ޚަބަރު

ނޯތު ހާރބަރު ސާފުކުރުމުގެ ހަރަކާތާއެކު މެރިޓައިމް ސޭފްޓީ ވީކް ނިންމާލައިފި


  • ނޯތް ހާރބަރުގެ ފަޅު ތެރެވަނީ ސާފުކޮށްފައި

  • މުދާ އުފުލާ އުޅަނދުފަހަރުގައި ހުރުން ލާޒިމްވާ ކަންކަމާއި ގުޅޭ މަޢުލޫމާތުދީފައިވޭ

  • މި ސިނާއަތުގައި މަސައްކަތް ކުރާ ފަރާއްތަކުން މޫދައް ކުނި ނޭޅުމަށް ސަމާލުކަން ދޭން ޖެހޭ

  • މިއަހަރުގެ ޝިޢާރަކީ "މާޕޯލް އެޓް 50–އަވަރ ކޮމިޓްމެންޓް ގޯސް އޮން"

މި އަހަރުގެ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރު ކުރުމުގެ ދުވަސް ފާހަގަކުރުމަށް ހަފްތާއެއްގެ މުއްދަތަކަށް ކުރިއަތް ގެންދިޔަ ހަރަކާތްތައް ނިންމާލައިފިއެވެ. މި ހަރަކާތްތައް ނިންމާލައިފައިވަނީ މާލޭ ނޯތު ހާރބަރުގެ ފަޅުތެރެ ސާފުކުރުމުގެ ހަރަކާތަކުންނެވެ.

ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރު ކުރުމުގެ ދުވަސް ފާހަގަކުރުމަށް "މެރިޓައިމް ސޭފްޓީ ވީކް"ގެ ހަރަކާތްތައް ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. 7 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި މެރިޓައިމް ސިނާޢަތާގުޅުންހުރި ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ އިތުރުން ކަނޑުއުޅަނދުފަހަރުގެ ޚާއްސަ އިންސްޕެކްޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ.

މެރިޓައިމް ވީކްގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން މާލޭ ނޯތު ހާބަރު އަދި ހުޅުމާލެ ހާބަރު ސަރަޙައްދުގައި ސާފުކުރުމުގެ ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މިއީ ކޯސްޓްގާޑާއި، އެޗް.ޑީ.ސީއާއި އަމާނާތަކަފުލްއާއި މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަންއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މެރިޓައިމް ސޭފްޓީ ވީކްގެ ހަރަކާތްތައް ނިންމާލުމަށް ބޭއްވި ސާފުކުރުމުގެ ހަރަކާތުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ވެއްޓަކީ ކަނޑުދަތުރުަފތުރު ކުރާ އެންމެހާ ރައްޔިތުންނަށް އަންމާން މާޙައުލަކަށް ހެދުމަށްޓަކައި މި ތަންތަން ބޭނުން ކުރާ ފަރާތްތަކުން މޫދަށް ކުނި އެޅުމާއި އަދި މިނޫންވެސް ވެށްޓަށް ގެއްލުންދޭ ކަންކަމުން ދުރުހެލިވާންޖެހޭކަމަށެވެ.

"ޙަޤީޤަތުގައި ކަނޑު ދަތުރު ފަތުރުކޮށްފައި ދާއިރު ބޭކާރު ގޮތުގައި އޮޑިތޭރޭގައި ހުންނަ ތެޔޮކަމަށްވިއަސް އަދި އެހެން އެއްޗެއްކަމަށްވިއަސް ކުނިބުނި ކަމުގައިވިއަސް އެ އެއްޗެއް ދާން އޮންނަ ބަނދަރަކަށް އެ ޑިސްޗާރޖް ކުރުމަކީ އޭގެ ޒާތުގައި އަޅުގަނޑުމެން ކުރަން މިއުޅޭ ކަންކަން ޙާޞިލުވާނެކަންކަން." ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙް ވިދާޅުވީ މިފަދަ ހަފަތާއެއް ފާހަގަކޮށް ކުރުމަކުން މިފަދަ ބޮޑެތި މައްސަލަތައް ހައްލުވެގެން ނުދާނެކަމަށެވެ. މިކަމަކީ ފަރުދީ ޒިންމާ އަދާކޮށް ޚާއްސަކޮށް މި ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން މިކަންކަމަށް ޙާއްސަ ސަމާލުކަމެއް ދީގެން ވެށި ސަލާމަތް ކުރުމަށް ކުރަން ޖެހޭކަމެއްކަމަށެވެ. އެހެންކަމުން ކަނޑު ދަތުރުފަތުރު ކުރުމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތައް މި ކަންކަންކަމަށް ޙާއްސަ ސަމާލުމެއް ދިނުމަށް ޢަލީ ޞާލިޙް ވަނީ އިލްތިމާސްކުރައްވާފައެވެ.

މެރިޓައިމް ސޭފްޓީ ވީކްގައި އެންމެ އިސްކަމެއްދީގެން މާލޭ ނޯތު ހާބަރަށް އަންނަ މުދާ އުފުލާ އުޅަނދުފަހަރުގައި ހުރުން ލާޒިމްވާ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭކަންކަން އުޅަނދުފަހަރުގައި ފުރިހަމަ ކުރެވިފައި ހުރިކަން ޔަޤީންކޮށް ބަލައި ޗެކްކޮށް، އެ އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. އެގޮތުން މިއަހަރުގެ މެއި 19 ގައި އަމަލުކުރަން ފެށި "ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާއުފުލުމާއި ގުޅޭ ގަވާއިދު" ގައި ހިމެނޭ ކަންކަން މިނިސްޓްރީގެ ފަރާތުން ވަނީ އޮޅުންފިލުވައިދީފައެވެ.

ހަމައެހެންމެ އުޅަނދުފަހަރަށް އަރުވާ މުދަލާއި އުޅަނދުފަހަރުގެ ރައްކާތެރިކަމަށްޓަކައި އިންޝުއަރެންސުން އަދާކުރާ ދައުރު ބުނެދީ އަމާނާ ތަކަފުލްއިން އިންޝުއަރެންސްގެ ބޭނުންތެރިކަމާއި އިންޝުއަރެންސް ނެގުމުގައި ގެންގުޅެންޖެހޭ ގޮތްތައް ބުނެދީ މިކަމަށް އަހުލުވެރިކުރުވުމަށްވެސް މި ހަރަކާތުގެ ތެރެއިން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ސަލާމަތާގުޅޭ މައުލޫމާތު މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ކަމާބެހޭ ބޭފުޅުން ނޯތު ހާބަރުގައި ވަނީ ދީފައެވެ.

މީގެ އިތުރުން މާލޭ ސަރަހައްދުގައި އޮޕަރޭޓްކުރާ ދަގަނޑު އުޅަނދުފަހަރުން މުދާ އުފުލުމުގައި ގެންގުޅެން ލާޒިމްވެފައިވާ މާޕޯލް ކޮންވެންޝަންގެ އެނެކްސް 6 ގައި ހިމެނޭ ކަންތައްތަކަށް ބަލައި އެއުޅަނދުފަހަރުގެ ވެރިންނަށް މައުލޫމާތު ފޯރުކޮށްދީ ތެޔޮ އުފުލާ އުޅަނދުފަހަރަށް ލާޒިމްވެފައިވާ ކަންކަމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

މި އަހަރުގެ ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރާގުޅޭ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ކަނޑައަޅާފައިވަނީ 'މާޕޯލް އެޓް 50 – އަވަރ ކޮމިޓްމެންޓް ގޯސް އޮން' އެވެ. މި ޝިޢާރުން އެންމެ ބޮޑަށް ބާރު އަޅަނީ މެރިޓައިމް ސިނާޢަތަކީވެސް ތިމާވެއްޓާއި ރައްޓެހި ސިނާޢަތަކަށް ހެދުމަށެވެ.