ޚަބަރު

އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓު ތަރައްޤީކުރަނީ


  • މިމަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓު ތަރައްޤީކުރާނެ ބިން ކައުންސިލުން ކޮންޓްރެކްޓަރަށް ދީފި

  • ދޮޅުއަހަރުގެ ތެރޭގައި މިމަސައްކަތް ނިންމަންޖެހޭ

  • 214،852.000އަށްވުރެ ގިނަ ރުފިޔާ މިމަޝްރޫޢަށް ޚަރަދުވޭ

  • މިއީ ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫޢެއް

ސައުކާރުން އައްޑޫ ސިޓީގައި ތަރައްޤީކުރާ 200 ހައުސިންގ ޔުނިޓުގެ މަސައްކަތްކުރުމަށް ބޭނުންވާ ބިން މަސައްކަތުގެ ކޮންޓްރެކްޓަރާއި ޙަވާލުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީ ކައުންސިލްގެ ފަރާތުންވަނީ މިމަޝްރޫޢު ހިންގުމަށް ބޭނުންވާ ބިން މަސައްކަތުގެ ކޮންޓްރެކްޓަރ، ޕީޓީ ސިސްޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާރ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައެވެ. މިމަޝްރޫޢުގެ ދަށުން ބިން ދޫކޮށްފައިވަނީ ހިތަދޫގައި ޤާއިމުކޮށްފައިވާ ސިޓީ ބާޒާރުގެ ފުރަގަހުން އޮތް ސަރަޙައްދުންނެވެ. މިސަރަޙައްދުގައި 200 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށްވަނީ ނިންމާފައެވެ.

މިކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ކޮންޓްރެކްޓަރވަނީ މަޝްރޫޢާއި ގުޅޭ އިތުރު މަޢުލޫމާތު އައްޑޫ ސިޓީ ކައުންސިލާއި ހިއްސާކޮށްފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 214 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. މިމަޝްރޫޢު އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ ދޮޅު އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ޙަވާލުކުރާގޮތަށެވެ.

މިމަޝްރޫޢުގައި ހިމެނޭ 200 ހައުސިންގ ޔުނިޓުގައި ހިމެނެނީ 1000 އަކަފޫޓްގެ އެޕާޓްމަންޓްތަކެވެ. 3 ކޮޓަރީގެ މިއެޕާޓްމަންޓްތަކުގައި 3 ފާޚާނާއާއި ސިޓިންގރޫމާއި ބަދިގެއާއި، ލޯންޑްރީގެ އިތުރުން ސްޓޯރރޫމެއް ހުންނާނެއެވެ.

މިމަޝްރޫޢުގެ ދަށުން 11 ފަންގިފިލައިގެ 2 ޓަވަރު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ޓަވަރެއްގެ ތިރީ ފަންގިފިލާ ޚާއްސަކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރި ބޭނުންތަކާއި ޓަވަރުގެ މެއިންޓަނަންސް އޮފީހާއި ޕާކިންގ އޭރިއާގެ ގޮތުގައި ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިމަޝްރޫޢުގެ ދަށުން މިސަރަޙައްދުގައި ޕާކެއް ތަރައްޤީކުރުމަށްވެސްވަނީ ނިންމާފައެވެ.

އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ބޯހިޔަވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރާއި ގުޅިގެން ސިޓީ ކައުންސިލުން އަންނަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން ބިން ހިއްކުމުގެ ބިޔަ މަޝްރޫޢުތައް އެސިޓީގައި ކުރިއަށްދާއިރު މިހާރުވެސް ގޯތި ދޫކުރުމުގެ މަސައްކަތް އެކައުންސިލުން އަންނަނީ ކުރަމުންނެވެ.