ޚަބަރު

"ޒުވާން މަސައްކަތްތެރިންނަކީ ޤައުމަށް ލިބޭ އަގު ބޮޑު ރައުސުލްމާލެއް"


  • ޤައުމެއް ބިނާވެ ތަރައްޤީވެ އާބާދުވުމުގައި މަސައްކަތްތެރިންގެ ދައުރު ބޮޑު

  • ހުނަރުވެރި ޒުވާނުން ބިނާކުރުމުގައި ޕޮލިޓެކްނިކްގެ ދައުރު ބޮޑު

ޒުވާން މަސައްކަތްތެރިންނަކީ ޤައުމަށް ލިބޭ ވަރަށް މުހިންމު ރައުސުލްމާލެއްކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، ދަސްވެނީންގެ ފަރާތުން ފައިދާ ކުރާނީ ހަމައެކަނި ދަސްވެނީންނާއި ދަސްވެނީންގެ އާއިލާއަށް އެކަނި ނޫން ކަމަށާއި އޭގެ ސަބަބުން މުޅި މުޖްތަމައަށާއި މުޅި ޤައުމަށް އޭގެ ސަބަބުން ފައިދާ ކުރާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައެވެ. އަދި ޤައުމެއް ބިނާވެ ތަރައްޤީވެ އާބާދުވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާނީ ހުނަރުވެރި ޒުވާން މަސައްކަތްތެރިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިވާހަކައިގެ ޙަޤީޤީ އަސަރު އަޅުގަނޑަށް ހީވަނީ އިހްސާސް ކުރެވޭނީ މި މަސައްކަތުގެ ތެރެއަށްވަދެ މަސައްކަތް ކުރަން ފެއްޓުމުންހެން. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަދާފައިވާ ދިރާސާތަކަށް ބަލާއިރު ޤައުމެއްގެ ނުވަތަ މުޖްތަމައެއްގެ ފަޤީރުކަން ނައްތާލުމަށްޓަލައި އެކަމާއި ދެކޮޅަށް އެންމެ ބޮޑު މަސައްކަތެއް ކުރަން އޮންނަ ހަތިޔާރަކީ ހުނަރުވެރި މަސައްކަތްތެރިން." ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ ޕޮލިޓެކްނިގެ މުވައްޒަފުންގެ މުސާރަ ޝީޓް ފެނުނު ދުވަހު ހައިރާންވެވަޑައިގެންނެވިކަމަށެވެ. އެބޭފުޅުން މިހާ ދުވަހު މަސައްކަތް ކޮށްފައިވަނީީ އާދަޔާޚިލާފު ކުޑަ މުސާރައެއްގައި ކަމަށާއި ނަމަވެސް ދާދިފަހުން އެބޭފުޅުންގެ މުސާރައަށް އައި ހެޔޮބަދަލަކީ މަސައްކަތުގައި ސާބިތުކަންމަތީ ތިއްބެވީތީ ލިބުނު ނިއުމަތެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ޙަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ.

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ކޮންމެ ދަރިވަރަކީ ސާނަވީ ތަޢުލީމު ޙާޞިލުކުރުމަށްފަހު ޔުނިވަރސޓީން ޑިގްރީއެއް ހާސިލް ކުރަންޖެހޭ ދަރިވަރަކަށް ވާން ނުޖެހޭކަމަށެވެ. އަދި ބައެއް މައިންބަފައިންނާއި ދަރިވަރުން ވިސްނާ ގޮތުގައި މަތީ ތަޢުލީމަކީ ހަމައެކަނި ޔުނިވަރސިޓީން ޙާޞިލްކުރާ ޑިގްރީއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ޤައުމު ތަރައްޤީކޮށް ކުރިއެރުވުމުގައި މަސައްކަތްތެރިންގެ ބައިވެރިވުމާއި ދައުރު މުހިންމުކަމަށާއި، ޤައުމު ބިނާކުރުމަށް ޢިލްމާއި ހުނަރުހުރި މަސައްކަތްތެރިން ބޭނުންވާކަމަށެވެ.

"އަޅުގަނޑު މިރޭ އުފާވަނީ އަޅުގަނަޑަށް މިރޭ ތިބޭފުޅުންގެ ތެރެއިން ފެނިގެން ހިނގައްޖެ ހުރިހާ އުމުރެއްގެ ބޭފުޅުން. އަޅުގަނޑުމެން މިޤައުމު ބިނާކުރުމަށް ބައިވަރު މަސައްކަތްތެރީން އެބަ ބޭނުންވޭ." ޕްލޭނިންގ މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ، ރާއްޖޭގައި މަސައްކަތްތެރިން ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ. އަދި ފަޚުރުވެރި މަސައްކަތެއް ގޮތަށް މީހުން ބަލައިގަންނަނީ އޮފީހެއްގެ މޭޒުދޮށުގައި ޓައީއެއް އަޅައިގެން އިނދެގެން ކުރާ މަސައްކަތެއް ކަމުގައި ވާނަމަ އެދެވެނީ އެންމެ ރަނގަޅު މިސްރާބުން ނޫންކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޕޮލިޓެކްނިކް އުފެދިގެން އައީ ޢަމަލީ މަސައްކަތްތަކުގެ މައިދާނަށް ބޭނުންވާ އެކިއެކި ހުނަރުތަކުގެ ކޯސްތައް ހިންގުމަށް ޚާއްސަ އިންސްޓިއުޓެއްގެ ގޮތުގައެވެ. މާލޭގެ އިތުރުން އަތޮޅުތަކުގެ 3 ރަށެއްގައި ޕޮލިޓެކްނިކްގެ ގޮފިތައް އަންނަނީ ހިންގަމުންނެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތައް ފުރިހަމަކޮށް މި ޙަފްލާގައި 535 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.

ޕޮލިޓެކްނިކްއިން ކުރިއަށްގެންދާ ކޯސްތަކުގެ ތެރޭގައި އިންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް، އަރކިޓެކްޗަރ، ކާޕެންޓްރީ، އޮޓޮމޯޓިވް، ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިން އަދި އިދާރީ މަސައްކަތަކާއި ގުޅުހުރި ކޯސްތަކާއި ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާގެ އެކި ކޯސްތައްވެސް ހިމެނެއެވެ. އެ އިންސްޓިޓިއުޓްގައި މިވަގުތުވެސް 533 ދަރިވަރަކު އަންނަނީ ތަފާތު ކޯސްތައް ފުރިހަމަކުރަމުންނެވެ.