ޚަބަރު

ފަތުރުވެރިކަން ނެތް ހދ. ގެ ރައްޔިތުންގެ އުންމީދު ހަނިމާދޫ އެއަރޕޯޓާ ގުޅިފައި


  • މިވަގުތު އަތޮޅުގައި އޮތީ ހަމައެކަނި 60 އެނދުގެ ރިސޯޓެއް

  • ފަތުރުވެރިކަމަށް 2006 ވަނަ އަހަރުން ފެށިގެން 2 ރަށެއް ދޫކޮށްފައި އެބައޮތް

  • ހަނިމާދޫ އެއަރޕޯޓާއި އެކު ގެސްޓްހައުސް ޓޫރިޒަމް ގެނައުމުގެ މަސައްކަތް ވަނީ ފަށާފަ

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުވެގެންދިޔައިރު، ފަތުރުވެރިކަން އެންމެ ފަނޑުކޮށް ފެނަންއޮތީ ރާއްޖޭގެ އެންމެ އުތުރުން ހދ.އަތޮޅުގައެވެ. އުތުރުގެ މައި އެއަރޕޯޓު އޮތުމާއި، ރާއްޖޭގައި ގުދުރަތީ ރީތިކަން އެންމެ ބޮޑަށް ފެންނަންއޮތް ހދ.އަތޮޅުގައި ފަތުރުވެރިކަން ކުރިނާރާ އޮތުމަކީ މުޅި އަތޮޅުގެ ހުރިހާ ރައްޔިތުންގެވެސް އޮތް ޝަކުވާއެކެވެ. އެހެންނަމަވެސް މިހާރު މުޅި ބޮޑު ތިލަދުންމަތީގެ އުއްމީދު ގުޅިފައިވަނީ، ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެވެ. އެއަރޕޯޓާއެކު އަތޮޅު ތައްޔާރު ވަމުންދަނީ ގެސްޓް ހައުސް ޓޫރިޒަމްގެ ނަފާ އަތޮޅަށް ގެނައުމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެވިގެންދިޔުމުން އުތުރުގެ ފަތުރުވެރިކަމަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ޕީއެސްއެމްގެ ނިއުސްޓީމުން ހދ.އަތޮޅުގެ ރަށްތަކަށް ކުރި ދަތުރުގައި ހަނިމާދޫ އެއަރޕޯޓާއި ގުޅޭގޮތުން އެކި ފަރާތްތަކާއެކު ދެކެވުނުވާހަކަތަކުން އެސަރަޙައްދަށް ފަތުރުވެރިކަން ނައިސް އޮތް ސަބަބަކީ، ވޭތުވެދިޔަ ހުރިހާ ސަރުކާރަކުންވެސް އެއަތޮޅަށް ވަރަށް ބޮޑަށް އިހުމާލުވެފައިވުންކަމަށް ރައްޔިތުން ބުންޏެވެ.

"ހދ.ގެ ޓޫރިޒަމްއަށް ބަލާއިރު، އަޅުގަނޑު ޤަބޫލެއް ނުކުރަން ހަމައެކަނި މިދިމާވާ މައްސަލައަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުކަމަކަށް. ސަބަބަކީ، ހއ.އަތޮޅުގައި ރިސޯޓުތަކެއް އޮޕަރޭޓްކުރެވެމުން އެބަދޭ. ކޮންމެ ދުވަހަކު، ހެނދުނާއި ހަވީރު އަޅުގަނޑުމެނަށް އެބަފެނޭ، ސީޕްލޭން އޮޕަރޭޓްވާތަން. އަތޮޅުގައި ޓުރިޒަމަށް ދޫކުރެވިފައިހުރި، ބޮޑެތި ރީތި ރަށްރަށް ހުރިއިރު، އެރަށްތައް އޮޕަރޭޓް ކުރެވޭނެ މަގު ފަހިވެ ސަރުކާރު ލެވެލްގައި މަސައްކަތް ކުރެވިގެން މިކަމަށް ޙައްލެއް އަންނާނީ." ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބްދުﷲ ނަދީމް ވިދާޅުވިއެވެ.

ހދ.ގައި މިވަގުތު އޮޕަރެޓްކުރަމުންދަނީ، 2018 ވަނަ އަހަރު ހުޅުވި ހޮނޑާފުށި އެކަންޏެވެ. 80 ކޮޓަރިއާއެކު ހުޅުވި މިރިސޯޓުގެ ފުލް ކެޕޭސިޓީއަކީ 400 ކޮޓަރިއެވެ. އެހެންނަމަވެސް ރިސޯޓުގެ މަސައްކަތް އަދި އެއްކޮށް ނިމޭނެ ދުވަހެއް މިއަތޮޅުގެ ރައްޔިތުންނަކަށް ނޭނގެއެވެ. އަތޮޅުގެ ރައްޔިތުންގެ މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ދޫކޮށްފައިވާ ރަށްތަށް ތަރައްޤީނުކުރެވުމެވެ. މިގޮތުން ނާގޯށި ފަތުރުވެރިކަމަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ 2016 ވަނަ އަހަރުގައެވެ.

އެކި މައްސަލަތަކާއެކު ނާގޯށި އަދިވެސް އޮތީ ތަރައްޤީނުކުރެވިއެވެ. މިސަރަޙައްދުގެ ރަށްރަށުގެ ރައްޔިތުންނަށް އެކި މަންފާތަކެއް ލިބެމުންދިޔަ ނާގޯށި ފަތުރުވެރިކަމުގެ ބޭނުމަށް ނެގުމަކީ، ލިބެމުންދިޔަ މަންފާތަކުން ރައްޔިތުން މަޙްރޫމުވެ އަދި އެތަން ހުއްޓިފައި އޮތުމުގެ ގެއްލުން މިސަރަޙައްދުގެ ހުރިހާ ރައްޔިތުން އުފުލަމުންދާ މައްސަލައެކެވެ.

"އެންމެންވެސް ކިޔާގޮތުން، ޓޫރިޒަމް ނެތް ހދ.ގެ ގޮތުގައި މުޅި ދިވެހިރާއްޖޭގައި މަޝްހޫރު އަތޮޅެއް މިއީ، ޓުރިޒަމަށް 50 އަހަރުވެގެން ރަންޔޫބީލް ފާހަގަކުރަމުންދާއިރު، ހދ.އަތޮޅުގެ ރައްޔިތުންނަށް، ދިވެހިރާއްޖޭގެ ރަންބިސް އަޅާކުކުޅުގެ ފައިދާ ނުލިބިފައިމިވަނީ. އެހެންކަމުން ޕޮޒިޓިވް ޑިސްކްރިމިނޭޝަންގެ ދަށުން ނަމަވެސް، ފަތުރުވެރިކަން ތަރައްޤީކުރުމަށް ޚާއްސަ ލޯންތަކެއް މިސަރަޙައްދުގެ ރައްޔިތުންނަށް ފަހިކޮށްދޭން އެބަޖެހޭ. އެކަން ކުރުމަށް ޚާއްސަ އިސްކަމެއް ސަރުކާރުން ދެއްވަންޖެހޭ މިއަދު." ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ހދ.އަތޮޅުގެ ޒުވާނުންގެ ނިސްބަތް ބޮޑެވެ. ދާއިރާގެ މަތީ ފަންތީގައިވެސް މިއަތޮޅުގެ ގިނަ ބަޔަކު ހަރަކާތްތެރިވެއެވެ. އެހެންކަމުން އަތޮޅުގެ ޒުވާނުން ރަށުގައި، ޢާއިލާ ގާތުގައި މަސައްކަތް ކުރުމަށް އޮތް ހުރަހަކީ މިސަރަޙައްދުގައި ރިސޯޓުތައް ތަރައްޤިވެފައި ނެތުމެވެ. އެކަމަށް އަތޮޅުގެ ހުރިހާ ރައްޔިތުންވެސް ތިބީ ކެތްމަދުވެފައެވެ. ސަރުކާރުން މިސަރަޙައްދުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ތްރީއޭ ކުންފުންޏާއިވަނީ 2 ރަށެއް ޙަވާލުކޮށްފައެވެ. ދޫކުރިފަހުން ދިގުމުއްދަތެއް ވެފައިވާ، ނާގޯއްޓާއި، މުރައިދޫގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމަކީވެސް ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

ހދ.އަތޮޅަށް ފަތުރުވެރިކަން ގެނައުމަށް އެއަތޮޅުގެ ރައްޔިތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިމެންވާއިރަށް އަތޮޅުގެ އެކި ރަށްރަށުގައި ގެސްޓްހައުސް ޓޫރިޒަމް ތަރައްޤީކުރުމަށް ރައްޔިތުންނާއި ކައުންސިލްތަކުން އަންނަނީ ތައްޔާރުވަމުންނެވެ.