ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީގެ މަޤާމަށް، މިނިސްޓަރުގެ ފެންވަރުގައި، އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ޢައްޔަން ކުރައްވައިފިއެވެ.
އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރަކީ، މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭކަނބަލެކެވެ. ޢާޒިމާއަކީ، ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ބަންޑާރަނައިބެވެ. އަދި ރިޔާސީ ތިން ދައުރެއްގައި ވަޒީރުންގެ މަޖިލީހުގައިވެސް އެކަމަނާ ޚިދުމަތް ކުރައްވާފައިވެއެވެ.
ޢާޒިމާ މީގެ ކުރިން ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ޤާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ޚިދުމަތްކުރައްވާފައެވެ.
ޢާޒިމާ ވަނީ، ޔުނިވަރސިޓީ އޮފް ލަންޑަނުން ބެޗެލަރ އޮފް ލޯރސް (އޮނަރސް) އަދި ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާއިން މާސްޓަރ އޮފް ލޯރސް ހާސިލުކުރައްވާފައެވެ. އޭނާއަކީ، ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އަދި އިޙުތިރާމު ލިބިގެންވާ ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަކީލެކެވެ.
ޤާނޫނީ ފަންނުގައި 30 އަހަރަށްވުރެ ގިނަ ދުވަސްވީ ޚިދުމަތުގައި ޢާޒިމާ ވަނީ، ވެރިކަން ހިންގުމުގެ ނިޒާމާއި ޤާނޫނުއަސާސީ އަދި ޤާނޫނު އިސްލާޙުކުރުމާއި ޤާނޫނީ ދިރާސާގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. މީގެތެރޭގައި 2004 ވަނަ އަހަރު ސަރުކާރުން އެކުލަވާލި އިސްލާޙީ އެޖެންޑާ އެކުލަވާލައި ތަންފީޒުކުރުމުގައިވެސް އިސް ދައުރެއް އަދާކުރެއްވިއެވެ.
އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރަކީ، އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ، ހޯޕް ފޮރ ވިމެންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ، ފާލަންގެވެސް ކޯ-ފައުންޑަރެކެވެ. މީގެ އިތުރުން އަމިއްލަ ޤާނޫނީ ފަންނުގެ ޚިދުމަތުގައިވެސް ޖިންސީ އަނިޔާގެ އިތުރުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭސާބަހަށް ޤާނޫނީ ލަފާދެއްވަމުން ގެންދަވާ ބޭކަނބަލެއްގެ ގޮތުގައިވެސް ޢާޒިމާ ފާހަގަކުރެވެއެވެ.