ޚަބަރު

އިސްދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަން ޙަވާލުކޮށްފި


  • 500 މީހުންގެ ޖާގައިގެ މިސްކިތެއް

  • 19 މިލިއަން ރުފިޔާ ޚަރަދުވޭ

  • މަޝްރޫޢު ނިންމުމަށް 365 ދުވަސް

ލ. އިސްދޫގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި ފެޑޯ ޕްރައިވެޓް ލިމިޓެޑާއިއެކު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް މަޝްރޫޢުގެ މަސައްކަތް ނިންމައިދިނުމަށް އެދޭކަމަށާއި، މިނިސްޓްރީގެ ފަރާތުން ދެއްވަންޖެހޭ އެއްބާރުލުން ދެއްވާނެކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ލ. އިސްދޫގައި އިމާރާތްކުރާ މިސްކިތުގެ އަގަކީ 19,612,765.07 ރުފިޔާއެވެ. ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރާ މިސްކިތެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.