ ދެފަހަރެއްގެ މަތިން، ކޮންޓްރެކްޓަރު ސަޢުދީ ބިންލާންދީން ގްރޫޕާވެސް ބައްދަލުކުރައްވާފައެވެ.

"މި ޕްރޮޖެކްޓަށް އިތުރަށް ފައިސާ ބޭނުންވާނަވެސް، ފަންޑު ކުރާ ފަރާތްތަކުން ތިބީ އެހީ ދިނުމަށް ތައްޔާރަށް. ފައިސާ ހަމަޖެއްސުމުގައި ކަންބޮޑުވުމެއް ނެތް. އަޅުގަނޑުގެ ޙާރިޖީ ސިޔާސަތު ބައްޓަންކުރާ ގޮތުން، މިއީ ބޮޑު ކަމަކަށް ނުވާނެ. " ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމުގައި މިއީ އެންމެ މުހިންމު މަޝްރޫޢުކަމަށާއި، އިޤްތިޞާދު ކުރިއެރުމުގައި ހުރަހަކަށް، އެއަރޕޯޓް ޚިދުމަތަށް ނުގެނެވުން ވެފައިވާކަމަށެވެ. އެހެންކަމުން މި މަޝްރޫޢު ނިމިގެންދިއުމަކީ ރާއްޖެއިން އިންވެސްޓަރުންގެ އިތުބާރު ހޯދާ، އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށްވެސް ފަހި ދޮރާށްޓަކަށް ވާނެކަމަށް ވިދާޅުވިއެވެ.

މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ. ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.