ޚަބަރު

ރަތަފަންދޫ ސްކޫލްގެ 6 ކްލާސް ރޫމާއެކު ސްކޫލް އެއްދަންފަޅިއަށް


  • ރަތަފަންދޫ ސްކޫލްގެ 6 ކްލާސް ރޫމް ޢިމާރާތްކުރުމަށް ބަޔަކާއިވަނީ ޙަވާލުކޮށްފައި

  • މިމަސައްކަތް ޙަވާލުކޮށްފައިވަނީ ފިޔުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑާ

  • އެކުންފުނިންގ މިމަސައްކަތް 13 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭ

  • މިސްކޫލް ނިމިގެން ދިޔުމާއެކު ރަތަފަންދޫ ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރެވޭނެ

ގދ. ރަތަފަންދޫ ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ 6 ކްލާސްރޫމްގެ މަސައްކަތްކުރުމަށް ބަޔަކާއި ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ފިޔުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 8.7 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 13 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ރަތަފަންދޫ ސްކޫލް ވަގުތީގޮތުން ހިންގެވުމާއި ޙަވާޅުވެ ހުންނެވި ސަލްމާން ރަޝީދު ވިދާޅުވީ ރަތަފަންދޫ ސްކޫލަކީ ވަރަށް ކުރީގެ ޢީމާރާތެއްކަމަށެވެ. އަދި ސްކޫލްގައި މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަންކަމުގައި ސަލްމާން ވިދާޅުވިއެވެ. އެހެންކަމުން މި 6 ކްލާސްރޫމާއެކު ޖާގައިގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާއިރު ސްކޫލްގައި މިހާރު ދެދަންފަޅިއަށް ކިޔަވައިދިނުން އެއްދަންފަޅިއަށް ބަދަލުކުރެވޭނެކަމަށް ސަލްމާން ވިދާޅުވިއެވެ. މިއާއެކު ސްކޫލްގެ ކުދިންގެ ކިޔެވުމަށް ހެޔޮބަދަލެއް އަންނާނެކަމަށް އެސްކޫލުން ދެކެއެވެ.

ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑު 10 އަކާއި ހަމައަށް ކިޔަވައިދޭ ރަތަފަންދޫ ސްކޫލްގައި 92 ދަރިވަރުން އަންނަނީ ތަޢުލީމު ޙާސިލުކުރަމންނެވެ. އެކުދިންނަށް ކިޔަވައިދިނުމުގައި 26 ޓީޗަރުން މަސައްކަތް ކުރައްވަމުންގެންދަވާއިރު މީގެތެރެއިން 16 ޓީޗަރުންނަކީ ދިވެހި ޓީޗަރުންނެވެ. ގިނަ ޓީޗަރުން ހެނދުނުގެ ދަންފަޅީފައި ކިޔަވައިދޭން ހަމަޖެހިފައި އޮތުމުން މެންދުރު ފަހުގެ ސެޝަނުގައި މުދައްރިންގެ ދަތިކަން އޮންނަކަން ސްކޫލުން ފާހަގަކުރައްވައެވެ.

ހަމައެއާއެކު މަތީ ގްރޭޑްތަކުގެ ދަރިވަރުންގެ އިތުރު ގަޑީގެ ކްލާސްތައް ރޭގަނޑު ގެންދަންޖެހުމަކީވެސް ސްކޫލްގެ ކަންބޮޑުވުމެކެވެ. އެހެންކަމުން ޢިމާރަތްކުރުމަށް ހަމަޖެހިފައިވާ 6 ކްލާސްރޫމާއެކު މިފަދަ ގިނަ މައްސަލަތަކަށް ޙައްލެއް ލިބި، ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންނަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެސްކޫލުން ފާހަގަކުރައްވައެވެ.