ޚަބަރު

ދެކުނުގައި އާރްޓީއެލްގައި އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުކުރެވޭނެ އަގުތައް އާއްމުކޮށްފި


  • ހައިވޭ ލިންކްގައި ގއ، ހދ، ފުވައްމުލައް އަދި އައްޑޫ ވަނީ ގުޅާލާފައި

  • ފުވައްމުލަކާއި އައްޑުއާއި ދެމެދު ދަތުރުކުރެވޭ އަގަކީ 250 ރުފިޔާ

  • އެންމެ ދިގު ދަތުރު، ސ.ހުޅުމީދޫއާއި ގދ.ވާދޫއާއި ދެމެދު ދަތުރުގެ އަގަކީ ކޮޅަކަށް 490 ރުފިޔާ

ދެކުނުގެ އަތޮޅުތަކުގައި، އާރްޓީއެލް ފެރީގައި އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުކުރެވޭނެ އަގުތައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން އާއްމުކުރައްވައިފިއެވެ.

ޒޯން 5 ގައި ހިމެނޭ ހުވަދު އަތޮޅުގައި ރަސްމީކޮށް އާރްޓީއެލް ޚިދުމަތް ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ޒޯން 6 ގައި ހިމެނޭ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ދަތުރުތައް ފެށީ އޮގަސްޓްމަހުއެވެ.

ޕްލޭނިން މިނިސްޓްރީއިން ނިންމާފައިވަނީ މިމަހުގެ 8 އިން ފެށިގެން، އެ ސަރަޙައްދުގެ ހައިވޭ ލިންކްތަކުން އަގު ނަގައި، އެއް އަތޮޅުން އަނެއް އަތޮޅަށްކުރާ ދަތުރުތައް އެ ސަރަޙައްދުގައި ރަސްމީކޮށް ފެށުމަށެވެެ. ޕްލޭނިން މިނިސްޓްރީއިން މިހާރު މިވަނީ އަގުތައްވެސް އިޢުލާންކޮށްފައެވެ. އެ ސަރަޙައްދުގައި ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫސިޓީ ވަނީ ގުޅާލާފައެވެ.

ހައިވޭ ލިންކްގައި 10 ދަތުރެއް ހިމެނެއެވެ.

ދަތުރުތަކުގެ ރޫޓްތަކާއި އަގުތައް:

• ގދ. ވާދޫއާއި ފުވައްމުލަކާއި ދެމެދު: ކޮޅަކަށް 250ރ
• އައްޑޫ ސިޓީ ހުޅުމީދުއާއި ގދ. ވާދޫއާއި ދެމެދު: ކޮޅަކަށް 490ރ
• ފުވައްމުލަކާއި އައްޑޫ ސިޓީ ހުޅުމީދޫއާއި ދެމެދު: ކޮޅަކަށް 250ރ
• ފުވައްމުލަކާއި އައްޑޫ ސިޓީ ފޭދޫއާއި ދެމެދު: ކޮޅަކަށް 250ރ
• އައްޑޫ ސިޓީ ހުޅުމީދޫއާއި އައްޑޫ ސިޓީ ފޭދުއާއި ދެމެދު: ކޮޅަކަށް 55ރ

ރާއްޖޭގެ ދެކުނަކީ އާރްޓީއެލް ފެރީގެ ޚިދުމަތް ފެށި 3 ވަނަ ސަރަޙައްދެވެ. މިއީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަޙައްދުވެސްމެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލްގެ ޚިދުމަތް ސަރުކާރުން ދެމުންދަނީ އަތޮޅުތެރޭގެ ދަތުރުތަކުގެ އިތުރުން، ކައިރި އަތޮޅުތަކަށްވެސް މި ނިޒާމުގެ ތެރެއިން ހައި ސްޕީޑް ފެރީގައި ދަތުރުކުރެވޭގޮތަށެވެ. އަދި މި ޚިދުމަތް ދެމުން އަންނަނީވެސް ވަރަށް ކުޑަ އަގެއްގައެވެ. ހުވަދު އަތޮޅުގައި މި ޚިދުމަތް ފެށިގެންދިޔައިރު، އެ ދެ އަތޮޅުގެ ރައްޔިތުންވެސް އެކަން ފާހަގަކުރައްވައެވެ.

އާރްޓީއެލް ޚިދުމަތަކީ ކޮންމެ ދުވަހަކު ދެމުންދާ ޚިދުމަތަކަށް ވުމާއެކު، މިއީ ރައްޔިތުންނަށް ބަރޯސާވެވޭ ޚިދުމަތަކަށްވެސް ވަނީ ވެފައެވެ. މިހާތަނަށް ހއ، ހދ، ށ އަދި ޅ އަތޮޅުގައި މި ޚިދުމަތް ވަނީ ފަށާފައިއެވެ.