ޚަބަރު

ރ. އުފުލަންދޫ ބެލެހެއްޓުން މަޑުއްވަރީ ކައުންސިލާއި ޙަވާލުކުރައްވައިފި


ރ. އަތޮޅުގައި އޮންނަ ފަޅު ރަށެއްކަމަށްވާ އުފުލަންދޫ ބެލެހެއްޓުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެއަތޮޅު މަޑުއްވަރީ ކައުންސިލާއި ޙަވާލުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤްތިޞާދީ ބޭނުންތަކަށް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ 5 ވަނަ މާއްދާކަމަށްވާ ފަޅުރަށްރަށް ދޫކުރުމުގެ (ނ) ގެ 3 ގައި ސަރުކާރުގެ އަމިއްލަ އިސްނެގުމަށް ފަޅުރަށެއް ބެލެހެއްޓުން ވަކި ޝަރުތުތަކާއެކު ކައުންސިލަކާ ޙަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި ނިންމެވުމާގުޅިގެން ރ. އުފުލަންދޫއަކީ މިހާރު އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ރަށަކަށްނުވާތީ، ޕްލޭނިންގ މިނިސްޓްރީން ވަނީ އެރަށް ބެލެހެއްޓުން ރ. މަޑުއްވަރީ ކައުންސިލާއި ވަނީ ޙަވާލުކުރައްވާފައެވެ.

އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނެވެ. އަދި މަޑުއްވަރީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް މެންބަރު އާޔަތުﷲ ނަޢީމެވެ. މި އެއްބަސްވުމުގެ ދަށުން އުފުލަންދޫ ބެލެހެއްޓުން މަޑުއްވަރީ ކައުންސިލާއި ޙަވާލުކުރައްވާފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ރ. އުފުލަންދޫއަކީ ބޮޑުމިނުގައި ގާތްގަނޑަކަށް 29.6 ހެކްޓަރު ހުންނަ ރަށެކެވެ.