ދުނިޔެ

ދެކުނު ކޮރެޔާއިން އުތުރުކޮރެޔާއަށް އިންޒާރެއް !


އުތުރުކޮރެއާއިން ދުނިޔޭގެ ބާރުތަކާއި ދެކޮޅަށް ކުރިޔަށް ގެންދާ ނިއުކްލިއަރ ޕްރޮޖެކްޓްތައް ހުއްޓާލުމަށް ދެކުނުކޮރެއާގެ ރައީސް ޕާކް ގުއެން ހައި އަނެއްކާވެސް އިންޒާރުދެއްވައިފިއެވެ.

ދެކުނު ކޮރެއާގެ ރައީސް ވިދާޅުވީ އުތުރުން ކުރިޔަށް ގެންދާ ނިއުކްލިއަރ ޕްރޮގްރާމްތަކުގެ ސަބަބުން އެޤައުމަށް ފައިދާއެއް ނުކުރާނެކަމަށެވެ. އަދި އެހެން ޤައުމުތަކަށް ގޮންޖަހާ ހިންގަމުންގެންދާ ކަންކަން ހުއްޓާނުލައިފި ނަމަ އޭގެ ސަބަބުން އާރާސްތު ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކާއި އުތުރު ކޮރެޔާއިންކުރިމަތިލާން ޖެހިދާނެކަމަށެވެ. ޕާކް މިހެން ވިދާޅުވީ 2010 ވަނަ އަހަރު އެޤައުމުގެ އަސްކަރީ މަނަވަރެއް އަޑިއަށް ގޮސް 46 މީހުން މަރުވި ހާދިސާގެ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މަނަވަރު ފައްތާލީ އުތުރު ކޮރެޔާއިން ދިން ހަމަލާއެއްގައިކަމަށް ދެކުނު ކޮރެއާއިން ތުހުމަތުކުރެއެވެ. ނަމަވެސް މިތުހުމަތު އުތުރުކޮރެއާއިންވަނީ އިންކާރުކޮށްފައެވެ.

އުތުރުކޮރެއާއިގެ ޤައުމީ މީޑިއާއިން މައުލޫމާތުދޭގޮތުގައި އެޤައުމުގެ ރައީސް ކިމް ޖޮންގް އުންގެ ބެލުމުގެ ދަށުން މިހާތަނަށް އެޤައުމުގައި ކުރިޔަށް ގެންދާ އެންމެ ވަރުގަދަ ދުރު ރާސްތާ އާޓިލަރީ ޓްރެއިނިން ކުރިޔަށް ގެންދަމުންއެބަދެއެވެ.

އަދި މިއީ ދެކުނު ކޮރެއާގެ ރައީސްއާއި ސަރުކާރަށް ހަމަލާދިނުމަށް ތައްޔާރުވުމަށް ކުރިޔަށް ގެންދާ ޓްރެއިނިންގ ތަކެއްކަމަށް އުތުރުގެ މީޑިއާއިން މައުލޫމަތުދެއެވެ.