ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނު އެއްވެސް ކުޅުންތެރިއަކު މިރޭ އެލްޗޭއާ ދެކޮޅަށް 90 މިނިޓް ނުކުޅޭ ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
ސްޕެނިސް ލީގުގެ ފުރަތަމަ މެޗަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްލިކް ބުނީ ޖޫން 12ވަނަ ދުވަހު ފަށައި މިދިޔަ ޖުލައި މަހު 19ގައި ނިމުނު ވޯލްޑް ކަޕުގައި ކުޅުނު އެއްވެސް ކުޅުންތެރިއަކު މުޅިން ފިޓްނޫން ކަމަށެވެ.
"އެ މީހުން ޕްރީ ސީޒަން ހަދަން ފެށީ މާފަހުން ޗުއްޓީ އަށް ފަހު. އަހަރެން ގަސްތެއް ނުކުރަން އެއިން އެއްވެސް ކުޅުންތެރިއަކު ލައްވައި 90 މިނިޓް ކުޅުވަން. އެއީ އެ މީހުން އެވަރަށް ފިޒިކަލީ ފިޓްނުވާތީވެ،" ކޯޗު ބުންޏެވެ.
ސްޕޭން ވޯލްޑް ކަޕް ކާމިޔާބު ކުރި އެ ޓީމުގައި ބާސެލޯނާގައި ނުވަ ކުޅުންތެރިން އެބަތިއްބެވެ. މި ކުޅުންތެރިން މުބާރާތް ނިންމާފައި ޕްރެކްޓިސް ފެށީ މި މަމަހުގެ ފުރަތަމަ ހަފުތާއަށް ފަހު އެވެ.
މި ސީޒަނަށް ބާސެލޯނާ އަށް އިތުރު ކުޅުންތެރިން ހޯދާފައިވާއިރު ފޯވަޑެއް ނެތުމުގެ އުނިކަން އެބައޮތްތޯ އެހުމުން ފްލިކް ބުނީ އެކަމާ ކަންބޮޑު ނުވާ ކަމަށެވެ.
"އަހަރެންނަށް އެބައެނގޭ ކާކުކަން ކުރިއަށް ކުޅޭނީ. އަހަރެން އެކަމާ ކަންބޮޑެއް ނުވަން. އަހަރެން މިދަނީ (ސްޕޯޓިން ޑައިރެކްޓަރު) ޑެކޯއާ ވާހަކަ ދައްކަމުން ޓީމު އިތުރަށް ވަރުގަދަ ކުރުމާމެދު،" ފްލިކް ބުންޏެވެ.
ބާސެލޯނާ އަކީ ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ.