ޚަބަރު

"ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ ސިޔާސަތު"


  • މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތަށް އަލިއަޅުއްވާލެއްވި

  • އިޤްތިޞާދީ ކުރިއެރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރެއްވި

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ވިދާޅުވެއްޖެއެވެ.

ވަޒީރު އިރުތިޝާމް މިހެން ވިދާޅުވީ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ރާއްޖެއިން މަސައްކަތްކުރަމުން ދަނީ ބައިނަލްއަޤުވާމީ ދުނިޔެއާއި އޮންނަ ގުޅުން ބަދަހިކޮށް ރާއްޖޭގެ އަޑު އިއްވުމަށްކަމަށެވެ. އަދި އެކި ޕްލެޓްފޯމްތަކުގައި ރާއްޖެއަށް ލިބޭ ފުރުސަތުތައް ބޭނުންކުރުމަށް އިސްކަންދޭކަމަށް ވަޒީރު ވިދާޅުވިއެވެ. ޚާއްސަކޮށް ކުދި ޖަޒީރާ ޤައުމުތަކާއި ގުޅުން ހުރިކަންކަމުގައި ރާއްޖެއިން އަދާކުރަމުންދާ ދައުރަށް ވަޒީރު އަލިއަޅުވާލެއްވިއެވެ.

ވަޒީރުވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުދި ޖަޒީރާތަކަށް ކުރާ އަސަރުތަކާއި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ވިލުންތެރިކަން އިތުރުކުރުމަށް ރާއްޖެއިން ކާމިޔާބުކަމާއިއެކު ވަކާލާތުކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކާއި ކުރިމަތިލާ، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގެ އުއްމީދުތައް ގުޅިފައިވަނީ ކާމިޔާބު މުސްތަޤްބަލަކާއި. އެކަން އެކަނި ނުކުރެވޭނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން. އެ އަމާޒަށް ވާސިލްވާން ޤައުމުތަކުން އެކުގައި މަސައްކަތްކުރުން މުހިންމު" ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ވިދާޅުވިއެވެ. ވިދާޅުވިއެވެ.

ވަޒީރު ވަނީ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ފަދަ ޕްލެޓްފޯމްތަކަކީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މުހިންމު ޕްލެޓްފޯމެއްކަން ފާހަގަކުރައްވާފައެވެ.

މި ފޯރަމްއަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ވިލުންތެރިކަން އިތުރުކޮށް ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ކުދި ޤައުމުތަކުން ދައްކާފައިވަނީ ރަނގަޅު ނަމޫނާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްސަކޮށްގެން ބާއްވާ ސިޑްސް ބިޒްނަސް ގްލޯބަލް ފޯރަމް ވެފައިވަނީ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަދި ގުޅުން ބަަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް" ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސާދުގެ ކުރިއަށް އޮތް ހަރުފަތަކީ އިޤްތިޞާދު ޑިޖިޓަލައިޒްކުރުންކަމަށް ވަޒީރު އިރުތިޝާމް ފާހަގަކުރެއްވިއެވެ. އަދި މިހާރަށްވުރެ ދެމެހެއްޓެނެވި ގޮތަކަށް ހަކަތަ ބޭނުންކުރުމާއި، މިހާރަށްވުރެ ފެހި ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއަދު ފެށި ފޯރަމްގެ އެހީގައި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް، އިންވެސްޓަރުން ހޯދުމަށާއި، އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މެސެޖަކީ ކުދި ޖަޒީރާ ޤައުމުތަކަކީ ލައިބަލިޓީ އެއްނޫންކަން. އެއީ ރަނގަޅު އިންވެސްޓްމެންޓެއް. ރާއްޖެ އޮތީ އީޖާބީ ފުރުސަތުތަކަށް ތައްޔާރަށް" ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ވިދާޅުވިއެވެ.

ރާއްޖެއަކީ ކުޑަ އިޤްތިސާދަކަށްވިޔަސް ރާއްޖޭގެ އިޤްތިޞާދަކީވެސް ޝައުގުވެރި އިޤްތިޞާދެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވަނީ މިހާރަށް ވުރެ، އުފެއްދުންތެރި، އީޖާބީ ގޮތްތަކާއި އެކު ދެމެހެއްޓެނެވި ތަރައްޤީގެ މަގުގައި ދެމި ތިބުމަށް މަގުފަހިވާނެ ގޮތްތަކެއްކަމަށާއި އެކަން ކުރެވޭނީ ޤައުމުތަކުން އެކުގައި މަސައްކަތްކުރުމުގެ އިތުރުން، ރަނގަޅު އިންވެސްޓްމެންޓްތަކާއެކުކަމަށް ވަޒީރު ވިދާޅުވިއެވެ.