ޚަބަރު

މާވަރުލު އެއަރޕޯޓާއި ކުޅުދުއްފުށި އެއަރޕޯޓުގެ ޚިދުމަތް ރަނގަޅުކުރަން ބަޖެޓްގައި


  • އެއަރޕޯޓްތައް ތަރައްޤީކުރުމަށްޓަކައި 462 މިލިޔަން ހިމަނާފައިވޭ

  • ދެ އެއރަޕޯޓްގެ ފެންވަރު ރަނގަޅުކުރުމަށް، އެއަރޕޯތަކަށް ބަޖެޓްގައި 3.6 މިލިޔަން ރުފިޔާ

އަންނަ އަހަރަށް ދަޢުލަތުން ލަފާކޮށްފައިވާ ބަޖެޓުގައި މާވަރަލު އެއަރޕޯޓާއި ކުޅުދުއްފުށި އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމަށް ހިމަނައިފިއެވެ. މާވަރަލު އެއަރޕޯޓާއި ކުޅުދުއްފުށި އެއަރޕޯޓަކީ ރީޖަނަލް އެއަރޕޯޓްސްއިން އޮޕަރޭޓް ކުރާ 2 އެއަރޕޯޓެވެ.

އަންނަ އަހަރަށް ދަޢުލަތުން ލަފާކޮށްފައިވާ ބަޖެޓްގައި ވަނީ އެއަރޕޯޓްތައް ތަރައްޤީކުރުމަށްޓަކައި 462 މިލިޔަން ރުފިޔާ ހިމަނާފައެވެ. އަދި މާވަރުލު އެއަރޕޯޓާއި، ކުޅުދުއްފުށި އެއަރޕޯޓުން މިހާރު ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބަޖެޓްގައި ހިމަނާފައިވެއެވެ. އެގޮތުން މިއިން ކޮންމެ އެއަރޕޯޓެއްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބަޖެޓްގައި 3.6 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.

މާވަރުލު އެއަރޕޯޓްއަކީ 2011 ވަނަ އަހަރު ފެށި މަޝްރޫޢުއެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ފުރަތަމަ އެ މަސައްކަތް ކުރަން ހަވާލުކުރި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހު 2018 ވަނަ އަހަރު އެއަރޕޯޓުގެ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީއާ ހަވާލުކުރިއެވެ.

އެމްޓީސީސީން އެ މަސައްކަތް ކޮށްފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ގާތްގަނޑަކަށް 69.14 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތް ނިންމާ ޚިދުމަތް ދޭން ފެށީ 2020 ވަނަ އަހަރުގައެވެ. މިއީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް އޮންނަ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ.

ކުޅުދުއްފުށީ އެއަރޕޯޓަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. ކުޅުދުއްފުށި އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ރަސްމީކޮށް ޚިދުމަތް ދޭން ފެށީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

މި އެއަރޕޯޓްވެސް ތަރައްޤީކޮށްފައިވަނީ އެމް.ޓީ.ސީ.ސީންނެވެ. ކުޅުދުއްފުށީގެ އެއަރޕޯޓް ތަރައްޤީކުރުމަށް އެރަށުގެ ކުޅި ހިމެނޭހެން 15 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. މީގެތެރެއިން 6 ހެކްޓަރު ހިއްކާފައިވަނީ ރަށުގެ ފަޅުތެރެއިންނެވެ. މިއީވެސް 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް އޮންނަ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ.

ރާއްޖޭގައި މިވަގުތުވެސް 16 ޑޮމެސްޓިކް އެއަރޕޯޓެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. ނަމަވެސް އޭގެތެރެއިން ބައެއް އެއަރޕޯޓުތަކަށް އުދުހުންތައް އޮންނަނީ ވަރަށް މަދުންނެވެ. އަދި ބައެއް އެއަރޕޯޓްތައް ގިނަ ދުވަސްވެ، އަޅާ ނުލެވުމުގެ ސަބަބުން ވަރަށް ބޮޑަށް މަރާމާތައްވަނީ ބޭނުންވެފައެވެ.

އެހެންކަމުން މިހެން ހުރި އެއަރޕޯޓްތައް އިތުރަށް ތަރައްޤީކުރުމަކީ މުހިއްމުކަމެކެވެ. އަދި ސަރުކާރުން މިހާރުވެސް އަންނަނީ އިތުރު އެއަރޕޯޓްތައް އެޅުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. މީގެ އިތުރުން ކުރިއަށް އޮތް 5 އަހަރަށް އިންތިޚާބުވެވަޑައިގެންފައިވާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އިތުރު ޑޮމެސްޓިކް އެއަރޕޯޓްތަކެއް އަޅުއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މަދުވެގެން އިތުރު 13 ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.