ޚަބަރު

މުރަކައިގެ ނާސަރީއާއެކު ރަސްފަރި ފަރު އަލުން އިޔާދަ ކުރެވޭނެ: ޝައުނާ


  • ރަސްފަރި ފަރު ހަލާކުވީ ބާޖެއް އަރައިގެން

  • މުރަކައިގެ ނާސަރީ ހައްދަނީ ރަސްފަރި ފަޅުގެ ވަކި ސަރަހައްދެއްގައި

  • ރަސްފަރި ފަރުގައި މުރަކަ އިންދަން ފަށާނީ ނާސަރީގައި ހައްދާ މުރަކަތަކަށް ދިރުން އައުމުން

މުރަކައިގެ ނާސަރީއާއެކު ރަސްފަރި ފަރު އަލުން އިޔާދަ ކުރެވިގެންދާނެކަަމަށް މިނިސްޓަރ އޮފް އެންވަޔަރުމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، 2021 ވަނަ އަހަރުގެ އޯގަސްޓްމަހު ރަސްފަރި ފަރަށް ބޯޓެއް އަރައި ލިބުނުގެއްލުމަށްފަހު އެފަރު ކުރިން އޮތްގޮތަށް ބަދަލުކުރުމުގެ ގޮތުން އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީ ހެއްދުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 19 ވަނަ ދުވަހު ރަސްފަރި ފަރަށް އަރާފައިވަނީ ޕެނަމާގެ "އެމް.ވީނަވިއޯސް އަމަރިލިސް" ކިޔާ ބޯޓެކެވެ. މި ބޯޓު އެރަށު ފަރަށް އަރާފައިވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުން ދަނިކޮށެވެ. 19 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޮޑު އާގު ބޯޓު ރަސްފަރި ފަރަށް ބީހުނީ އެބޯޓުގެ އިންޖީނު ހޫނުވެގެން ނިންވާލާފައި އޮއްވާ އޮޔާ ގެންގޮސްގެންނެވެ.

ބޯޓު ފަރަށް އެރުމުން ފަރުގެ 8.86 އަކަ މީޓަރުގެ ސަރަހަދެއް ވަނީ ހަލާކުވެފައެވެ. އެކަމުގެ ބަދަލެއްގެ ގޮތުގައި ޖޫރިމަނާ ކުރި 10 މިލިއަން ޑޮލަރު އެ ބޯޓުން ވަނީ ދައްކާފައެވެ.

މި ފައިސާ އިން ބައެއް ޚަރަދު ކުރުމަށް ހަމަޖެހިފަނީ ތިމާވެށީގެ ގޮތުން ލިބޭ ގެއްލުންތަކުން އިޔާދަ ކުރުމަށް ކުރެވޭ މަސައްކަތްތައްކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

"ގެއްލުމުގެ ބަދަލެއްގެ ގޮތުން ލިބުނު ފައިސާގެ ތެރެއިން 3.5 މިލިއަން ޑޮލަރު މި ފަރު އަލުން އިޔާދަ ކުރުމަށް އީޕީއޭގެ ޓްރަސްޓް ފަންޑެއްހަދައި ވަނީ ޖަމާކޮށްފަ މިފައިސާ ހަރަދު ކުރާނީ އީޕީއޭއިން މިފަރުގެ އެކިއެކި މަސައްކަތްތައް ކުރުމަށާއި އީޕީއޭގެ މިފަދަ މަސައްކަތްތަތައް ހަރުދަނާކުރުމަށް މިއަދު މިފެށުނީ އޭގެ ފުރަތަމަ މަސައްކަތް އަދި މި މަސައްކަތް ގަވައިދުން މޮނިޓަރވެސް ކުރާނެ" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

"ރީ-ސްޓޯރ ރަސްފަރި"ގެ ނަމުގައި އެންވަޔަރުމަންޓް މިނިސްޓްރީއާއި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭ ގުޅިގެން އެފަރު އަލުން ދިރުވުމަށް ފެށި މި މަސައްކަތުގެ އެދެވޭ ނަތީޖާއެއް ކުރިއަށް އޮތްތަނުގައި ނުކުންނާނެކަމަށް އުންމީދު ކުރާކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ރަސްފަރު ފަރުގެ ބޮޑު ސަރަހައްދެއްގައި މުރަކަ ނާސަރީ އިންދަން ފަށާފައިވާރު، މިއީ ރާއްޖޭގައި ސަރުކާރުން މިހާބޮޑު މަސައްކަތެއް ކުރާ ފުރަތަމަ ފަހަރެވެ.

ރަސްފަރި ފަރަކީ 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. އަދި މިއީ މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދުވެސްމެއެވެ. އެފަރަށް ބާޖެއް އަރައި ކުރި ޖޫމަނާ ބޮޑުވި މައިގަނޑު އެއްސަބަބަކީވެސް މީއެވެ.

މިފަރު އަލުން އިޔާދަ ކުރަން ފެށުމުގެ ގޮތުން މުރަކައިގެ ނާސަރީ ހެއްދުމަށް ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ ވުޒާރާއާއި، އީ.ޕީ.އޭގެ އިތުރުން އެމް.އޭ.ސީ.އެލްއާއި، ދިރާގު އަދި ތިމާވެށި ޙިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވަނީ ބައިވެރިވެފައެވެ.