ޚަބަރު

އިހަވަންދޫ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފަށައިފި


  • އިހަވަންދޫގައި ތަަރައްޤީ ކުރަނީ 30 އެނދުގެ ހޮސްޕިޓަލެއް

  • ހޮސްޕިޓަލާއެކު އެކަމަޑޭޝަން ބްލްކެއްވެސް އަޅާނެ

  • ބޮޑެތި ބަލިތަކަށް ޞިއްޙީ ޙިދުމަތް ހޯދުމަށް ކުރާ ދަތުރުނިމުކަމަށް އަންނާނެ

ހއ.އިހަވަންދޫގައި ސަރުކާރުން ތަރައްޤީކުރާ އައު ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިނިސްޓްރީ އޮފް ހެލްތުން އެރަށުގައި އައު ހޮސްޕިޓަލެއް އެޅުމަށް ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއްކަމަށްވާ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އިހަވަންދޫގައި 30 އެނދުގެ އައު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމާ އެމަސައްކަތް ކުރުމަށް އެކުންފުންޏާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެރަށުގައި ހޮސްޕިޓަލެއް ތަރައްޤީ ކުރަނީ އެރަށަކީ އާބާދީ ބޮޑުރަށަކަށް ވުމާއެކު އެއަތޮޅުގެ ވެރިކަން ކުރާ ދިއްދޫ އާ ދުރުގައި އޮންނަ ރަށަކަށްވުމުންނެވެ.

އިހަވަންދޫގެ މިހާރުގެ ސިއްޙީ ހާލަތަށް ބަލާއިރު މިސަރުކާރު ވެރިކަމާ ހަވާލުވެ، ކުރިން ނުލިބޭ އެތައް ޚިދުމަތެއް ވަނީ ޤާއިމްކޮށްފައެވެ. އިހަވަންދޫގެ ބައެއް ރައްޔިތުން ބުނީ، އެރަށުގައި މިހާރު ފޯރުކޮށްދެމުންދާ ޞިއްޙީ ޚިދުމަތަކީ އެވަރުގެ އާބާދީއަށް އެންމެ އެކަށޭނެ ޞިއްޙީ ޚިދުމަތެއް ނޫންކަމަށާ، އެޚިދުމަތަކީ ފުޅާކުރަންޖެހޭ މުހިންމު ޚިދުމަތެއްކަމަށެވެ. އަދި ސަރުކާރުން އެރަށަށް ދެންނަމުންދާ ތަރައްޤީއާ އެއްވަރަށް ޞިއްޙީ ޚިދުމަތްވެސް ފުޅާވާން ޖެހޭކަމަށް އެރަށު ރައްޔިތުން ޤަބޫލުކުރެއެވެ.

"މިރަށް ވަރަށް ތަރައްޤީވަމުން މިދަނީ އާބާދީއާ އެއްވަރަށް ޞިއްޙީ ނިޒާމްވެސް ފުޅާވާން ޖެހޭ އަދި މިރަށަށް އަންނަމުންމިދާ ތަރައްޤީއަކީ ދުވަހަކުވެސް މީގެ ކުރިން ނުފެންނަވަރުގެ ތަރައްޤީއެއް" އިހަވަންދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ބޮޑު އާބާދީއެއް އޮތްނަމަވެސް އެރަށުގައި މިވަގުތު ސިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދަނީ ސިއްޙީ މަރުކަޒަކުންނެވެ. އައު ހޮސްޕިޓަލާއެކު ރައްޔިތުން ބޮޑެތި ބަލިތަކަށް ފަރުވާހޯދުމަށް ކުރާ ދަތުރުތަކަށް ނިމުން އަންނާނެކަމަށް އެރަށު ރައްޔިތުން ޤަބޫލުކުރެއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫޢުގެ ފައިނޭންސަރ އަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. މިއީ ދައުލަތުގެ ބަޖެޓުން 123 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ހޮސްޕިޓަލެކެވެ. 30 އެނދުގެ މިހޮސްޕިޓަލުގައި އެކޮމޮޑޭޝަން ބްލޮކަކާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޢިމާރާތެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިކަމުގެ އަމަލީ ފެށުމުގެ ގޮތުން އެރަށުގައި ވަނީ ހަވާއެރުވުމުގެ ހަރަކާތްތައްވެސް ކުރިއަށްގެންގޮސްފައެވެ.