ވިޔަފާރި

ކޯވިޑަށްފަހު ޗައިނާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ހަރަކާތުގައި ރާއްޖެ އިޝްތިހާރުކުރަނީ


  • ރާއްޖޭގެ 33 ކުންފުންޏެއްގެ 64 މަންދޫބުން ބައިވެރިވޭ

  • މި އިވެންޓްގައި ރާއްޖެއިން ލިބެންހުންނަ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރާނެ

  • ޗައިނާއަކީ މިހާރު ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމު

ކޯވިޑް-19 އަށްފަހު ޗައިނާގައި ރާއްޖެ އިޝްތިހާރުކުރުމުގެ އެންމެ ބޮޑު ހަރަކާތުގައި އެމްއެމްޕީއާރުސީއާއެކު ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ބައިވެރިވެއްޖެއެވެ.

އެމްއެމްޕީއާރުސީ އާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ 33 ކުންފުންޏެއްގެ 64 މަންދޫބުންނާއެކު އައިޓީބީ ޗައިނާ 2023 ގައި ބައިވެރިވެ ދަނީ ރާއްޖެ އިޝްތިހާރުކުރަމުންނެވެ.

އެމްއެމްޕީއާރުސީން ބުނީ މިއީ ކޯވިޑް-19 އަށްފަހު ޗައިނާގައި ބާއްވާ ޓްރެވަލް އިންޑަސްޓްރީގެ އެންމެ ބޮޑު ފިޒިކަލް އިވެންޓްކަމަށެވެ. އައިޓީބީ ޗައިނާ 2023 ކުރިއަށްދާނީ މިމަހުގެ 12 އިން 14 އަށް ޝަންހާއީ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރު، ޝަންހާއީގައެވެ.

އައިޓީބީ ޗައިނާއަކީ ޗައިނާގެ ޓްރެވަލް މާކެޓަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ބ2ީބީ ޓްރޭޑް ޝޯއެވެ. މި ފެއަރއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންޑަސްޓްރީގެ ގިނަ ތަޖުރިބާކާރުން ބައިވެރިވާ ފެއަރއެކެވެ. އަދި މިފެއަރގައި މުހިންމު ސޯސް މާކެޓްތަކުގެ އޭޖެންޓުންނާއި ބަޔަރސް ގުޅުން ބަދަހިކުރުމަށް ތަފާތު ނެޓްވޯކިންގ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.

މި ފެއަރގައި ވިޒިޓް މޯލްޑިވްސް ސްޓޭންޑް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ތަމްސީލުކޮށްދޭ ގޮތަށެވެ. ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަރަށް ގިނަ ތަޖުރިބާތަކެއް ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ޓްރެވަލް ޓްރޭޑާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތާއި، ދިވެހި ކެލިގްރަފީ ބުކްމާކް ހެދުމުގެ ފުރުސަތާއި، ދިވެހިރާއްޖޭގެ ހިތްގައިމު މަންޒަރު ދައްކުވައިދޭ ބެކްޑްރޮޕެއްގައި ލިބާހާއި ފޭލި އަނދެގެން ފޮޓޯ ނެގުމުގެ ފުރުސަތުތައް ހިމެނެއެވެ.

މިފެއަރގައި އެމްއެމްޕީއާރުސީއިން ވިޒިޓް މޯލްޑިވްސްގެ ވީބޯ އަދި ވީޗެޓް ސޯޝަލް މީޑިއާ ހެންޑްލްތައް މެދުވެރިކޮށް ޗައިނާ މާކެޓް ގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުކޮށް، މި ފުރުސަތުގައި މި ޗެނަލްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތްތައް ކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ވިޒިޓް މޯލްޑިވްސް އާއި އިންޑަސްޓްރީ ޕާޓްނަރުންނާ ބެހޭ މައުލޫމާތު ހިމެނޭ ޕްރެސް ޕެކްތަކާއި ޕްރޮމޯޝަނަލް މެޓީރިއަލްސް މެދުވެރިކޮށް ދިވެހިރާއްޖޭގެ މަޢުލޫމާތު ފޯރުކޮށްދީ، ފެއަރގެ ފަހު ދުވަހު ރެފްލްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑް19 ގެ ކުރިން ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެންމެ ބޮޑު މާކެޓެވެ. ކޯވިޑް19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމުގެ ސަބަބުން 3 އަހަރުގެ މެދުކެނޑުމަކަށްފަހ،ު ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަފައިވަނީ މިއަހަރުގެ ޖަނަވަރީ 18 ވަނަ ދުވަހުއެވެ.

އެމްއެމްޕީއާރުސީއިން ވަނީ ބޯޑަރު ބަންދުކޮށްފައިވާ ދުވަސްވަރު ވެސް މާކެޓިންގެ އެކި ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް ޗައިނާގައި ރާއްޖޭގެ ޑެސްޓިނޭޝަން ޕްރެޒެންސް ދަމަހައްޓާފައެވެ. 05 ސެޕްޓެމްބަރ 2023 ގެ ނިޔަލަށް ޗައިނާއިން ޖުމްލަ 123,824 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.