ޚަބަރު

ރައްޔިތުން ބޭނުންވާނަމަ އާބާދީދާއި ތަރައްޤީ އެއްފަސްކުރަން އިސްދަންދޭނަން: މުޢިއްޒު


  • އާބާދީ އެއްފަސް ކުރާނީ ބޯހިޔާވަހިކަމަށް ހޯދައިދީފައި

  • ފޮނަދޫ އާ ގަމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދޭނަން

  • ލ.ބަރެސްދޫގައި ރިސޯޓްއެއް ތަރައްޤީކޮށްދޭނަން

ރައްޔިތުން ބޭނުންވާނަމަ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަށް ހާއްސަ އިސްކަމެއްދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ މުޢިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ލ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ. މުޢިއްޒް ވިދާޅުވީ، އާބާދީއާއި ތަރައްޤީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ލ. އަތޮޅުގެ ކުދި އާބާދީތަކުން ބޮޑެތި އާބާދީތައް އޮތް ރަށްތަކަށް ބަދަލުވާން ބޭނުވާ ފަރާތްތަކަށް ގެދޮރުވެރިކަން ހޯއްދަވައިދެއްވާނެކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ޕީއެންސީން ކުރިއަށް އޮތް 5 އަހަރު އެންމެ ބޮޑު އިސްކަމެއްދޭނެ އެއް ކަންތައްކަން ފާހަގަކުރައްވާ ޑރ. މުޢިއްޒް ވިދާޅުވީ، ލ. އަތޮޅުގައި ބޯހިޔާވަހިކަމުގެ މުހިންމު މަޝްރޫއުތަކެއް ކުރިއަށްގެންދަވާނެކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް ދަނޑުވެރިކަމުގެ ސިނާއަތްވެސް ލ. އަތޮޅުގައި ފުޅާކުރައްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަވާނެކަމަށާއި، އެގޮތުން ފޮނަދޫއާއޮ ގަމުގައި ނުހަދާ ހުރި، ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރައްވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެއަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް ބަރެސްދޫގައި ރިސޯޓްތަރައްޤީކޮށް އެކަން ހަޤީޤަތަކަށް ހައްދައިވައިދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.