ސިއްހަތު

"މޯލްޑިވްސް ހެލްތު ލައިން" އާއެކު ޞިއްޙީ ނިޒާމު ލާމަރުކަޒުކުރުމަށް އިތުރު ބާރެއް


  • ޑޮކްޓަރުން ރަށްރަށަށްގޮސް އައުޓް-ރީޗް ޕްރޮގްރާމްތައް ހިންގާނެ

  • ބޭސްފަރުވާއަށް އެއްރަށުން އަނެއް ރަށަށް ކުރަންޖެހޭ ދަތުރުތައް މަދުވެގެންދާނެ

  • 20 ސްޕީޑް ލޯންޗް 20 އަތޮޅަށް ފޯރުކޮށްދޭނެ

ޞިއްޙީ ޚިދުމަތް ހޯދަން އެއް ރަށުން އަނެއްރަށަށް ރައްޔިތުން ކުރަމުން އައި ދަތުރު ހުއްޓުވުމަކަށް ގެނައުމަށް "މޯލްޑިވްސް ހެލްތް ލައިން“ އިފްތިތާހުކޮށްފިއެވެ. މި ޙިދުމަތް އިފްތިތާހުކޮށްދެއްވީ ހެލްތް މިނިސްޓަރ އަޙްމަދު ނަސީމެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމަކީ ލާމަރުކަޒީ ނިޒާމުން ކުރިއަށްގެންދެވޭ ނިޒާމަކަށް ހެއްދެވުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މި ތަޢާރަފްވެގެންދިޔަ "މޯލްޑިވްސް ހެލްތް ލައިން" އަކީ މިކަމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

"މޯލްޑިވްސް ހެލްތް ލައިން"ގެ ދަށުން އެކި ދާއިރާގެ ޑޮކްޓަރުން ވަކި ޕްލޭނެއްގެ ދަށުން ޤަވައިދުން ރަށްރަށަށްގޮސް އައުޓް-ރީޗް ޕްރޮގްރާމްތައް ހިންގާނެއެވެ. މީގެ ސަބަބުން ރައްޔިތުން ޞިއްޙީ ޚިދުމަތް ހޯދަން އެއްރަށުން އަނެއްރަށަށް ދާންޖެހޭ ޖެހުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

މޯލްޑިވްސް ހެލްޕް ލައިންގެ ދަށުން މަލްޓިޕަރޕަސްކޮށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ 20 ސްޕީޑް ލޯންޗް 20 އަތޮޅަށް ފޯރުކޮށްދޭނެއެވެ. މީގެތެރެއިން 7 އަތޮޅަކަށް މިހާރު ވަނީ ސްޕީޑްބޯޓް ހަވާލުކޮށްފައެވެ. ހުރިހާ އަތޮޅަކަށް ފޯރުކޮށްދެނީ 38 ފޫޓުގެ ދިގުމިނުގެ ބޯޓުތަކެކެވެ. ނަމަވެސް ހުވަދު އަތޮޅު އަދި ފުވައްމުލަކަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 42 ފޫޓުގެ ބޮޑެތި ސްޕީޑް ބޯޓްތަކެއްކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

"މޯލްޑިވްސް ހެލްތް ލައިން" އިފްތިތާހުކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، މި ހެލްތް ލައިން ވެގެންދާނީ ޞިއްޙީ ޚިދުމަތައް އެއްރަށާއި އަނެއްރަށް ގުޅުވާލުމަށް އަތޮޅުތަކުގައި ކުރިއަށްގެންދާ އައުޓްރީޗް ޕްރޮގްރާމްތައް ފުރިހަމަކުރެވޭނެ މުހިންމު ނިޒާމަކަށްކަމަށެވެ. މިއާއެކު ރަށްރަށަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ކަށަވަރުކޮށްދެވޭނެކަމަށެވެ. ބޭހާއި ލެބޯޓްރީ ސާމްޕަލް އަދި ބަލިމީހުން އުފުލުމަށްވެސް މި ނިޒާމުގެ ސަބަބުން ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފުރަތަމަ ބުރުގައި 8 ލޯންޗް ހަވާލުކުރެވޭއިރު ކޮންމެ މަހަކު 2 ލޯންޗް އިތުރުކުރަމުންގޮސް ޖުމްލަ 20 އަތޮޅަށް މި ހިދުމަތް ފުޅާކުރެވޭނެ. އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުން މި ހުރިހައި ލޯންޗެއް ނިވެމްބަރުގެ ތެރޭގައި ނިމި ހަވާލުކުރެވޭނެ. މިއަދު ކަނޑުގެ ފްލީޓް ތައާރަފްކުރިއިރު ކުރިއަށްއޮތް ތަނުގައި އުންމީދަކީ ވައިގެ ނިޒާމުންވެސް ރަށްރަށް ގުޅިގެން ދިއުން. އަޅުގަނޑުމެންގެ އަމާޒަކީ ސިއްހީ ހިދުމަތް ހޯދަން ރަށްރަށައް ކުރަންޖެހޭ ދަތުރު ވީހާވެސް މަދުކުރުން." މިނިސްޓަރ ވިދާޅުވިއެވެ.

އެސް.ޓީ.އޯއާއި ގުޅިގެން މުޅި ރާއްޖޭގައި ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއްރަށުން އަނެއްރަށަށް ޑްރޯން މެދުވެރިކޮށް ސާމްޕަލް އެމަރޖެންސީ މެޑިސިން ފޮނުވުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

މޯލްޑިވްސް ހެލްތް ލައިން މި ޕްރޮޖެކްގެ އަގަކީ 54.5 މިލިއަން ރުފިޔާއެވެ. އެގޮތުން މި ލޯންޗްތަކުގެ ޖުލްމަ އަގަކީ 50 މިލިއަން ރުފިޔާއެވެ. އަދި ޑްރޯންތަކުގެ އަގު 4.5 މިލިއަން ރުފިޔާއަށް އަރާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.