ޚަބަރު

މެދުއިރުމައްޗަށް އަތްގަދަކުރުމަށް ޔަހޫދީން އިއުލާންކުރި ޕްލޭން ބަލައެއްނުގަނެވޭނެ، ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ރައީސް


  • އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރައްވާކަމަށް ރައީސް ވިދާޅުވި

  • ރާއްޖެއިން ދަނީ އެކިއެކި ޕްލެޓްފޯމްތަކުގައި ފަލަސްތީނާއި އެއްކޮޅަށް އަޑުއުފުލަމުން

މެދުއިރުމައްޗަށް އަތްގަދަކުރުމަށް ގެންގުޅޭ ތަސައްވުރާއި ގުޅޭގޮތުން ޔަހޫދީ ސަރުކާރުން ދެއްކި ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފަލަސްތީނާއި އަރަބި އެހެން ޤައުމުތަކަށް އަތްގަދަކުރުމަށް ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ވިޝަން އޮފް ގްރޭޓަރ އިޒްރާއިލް"ގެ ނަމުގައި ޕްލޭނެއް އިއުލާންކޮށް، އެ ޕްލޭނަށް އަމަލުކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން އަރަބި ޤައުމުތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ނުރުހުން ފާޅުކޮށް، އެކަން ކުއްވެރިކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޓްވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ފަލަސްތީނާއި އަރަބި އެހެން ޤަޢުމުތަކުގެ ބިންތަކަށް އަތްގަދަކުރުމަށް ޔަހޫދީ އިސްތިއުމާރީ ބާރުތަކުން އިއުލާންކުރި "ވިޝަން އޮފް ގްރޭޓަރ އިސްރާއިލް" އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާކަމަށާއި، އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އެ ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތި ހާލުން އަރައިގަތުމަށް ބައިނަލްއަޤްވާމީގޮތުން ގުޅިގެން އަވަސް މަސައްކަތްތަކެއް ކުރުމަށްވެސް ގޮވާލާފައެވެ. އަދި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައިކަމަށާއި، އަދި ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ހަމަޖެހުމާއި ސަލާމަތް ހޯދުމަށް ކުރާ މަސައްކަތުގައި ދެމި އޮންނާނެކަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ތަކުރާރުކުރައްވާފައެވެ.

ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ގައުމަކަށްވާއިރު، ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައި ދިވެހި ސަރުކާރުން ދަނީ ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި ކެނޑިނޭޅި އަޑުއުފުލަމުންނެވެ.