ޚަބަރު

ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރގެ ޚިދުމަތް ފަށްޓަވައިފި


  • ޚިދުމަތްތައް ދިނުމުގައި ވަށައިޖެހޭނެ ގޮތަކަށް ކަންކަން ރޭވިފައި ހުރުން މުހިއްމު

  • މިސެެންޓަރުގައި 7 ފިޒިއޮތެރަޕިސްޓުން މަސައްކަތް ކުރައްވާނެ

  • އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ރިހިބިލިޓޭޝަން ފަރުވާތައް ފޯރުކޮށްދޭނެ

  • ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން ރޭގަނޑު 10:00އަށް ޚިދުމަތް ލިބޭނެ

ސަރުކާރުން ހުޅުމާލޭގައި ޤާއިމްކުރި، ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވާފައި ވަނީ، މިހާރު އިންފެކްޝަސް ޑިޒީޒް މެނޭޖްމެންޓް ސެންޓަރވެސް ހިނގަމުން އަންނަ ހުޅުމާލެ އޮރެންޖް ހިޔާ ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަަކަފުޅުގައި، ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވިގެން ދިޔުމަކީ، ހުޅުމާލެ ހޮސްޕިޓަލުން ވަށައިޖެހޭ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ކުރެވުނު މުހިއްމު މަސައްކަތެއްކަމުގައި ވިދާޅުވިއެވެ.

މިގޮތުން މިހާރުވެސް ހުޅުމާލެ ހޮސްޕިޓަލްގައި ހިންގާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ އިން ޚިދުމަތް ހޯދާ ފަރާތްތަކުގެ އުމުރުން 18 އަހަރު ފުރުމުން، ދެން ހަދާނެ ގޮތަކާއި މެދު ކަންބޮޑުވެފައިވާ ބެލެނިވެރިންގެ ކަންބޮޑުވުންތައް މިސެންޓަރާއެކު ނެތިގެންދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްތައް ލިބިދިނުމުގައި ވަށައިޖެހޭނެ ގޮތަކަށް ކަންކަން ރޭވިފައި ހުރުން މުހިއްމު ކަމުގައި ވިދާޅުވިއެވެ. މިގޮތުން އެފަދަ ފަރާތްތަކަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާއި ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ޚިދުމަތް ހޯދުމުގައި ލުއިފަސޭހަކޮށްދިނުމަށް، މުޅި މުޖުތަމަޢުގެ އެންމެން އަދާކުރަންޖެހޭ ފަރުދީ ޒިންމާތަކުގެ މައްޗަށްވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް މުޖުތަމަޢުގައި ތިބި ބައެއްކަން ހަނދާންކޮށް، އިޝްތިހާރު ފަދަ ތަކެތި ބޭނުންކޮށްގެން މަޢުލޫމާތު ފޯރުކޮށް ދިނުމުގައި ހުރިހާ ބާވަތެއްގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް މަޢުލޫމާތު ފޯރުކޮށްދެވޭނޭ ގޮތަށް މަސައްކަތްތައް ކުރަން ޖެހޭ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، މިސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީ ބޮޑުކުރުމާއި، ތެރަޕިއުޓިކް ފަރުވާ ހިލޭ ލިބޭނެ މަގު ފަހިކޮށްދިނުމާއި، އެފަރާތްތަކަށް ޚިދުމަތް ދިނުމަށް އިތުރު ސެންޓަރތައް ޤާއިމްކުރުން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގައި ކުރިޔަށް ދިޔުމަށް ސަރުކާރުން ފަހިކޮށްދެވޭ ފުރުޞަތުތަކާއިއެކު، ބައިނަލް އަޤުވާމީ ކުޅިވަރުގެ މައިދާނުގައި އެފަރާތްތަކުން ކާމިޔާބީތައް ހޯދަމުން އަންނަކަމުގައިވެސް ވިދާޅުވިއެވެ.

ޒަމާނީ ވަޞީލަތްތަކާއި އެކު، މިއަދު ރަސްމީކޮށް ހުޅުވިގެން ދިޔަ، ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހިންގަމުންދާނީ ހުޅުމާލެ ހޮސްޕިޓަލްގެ ދަށުންނެވެ. މިސެންޓަރު މިއަދު ހުޅުވިގެން ދިޔައިރު، މިސެެންޓަރުގައި 7 ފިޒިއޮތެރަޕިސްޓުން މަސައްކަތް ކުރައްވަމުން ގެންދަވާނެއެވެ. މިސެންޓަރުން އުފެދުމުގައި އެކި އެކި މައްސަލަތައް ހުރުމުގެ ސަބަބުން ތަފާތު ފަރުވާއާއި ތަމްރީންތައް ބޭނުންވާ ފަރާތްތަކަށާއި، ދިރިއުޅުމުގައި ދިމާވާ ހާދިސާއެއް، އެކްސިޑެންޓެއް ނުވަތަ ސްޓްރޯކެއް ޖެހުން ފަދަ ކަމަކުންވެސް އެފަރާތްތަކަށް ވަގުތީގޮތުން ކުރިމަތިވާ ޙާލަތްތަކުން އަރައިގަނެ އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލައަށް އުޅެވޭނެ ޤާބިލްކަން ހޯދައިދިނުމަށްޓަކައި ބޭނުންވާ ރިހިބިލިޓޭޝަން ފަރުވާތައް ފޯރުކޮށްދޭނެއެވެ.

މިސެންޓަރު ހުޅުވިފައި ހުންނާނީ، ހުކުރު ދުވަހާއި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00އިން ރޭގަނޑު 10:00އަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިސެންޓަރުގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، ސަރުކާރުން ވަނީ އެސެންޓަރަށް އާރްޓީއެލް ބަހުގައި ދަތުރުކުރެވޭނެގޮތަށްވެސް ބަސްދަތުރުތައް ހަމަޖައްސަވައިދެއްވާފައެވެ.