ޚަބަރު

ފުލެޓުތަކުގެ ވަށައިގެންވާ ހުސް ޖާގަތައް ބޭނުންކުރާނެގޮތުގެ އުޞޫލެއް އެކުލަވާލައިފި


  • ޕާކް ކުރުމަށް ވަކި ޙާއްސަ ޖާގަތަކެއް ކަނޑައެޅިގެންދާނެ

  • ކޮމިއުނިޓީން އިސްކަންދޭ ކަންކަމަށް ހުސް ޖާގަތައް ޚާއްސަކުރެވިދާނެ

  • ހުއްދަނަގައިގެން އިޖްތިމާޢީ ހަރަކާތްތައްވެސް ހިންގިދާނެ

  • ހުސް ޖާގަތަކުގައި ގުދަން ކުރުމާއި އަލިފާން ހިފާނެ ތަކެތި ބެހެއްޓުން މަނާ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފުލެޓުތަކުގެ ވަށައިގެންވާ ހުސް ޖާގަތައް ބޭނުން ކުރެވޭނެގޮތުގެ އުޞޫލެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން އެކުލަވާލާ އާއްމުކޮށްފިއެވެ.

އެޗް.ޑީ.ސީއިން ބުނީ މި މަސައްކަތަކީ ހުޅުމާލޭގައި މީހުން ދިރިއުޅޭ ފްލެޓްތަކުގެ އެއްމެދު ސަރަޙައްދަކީ އާއްމުންނަށް ރައްކާތެރި، ހިތްގައިމު އަދި ކުޑަކުދިންނާއި ރައްޓެހި ތަނަކަށް ހެދުމަށް އެ ކޯރޕަރޭޝަނުން ކުރިއަށްގެންދާ "ހިތްފަސޭހަ" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ.

އެޗް.ޑީ.ސީގެ އެސިސްޓެންޓް ޑިރެކްޓަރ ޢަބްދުﷲ ފިރާޤު ވިދާޅުވީ، މި އުޞޫލުގެ ދަށުން ޕާކް ކުރުމަށް ވަކި ޙާއްސަ ޖާގަތަކެއް ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި، ކޯޓްޔާޑް ސްޕޭސްގެ ހުސް ޖާގަތަކަށް ވަންނަން އޮންނަ މަގު ވެހިކަލަށް ނުވަދެވޭ ގޮތަށް ބަންދު ކުރެވިގެންދާނެ ކަމަށެވެ.

ފިރާޤު ވިދާޅުވީ، ފުލެޓުތަކުގެ އެއްމެދު ސަރަޙައްދުގައި އެއްވެސް އުޞޫލެއް ނެތި ތަކެތި ބެހެއްޓުމާއި، ގަސްތައް އިންދުމުގެ ސަބަބުން އެކި ކަހަލަ ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

"ގަސްތަކުގެ ސަބަބުން ބިލްޑިން މެއިންޓެއިންސް ޓީމަށްވެސް ވަރަށް ބޮޑު ޗެލެންޖެސްތަކެއް އެބައާދޭ. މި ގަސްތަކުގެ މޫތައް ފުލެޓް އިމާރާތް ތަކުގެ ޖަންގްޝަންތަކަށް ވަނުމާއި، އެކަހަލަ އެކި އުނގަދޫތައް އެބަ ދިމާވޭ. އަޅުގަނޑުމެންގެ އައު އުޞޫލުގެ ދަށުން ނަގަން ޖެހޭ ވަކި ގަސްތަކެއް ނެގިގެން ދާނެ." ފިރާޤު ވިދާޅުވިއެވެ.

ފިރާގު ވިދާޅުވީ، މި އުޞޫލުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރެއިން އެ ކޮމިއުނިޓީއެއްގައި އުޅޭ ފަރާތްތައް ބޭނުންވާ ކޮންމެވެސް އެއް ކަމެއް ކުރުމުގެ އިޙްތިޔާރު ދީފައިވާކަމަށެވެ.

އެގޮތުން އެ ޖާގައަކީ އެ ސަރަޙައްދުގެ މީހުން އެއްވުންތައް ބާއްވާނެ ތަނެއްތޯ ނުވަތަ ކުޑަކުދިން ކުޅުމަށް ޕާކެއް ހަދާނެ ތަނެއްތޯ ނުވަތަ ޖޯލިފަތި ބަހައްޓާނެ ތަނެއްތޯ އަދި، ކަސްރަތު ކުރުމަށާއި ގަސް އިންދުމަށް ޙާއްސަ ކުރާނެ ތަނެއްކަން ނިންމާނީ އެ ކޮމިއިނުޓީއަކުންކަމަށް ފިރާޤު ވިދާޅުވިއެވެ.

އެޗް.ޑީ.ސީގެ އައު އުޞޫލުގައި ވާގޮތުން ގަސް ޕޮޓު ބަހައްޓާނަމަ ބިންމަތިން ފެށިގެން 2 ފޫޓު 4 އިންޗި އަށް ވުރެ އުސްވެގެން ނުވާނެއެވެ. އަދި ވަކި ސަރަޙައްދެއް ބަންދުވާނޭ ގޮތައް ފެންސެއްގެ ގޮތުގައި ގަސް ޕޮޓާއި ހަރު ފަދަ ތަކެތި ބެހެއްޓުމަކީ މަނާ ކަމެކެވެ. ބިންމަތީ އިންދާ ގަސްތައް ފިޔަވާ ހުސްޖާގަ ތަކުގައި ބަހައްޓާ ތަކެއްޗަކީ އެއް ތަނުން އަނެއް ތަނަށް ފަސޭހައިން ބަދަލުކުރެވޭ ތަކެތި ކަމުގައި ވާންވާނެކަމަށްވެސް މި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

އެޗް.ޑީ.ސީއިން ބުނީ، ހުއްދައާއެކު އިޖުތިމާޢީ ހަފްލާ ނުވަތަ އެއްވުންތައް ބޭއްވުން، ކުޑަކުދިން ކުޅުމަށް، ރައްޔިތުންނަށް ފައިދާކުރާނެ ކަންކަން، އަދި އިށީނުމަށް ބޭނުންކުރާ ފަދަ ތަކެތި ބެހެއްޓިދާނެކަމަށެވެ. މީގެ އިތުރުން ހުސް ޖާގަތަކުގައި ކުރުން މަނާ ބައެއް ކަންތައްތަކުގެ ތެރޭގައި ގުދަން ކުރުމާއި އަލިފާން ހިފާނެ ތަކެތި ބެހެއްޓުމާއި ކުނި ޖަމާކޮށްފައި ބެހެއްޓުން ހިމެނެއެވެ.

މި އުޞޫލުގެ ދަށުން އެކި ކަހަލަ އުނދަގޫތައް ދިމާވާން މެދުވެރިވާ ގަސްތައް ނެގުމަށް ނިންމާފައިވާކަމަށްވެސް އެޗް.ޑީ.ސީއިން ބުނެއެވެ. އަދި އެ ގަހުގެ ވެރިފަރާތުގެ ހުއްދައާއެކު ހުޅުމާލެތެރޭ ހުންނަ ކޮންމެ ވެސް ޕާކެއްގައި އިންދިގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ހުސް ބިމުގައި ހެއްދޭނެ ގަސްތަކުގެ ތެރޭގައި:

• ވިލާތު ކުންނާރު ގަސް
• ޖަނބުރޯލު ގަސް
• ޖޭމު ގަސް
• ލެމަން ގްރާސް
• ހުވަނދު މާ ގަސް
• މުރަނގަ ގަސް
• ފަޅޯ ގަސް،
• ބިލިމަގު ގަސް
• ލުނބޯ ގަސް
• ހިކަނދިފަތް، ރާނބާފަތް
• ކާމަރަގަ ގަސް

އެޗް.ޑީ.ސީގެ އުޞޫލުގައި ވާގޮތުން ވަށައިގެންވާ ހުސްޖާގަތައް ސާފުތާހިރުކޮށް ރަނގަޅަށް ބެލެހެއްޓުމަކީ އެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ފަރާތެއްގެ ޒިންމާއެކެވެ.

ވަށައިގެންވާ ހުސްޖާގަތަކުގައި ގަސް އިންދުމަށާއި، ސާފުތާހިރުކޮށް ރަނގަޅަށް ބެލެހެއްޓުމަށް ކުރާ ޚަރަދުތަކަކީ އެ ސަރަޙައްދެއް ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ފަރާތެއްގެ ޒިންމާއެއްކަމަށްވެސް މި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.