ޚަބަރު

ހައްޓަށް ފަސޭހަ، ޖީބަށް ލުއިކޮށްދިން ފެރީ ނިޒާމް، 322000 މީހުން ދަތުރުކޮށްފި


  • އާރްޓީއެލްގެ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު

  • ހއ، ހދ، ށ އަތޮޅުން އާރްޓީއެލްގައި 3ލައްކައަށްވުރެ ގިނަ މީހުން ދަތުރުކޮށްފި

  • އެންމެ ދެކުނުގެ 4 އަތޮޅުވެސް މިހާރު ވަނީ ގުޅާލާފައި

ފަސޭހަ، އަގުހެޔޮ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ގުޅާލުމަށް ސަރުކާރުން ފެއްޓެވި މަސައްކަތުގެ ދަށުން، "ރާއްޖެ ޓްރާންސްޕޯޓް ލިންކް" އާރްޓިއެލްގެ ދަތުރުތައް ފުރަތަމަ ފެށީ ރާއްޖޭގެ އެންމެ އުތުރުންނެވެ. މިދިޔަ އަހަރުގެ ޖުލައި 22ވަނަ ދުވަހު މި ޚިދުމަތުން އެންމެ ފުރަތަމަ ގުޅާލީ، ހއ، ހދ އަދި ށ އަތޮޅެެވެ.

ދިއްދުއާއި ކުޅުދުއްފުއްޓަށް ސިއްޙީ ޚިދުމަތަށް ކުރާ ދަތުރާއި އަދި އެއަރޕޯޓްގެ ޚިދުމަތް ހޯދުމަށް ރަށްރަށުގެ މެދުގައި ކޮންމެ ދުވަހަކުވެސް ރައްޔިތުން އެތަށް ދަތުރެއް ކުރަމުން އައެވެ. އެންމެ ކައިރިއަށް ކުރާ ދަތުރުތައްވެސް ކުރަމުން އޭރު އައީ 500ރ އާއި1000 ރުފިޔާއާއި ދެމެދުގެ އަގުތަކުގައެވެ.

މިހެން އޮއްވާ އާރްޓީއެލްގެ ޚިދުމަތް ފެށުން ވެގެންދިޔައީ ރައްޔިތުންނަށް، ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ. ކޮންމެ ދުވަހަކު ދަތުކުރެވޭނެކަމުގެ ޔަގީންކަން ލިިބި، އަގު ހެޔޮ، އަރާމު، ޖީބަށް ލުއި ހައްޓަށް ފަސޭހަ ޚިދުމަތަކަށް މި ޚިދުމަތް ބަދަލުވެގެން ދިޔައީއެވެ.

މި ޚިދުމަތް ރާއްޖޭގައި ފަށައި އަހަރެއްވިއިރު، މިހާތަނަށް އުތުރުގެ ރަށްތަކުން އާރްޓީއެލްގައި 322238 ފަހަރު މީހުން ދަތުރުކޮށްފިއެވެ. މިއީ ދަތުރުފަތުރުގެ ނިޒާމަށް އައި ބޮޑު އިންގިލާބީ ބަދަލެވެ. ބޮޑުތިލަދުންމަތީގެ ތިން އަތޮޅުގައި މީހުން ދިރިއުޅޭ 41 ރަށް އޮވެއެވެ.

އާންމު ޚިދުމަތް ހޯދާ ރަށްތަކަށް ބަލާއިރު، ކުޅުދުއްފުއްޓަށް އެކަނިވެސް ލައްކައަކަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވެއެވެ. އެއީ 103026މީހުންނެވެ.

މީގެއިތުރުން ހދ. ހަނިމާދުއަށް 28654މީހުން، ހ.އ ދިއްދުއަށް 27069 މީހުން އަދި ށ.ފުނަދުއަށް 19250 މީހުން މިހާތަނަށް އާރްޓިލްގައި ދަތުރުކޮށް ޚިދުމަތް ހޯދާފައިވެއެވެ.

މި ޚިދުމަތް އެންމެ ފަހުން ފެށީ ހުވަދު އަތޮޅުގައެވެ. ހުވަދު އަތޮޅުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ.

ހުވަދުއަތޮޅުގައި އާރްޓީއެލްގެ ތަޖުރިބާ ދަތުރުތައް ފެށީ، ޖުލައި 13ވަނަ ދުވަހުއެވެ. ތަޖުރިބާ ދަތުރުގައި މިވީ މަހެއްހާ ދުވަހު، އެ އަތޮޅުގައި 10836 މީހުން ފެރީ ނިޒާމުގެ ބޭނުން ހިފާފައިވެއެވެ. އެގޮތުން ސަރަޙައްދުގެ މައި ރަށަށް، ތިނަދުއަށް 2896މީހުން އާރްޓީއެލްގައި ދަތުރުކޮށްފައިވެއެވެ.

މި ނިޒާމުގެ އެންމެ ބޮޑު އެއް ބޭނުމަކަށްވަނީ ކުދި ރަށްތައް އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ރަށްރަށުގެ ރައްޔިތުން ރަށު ބަންދުން ވީއްލި އެހެން ރަށްތަކޭ އެއްގޮތަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމެވެ. ހުވަދުއަތޮޅުގައި ވަކިން އޮންނަ ކުޑަކުޑަ ނަޑެއްލާއަށް ބަލާއިރު، އެރަށުގެ 362 މީހުން، މިދިޔަ މަހެއްހާ ދުވަހު އާރްޓީއެލް މެދުވެރިކޮށް ދަތުރުކޮށްފައިވެއެވެ. މިއީ 500އެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެކެވެ.

"ކުރިން ކޮލަމާފުށިން ވަކިން ލޯންޗް ހިފައިގެން ވިލިންގިއްޔަށް ދެވެނީ 2500އަށް، މިހާރު 100 ރުފިޔާ. ތިނަދުއަށް 3000އަށް ކުރި ދަތުރު 125އަށް. އެހެންވީމަ ޖީބަށް ވަރަށް ލުއިވެގެން މިދިޔައީ. އަދި ވަރަށް ލުއި އާރާމު ހިތްހަމަޖެހޭ ފަސޭހަ ދަތުރެއް މިހާރު މިކުރަނީ." ހުވަދޫގެ ރައްޔިތަކު ބުންޏެވެ.

ސަރުކާރުން މިހާރުވަނީ ދެކުނުގެ ވިއުގައިގެ ތެރޭގައި ފުވައްމުލަކާއި އައްޑޫ ސިޓީގައިވެސް އާރްޓީއެލްގެ ތަޖުރިބާ ދަތުރުތައް ފަށާއެވެ. މިއާއެކު އެންމެ ދެކުނުގެ 4 އަތޮޅު ގުޅި، އިޤްތިޞާދީ ބޮޑު ކުރިއެރުމެއް އަންނާނެކަމަށްވެސް ރައްޔިތުން ޤަބޫލުކުރެއެވެ.

"މިހާރު އާރްޓީއެލްގައި އައިސް ޗުއްޓީ ހޭދަކޮށްލާފައި މީހުން އެބަދޭ. ގެސްޓްހައުސްތަކަށް، ފިހާރަތަކަށް، ކެފޭތަކަށް އިތުރު އާމްދަނީއެއް މިވަންނަނީ." ހުވަދޫގެ އެހެން މީހަކު ބުންޏެވެ.

އާރްޓީއެލްގެ ޚިދުމަތް ދެނީ، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއްވެސް ފީއެއް ނުނަގައެވެ. އެގޮތުން މިހާތަނަށް ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ 19000އަށްވުރެ ގިނަ މީހުންނަށް އާރްޓީއެލްގައި ޚިދުމަތް ދީފައިވެއެވެ.

ސަރުކާރުން ދެން އެންމެ އަވަހަށް އާރްޓީއެލްގެ ޚިދުމަތް ފަށާނީ، ނ އަތޮޅުގައެވެ. މި މަޝްރޫއުގެދަށުން، ރާއްޖެ ހައި ސްޕީޑް ފެރީން ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

މިއީ ރާއްޖޭގެ ދަތުރުފަރުގެ ނިޒާމަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނުވި ޚިދުމަތެކެވެ.